21 އޮކްޓޯބަރު 2024 - 14:45 0
ހަސަން މުހައްމަދު
ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އަލަށް ނެގި ލޯނު އަނބުރާ ދައްކަންޖެހޭނީ ހަ އަހަރުގެ މުއްދަތަކަށް ބަހާލައިގެން -- ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރު 2024 - 14:45 0
ދިވެހި ސަރުކާރުން ޗައިނާއަށް ދައްކަންޖެހޭ ލޯނު ދައްކަން، ރިފައިނޭންސް އެގްރިމެންޓެއްގެ ދަށުން އަނެއްކާ ވެސް 74.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ 74،767،699 ޑޮލަރު (1.1 ބިލިއަން ރުފިޔާ) ރިފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި ސެޕްޓެމްބަރު 23، 2024، ގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާ ޒަމީރު ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަލުން ނެގި ލޯނު، ދައްކަންޖެހޭނީ ހަ އަހަރު ދުވަހުގެ ތެރޭގަ އެވެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ތިން އަހަރު ވަނީ ދީފަ އެވެ.
ރިފައިނޭންސް މި ކުރަނީ ޑިސެމްބަރު، 2015، ގައި ސަރުކާރުން ނެގި ލޯނެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނެކެވެ. އެއީ ޖުމުލަ 373.8 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މައުލޫމާތުގައި ބުނެފައި އޮތީ ލޯނު ރިފައިނޭންސް ކުރުމުން ދައުލަތުގެ ކޭޝްފްލޯ އަދި ރިޒާވަށް ކުރަންޖެހޭ ހަރަދު، މެދު ރާސްތާގައި ކުރަންޖެހޭ ހޭދަތައް ކުޑަވާނެ ކަމަށެވެ.
"ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރަންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނެ ލޯނެއް ރިފައިނޭންސް ކުރެވުމުން، މިހާރު ދައްކަންޖެހޭ ދަރަނި އަހަރުތަކަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ. މިގޮތުން ދައުލަތުގެ ކޭޝްފްލޯ އަދި ދައުލަތުގެ ރިޒާވްއަށް މެދު ރާސްތާގައި ކުރަންޖެހޭ ހޭދަ ކުޑަކުރެވި ފިސްކަލް ސަސްޓެއިނަބިލިޓީ ދަމަހައްޓަން މަގުފަހިގެންދާނެ،" ސަރުކާރުން ބުނެފައިވެ އެވެ.
ލޯނު ދައްކަން ލުއި ގޮތްތަކެއް ދިވެހި ސަރުކާރުން އެދުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެެއިންނެވެ.
ނަމަވެސް ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ލޯނު ރިފައިނޭންސް ނުވަތަ ރިސްޓްރަކްޗާނުކޮށް ބަރާބަރަށް ދެއްކުން ކަމަށް ޗައިނާގެ ސަފީރު ވާންގް ލީޖިންގް މެއި، 2024، ގައި ވިދާޅުވި އެވެ. ލޯނު ރިފައިނޭންސް ކޮށްފި ނަމަ އިތުރު ލޯނެއް ނަގަން ދަތިވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 118 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.
Comment