Advertisement

ޕީއެންސީގެ ކެންޑިޑޭޓުން ދޫކޮށް ސަރުކާރު ކެންޑިޑޭޓުން ނެގުމުން އެޗްއާރްސީއެމްގެ ކަންބޮޑުވުން

20 އޭޕްރީލް 2024 - 12:56 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް މުއިއްޒު ޕީއެންސީގެ ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިޔާދު/އަދަދު


ޕީއެންސީގެ ކެންޑިޑޭޓުން ދޫކޮށް ސަރުކާރު ކެންޑިޑޭޓުން ނެގުމުން އެޗްއާރްސީއެމްގެ ކަންބޮޑުވުން

20 އޭޕްރީލް 2024 - 12:56 0

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ތިއްބައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރީ-އިލެކްޝަން މަރުހަލާ މޮނީޓާކޮށް އެޗްއާރްސީއެމުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ހޮވުނު ކެންޑިޑޭޓުންނަށް ތާއީދުނުކޮށް އެ ކޯލިޝަނުން އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމުން، ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ހޮވުމުގެ ހައްގު ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ ފަރާތެއް އިހްތިޔާރު ކުރުމުގެ ހައްގަށް އުނިކަމެއް އައުމަށް ފުރުސަތު އޮތް ކަމެއް،" އެ ބަޔާނުގައިވެ އެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ތާއީދުކުރާ "ސަރުކާރު" ކެންޑިޑޭޓުންގެ ތެރޭގައި ޕީއެންސީ ނޫން ކެންޑިޑޭޓުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ހުއްޓާ ރައީސް އަދި ސަރުކާރުން އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާ ދާއިރާތައް ވެސް ހިމެނެ އެވެ.

މިސާލަކަށް، ތ. ތިމަރަފުށި ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓު، އިބްރާހިމް ސަނާހު (ސަންޓޯ) ހުންނަވަނިކޮށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުންނާއި ޕީއެންސީގެ އިސްވެރިން ވެސް ތާއީދުކުރަނީ، ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އަހުމަދު ރިޔާޒަށެވެ.

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ މުހައްމަދު އަފްތާބު (އާޕް) އަށް ތާއީދު ނުކޮށް ޕްރައިމަރީގައި ބަލިވުމުން، މިހާރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އާމިނަތު މިޔާދާ (އާނަ) އަށް ތާއީދުކުރުމަށް ވެސް ރައީސް ނިންމަވާފައިވާކަމަށް 'އަދަދު' އަށް މައުލޫމާތު ލިބެ އެވެ.

މިނޫނަސް މިފަދަ ދާއިރާތައް ހުރިއިރު، އެފަދަ ދާއިރާއަކުން ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު ހޮވިއްޖެނަމަ ސަރުކާރުން އެ ކެންޑިޑޭޓަކާއެކު މަސައްކަތް ކުރާނެކަން ސާފުކުރުމަށް "އަދަދު" އިން ތަކުރާރުކޮށް ސުވާލު ކުރުމުން ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ޔަގީނަށްވެސް ހޮވެނީ ރައީސްގެ ކެންޑިޑޭޓުން ކަމަށެވެ.

"މިއީ ސިޔާސީ ކެމްޕޭނެއް، އަޅުގަނޑުމެންގެ ތަފާސްހިސާބުތަކެއް ވެސް ހުންނާނެ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އަޅުގަނޑުމެންގެ ތާއީދުކުރާ، ރައީސުލްޖުމްހުރިއްޔާ ތާއީދުކުރާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް، އެއީ ޖަވާބަކީ" ހީނާ ވިދާޅުވި އެވެ.