Advertisement

މަހަކު އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ގޮތަށް ސަރުކާރުން ސެންޓާވިއު އާއެކު ހެދި އެއްބަސްވުން އުވާލައިފި

ފޮރިން މިނިސްޓަރު ޒަމީރު އަދި ސެންޓާވިއުގެ ފައުންޑަރު ބްލެއާ ވޭން އެފްރޮން. ސަރުކާރުން މި އެއްބަސްވުން ހެދިކަން ވެސް ހާމަނުކުރޭ


މަހަކު އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ގޮތަށް ސަރުކާރުން ސެންޓާވިއު އާއެކު ހެދި އެއްބަސްވުން އުވާލައިފި

މަހަކު އަށް ލައްކަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ގޮތަށް އެމެރިކާގެ ސެންޓާވިއު އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން އުވާލައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސެންޓާވިއު އައްޔަން ކުރީ މަހަކު 55،000 ޑޮލަރު ނުވަތަ 8448،100ރ. ގެ ރީޓެއިނާ އެގްރިމެންޓެއްގެ ދަށުންނެވެ. ނަމަވެސް ސަރުކާރުގެ ފަޅިން އެ އެގްރިމެންޓު މިހާރު އުވާލާފައިވާކަން މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ސެންޓާވިއު އައްޔަން ކުރިކަން ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ މަސްދަރަކާ ހަވާލާދީ ނިއުސް އެޖެންސީ ރޮއިޓާސް އިން ވަނީ އެ ހަބަރު މި ހިނގާ އޮކްޓޯބަރު 12، ގައި ގެނެސްދީފަ އެވެ.

ސެންޓާވިއު އައްޔަން ކުރީ ސަރުކާރަށް މާލީ ލަފާ ހޯދުމަށެވެ. ނަމަވެސް އައްޔަން ކުރިތާ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފާމްއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލި ސަބަބެއް ނޭނގެ އެވެ. ލަފާ ހޯދާނެ އިތުރު ބަޔަކު ސަރުކާރުން އައްޔަން ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް ވެސް އަދި ނޭނގެ އެވެ.

ސެންޓާވިއުގެ ފައުންޑަރު ބްލެއާ ވޭން އެފްރޮންއަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްލުހޭދު ކުރުމަށް ސަޕޯޓު ހޯދަން މަސައްކަތް ކުރާ އެމެރިކަން އިޒްރޭލުން ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އަށް ހަރަދު ކުރާ ވަރަށް ބޮޑު ޑޯނަރެކެވެ.

އާންމުކޮށްފައިވާބައެއް މައުލޫމާތަށް ބަލާއިރު، މި އަހަރު ވެސް މަދުވެގެން އަށް ފަހަރަކު އެފްރޮން ވަނީ އައިޕެކަށް ފައިސާ ހަދިޔާކޮށްފަ އެވެ. މި އަހަރު މަދުވެގެން 8،000 ޑޮލަރު އޭނާ ވަނީ އައިޕެކަށް ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން އެފްރޮންއަކީ އިޒްރޭލުގެ ލޮބީ ގްރޫޕުތަކަށް ހަރަދު ކުރާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރް) ގެ މެންބަރެކެވެ. ސީއެފްއާރްއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަމިއްލަ އޮގަނައިޒޭޝަންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރައްވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ޑޯނާ ލިސްޓަށް ބަލާއިރު 2021-2022 ވަނަ އަހަރު އެފްރޮން ވަނީ އެ ޖަމިއްޔާއަށް 100،000 އަށް ވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފަ އެވެ.

ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 118 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ، ހަރަދުތައް ކުޑަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖޫން މަހުގެ ތެރޭގަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ޖޫން 27، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ވެސް، މާލީ ރިފޯމްތައް ތަންފީޒު ނުކުރެވި ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވި އެވެ. އަދި އޭގެ ފަހުން ކްރެޑިޓް ރޭޓިން ދެ އެޖެންސީ ކަމަށްވާ ފިޗް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރި އެވެ.

ސަރުކާރަށް ކިރިޔާ ވެސް ހިންދެމިލެވުނީ އިންޑިއާއަށް ސެޕްޓެމްބަރު މަހު ދައްކަން ޑިއުވި 50 މިލިއަން ޑޮލަރުގެ ލޯނެއް އެ ގައުމުގެ ސަރުކާރުން ރޯލްއޯވާ ކުރުމުންނެވެ. އޭގެ ފަހުން ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން، 400 މިލިއަން ޑޮލަރު އަދި ތިން ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.