Advertisement

އެޗްއާރުސީއެމްގެ ސްޓާފަކަށް ދިން ސްކޮލާޝިޕް ނުނިންމާ އައުމުން 430،000ރ. އަނބުރާ ނުހޯދާ

6 އޮކްޓޯބަރު 2022 - 10:25 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެޗްއާރުސީއެމްގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި. -ފައިލް ފޮޓޯ: އެޗްއާރުސީއެމް


އެޗްއާރުސީއެމްގެ ސްޓާފަކަށް ދިން ސްކޮލާޝިޕް ނުނިންމާ އައުމުން 430،000ރ. އަނބުރާ ނުހޯދާ

6 އޮކްޓޯބަރު 2022 - 10:25 0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފަކަށް ހަމަޖައްސައިދިން ސްކޮލާޝިޕެއް ފުރިހަމަނުކޮށް އަނބުރާ މާލެ އައުމުން، އެއްބަސްވުމާ އެއްގޮތަށް އެ ކޯހަށް ހިނގި ހަރަދު އެ މުވައްޒަފުގެ އަތުން އަނބުރާ ހޯދާފައިނުވާ މައްސަލައެއް އޮޑިޓު އޮފީހުން ފާހަގަކޮށްފި އެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، 2013 ވަނަ އަހަރު އެ ކޮމިޝަނުގެ މުވައްޒަފަކު "މާސްޓާސް އިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން" ކޯސް ފުރިހަމަކުރަން ދީފައިވާ އެއް އަހަރު ދުވަހުގެ މުއްދަތުގައި ކޯސް ފުރިހަމަނުކޮށް އެނބުރި މާލެ އައިސްފައިވީ ނަމަވެސް، އެ މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

މިގޮތުން، އެ އެއްބަސްވުމުގައި، ކޯސް ފުރިހަމަނުކޮށްފިނަމަ، އެހާތަނަށް ދީފައިވާ ފައިސާ އާއި ކޯހަށް ކުރެވިފައިވާ ހަރަދު، ކޮމިޝަނުން އަންގާ ގޮތެއްގެ މަތީން އެ މުވައްޒަފު އަނބުރާ ދައްކާ ހަލާސްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ނަމަވެސް، އެ މުވައްޒަފުގެ ކޯހަށް ހިނގާފައިވާ ޖުމްލަ ހަރަދަށްވާ 430،073ރ. ތެރެއިން އެއްވެސް ފައިސާއެއް 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ކޮމިޝަނުން އަނބުރާ ހޯދާފައިނުވާކަން ފާހަގަކުރަމެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

އެ އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނީ، މާލީ ހާލަތު ހުރި ގޮތުން، އެ ފައިސާ އަނބުރާ ދެއްކެން ނެތް ކަމަށާއި އެ ފައިސާ މައާފުކޮށްދިނުމަށް އެދި ތިން ފަހަރެއްގެ މަތީން އެ މުވައްޒަފު އެދިފައިވާ ކަމަށެވެ.

އެ އެދުމުގެ ޖަވާބުގައި ސެޕްޓެމްބަރު 2017 ގައި، އެ ފައިސާ މައާފުކޮށްނުދެވޭނެ ކަމާއި ދިގު މުއްދަތަކަށް ބަހާލައިގެން އެ ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި ދެވިދާނެކަމަށް އެ މުވައްޒަފަށް އެޗްއާރުސީއެމުން ބުނެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް، މާލީ ހާލަތު ހުރި ގޮތުން، ލުއި ގޮތަކަށް ވެސް އެ ފައިސާ އަނބުރާ ދެއްކެން ނެތް ކަމަށް އެ މުވައްޒަފު އޮކްޓޯބަރު 2017 ގައި ކޮމިޝަނަށް އަންގާފައިވާއިރު، އޭގެ ފަހުން އެ ފައިސާ އަނބުރާ ހޯދަން އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.

މީގެ އިތުރުން، އެޗްއާރުސީއެމާއި މުވައްޒަފާ ދެމެދު ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެސް، ކޯސް ފަށާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތުގެ އެތައް މަހެއް ފަހުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ދައުލަތަށް ލިބެންޖެހޭ ފައިސާ، މާލިއްޔަތު ގަވައިދާ އެއްގޮތަށް ޝަރީއަތަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި ލަސްނުކޮށް އެކަން ކުރުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.