20 އޭޕްރީލް 2024 - 08:20 0
މަރިޔަމް އަފާ ނިޒާމް
20 އޭޕްރީލް 2024 - 08:20 0
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ޕްރޮޖެކްޓުތައް އިއުލާނު ކުރުމުން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
މާދަމާ ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކަންކަން ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބު އިއުލާނުކުރި ފަހުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 100 އަށް ވުރެ ގިނަ ރަށަށް ދަތުރުކޮށް، އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު [ޖެނުއަރީ 30] ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވޭ. ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ ކުރުން މުހިންމު ކަމަކަށްވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ސޮއި ކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ނިމިފައި ހުރި ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ އޭގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވަން ފުރުސަތު އޮތް ކަމެއް،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ވަގުތު އިންތިހާބުވެފައިވާ ސަރުކާރުގެ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ނަހަމަ ފައިދާތަކެއް ލިބޭކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ ތެރޭގައި އިންތިހާބާއި ދިމާކޮށް ގިނަ ރަށްރަށުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ދިނުން ހިމެނޭއިރު، މީގެ ސަބަބުން އެ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު އޮތް ކަން އެޗްއާރްސީއެމުން ފާހަގަ ކުރެ އެވެ.
އެޗްއާރްސީއެމުން ވަނީ މާލެ ސަހަރައްދު ހިމެނޭހެން "ރައްޔިތުންގެ މަޖިލިސް އިންތިހާބު، އާންމުން ދެކޭ ގޮތުގެ ސާވޭ" ނަމުގައި 1،174 ބައިވެރިންނާއެކު މާޗު މަހު ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އިންތިހާބަށް ނުފޫޒުފޯރުވާ ކަންކަން އެ ސާވޭގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ އިތުރުން ޕީއެންސީގެ ހަގީގީ ކެންޑިޑޭޓުން ބާކީކޮށް، ސަރުކާރުގެ ކެންޑިޑޭޓުންތަކެއް ހޮވައި އެމީހުންނަށް ތާއީދު ކުރުމަކީ ރައްޔިތުންގެ ހައްގެއް ގެއްލިދާނެ ކަމެއް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.
"ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ ފަރާތެއް އިހްތިޔާރު ކުރުމުގެ ހައްގަށް އުނިކަމެއް އައުމަށް ފުރުސަތު އޮތް ކަމެއް،" އެ ބަޔާނުގައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment