Advertisement

ކުދިން "ބޮޑާހާކަނީ" ކީއްވެ؟

8 އޮކްޓޯބަރު 2022 - 10:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުއްޖަކު ބިންމަތީގައި އޮށޯވެ އޮވެ ރޮނީ: ކުދިން ގޮތް ދޫނުކުރާ ސަބަބުތައް ބައިވަރު ހުރޭ -- ފޮޓޯ: ލައިވްސައިންސް


ކުދިން "ބޮޑާހާކަނީ" ކީއްވެ؟

8 އޮކްޓޯބަރު 2022 - 10:25 0

ދަރިފުޅުގެ އެންމެ ތުއްތު ސްޓޭޖް ނިމިއްޖެ އެވެ. މިހާރު އެއީ އަމިއްލަ މިނިވަންކަމާ އެކު އުޅެން ދަސްކުރަމުންދާ ކުއްޖެކެވެ. ދުވެ، ފުމެ، އެކަނި ބޫޓަށް އަރައި ބޫޓު ބާލައި ހަދަ އެވެ. ކުރެވެން ހުރި ހުރިހާ ކަމެއް އެކަނި ކުރަން ބޭނުންވެ އެވެ. މިއީ އުމުރުން ދެ އަހަރުން މަތިވުމުން ދަރިފުޅުގެ ކިބަައިން ފެނިދާނެ ބައެއް ކަންކަމެވެ. އެ ކަންކަމާ އެކު ބެލެނިވެރިންނަށް ގޮންޖެހުމެއް ދިމާވެ އެވެ. އެއީ "ބޮޑާ ހޭކުމެވެ".

އުފާވެރި މާހައުލެއްގެ ތެރެއިން ވެސް ބޮޑާ ހާކަފާނެ އެވެ. ދެންމެ ފޯރީގައި ހީ ސަކަރާތް ޖަހަން ހުރި ކުއްޖާ، ފަޅި ސިކުންތެއްގެ ތެރޭގައި ރޯން ފަށާފާނެ އެވެ. އެ ރޯން ފެށި ބާރު މިނުގައި އަނެއްކާ ރުއިން ހުއްޓާލައި، ހިނިތުންވެދާނެ އެވެ. މިއީ ކުޑަކުއްޖަކު ގެންގުޅޭ މީހަކަށް އާ ވާހަކަތަކަކަށް ނުވާނެ އެވެ. "ޓެމްޕާ ޓެންޓްރަމްސް" ނުވަތަ ދިވެހިން ކިޔާ ގޮތަށް "ބޮޑާ ހޭކުމަކީ" ކުދިންގެ ހެދިބޮޑުވުމުގެ އެއް ބަޔެވެ.

އެޕްލައިޑް ބިހޭވިއާ އެނެލިސިސް (އޭބީއޭ) އަކީ ސައިންސްގެ އަލީގައި މީހުންގެ ހަރަކާތްތައް ދެނެގަނެ، އެ ހަރަކާތްތައް ކުރާ ސަބަބު ހޯދުމެވެ. މިއީ ބެލެނިވެރިންނަށް އެނގުން މުހިއްމު މައުލޫމާތެކެވެ. އޭބީއޭއިން އެނގޭ ގޮތުގައި ކުދިންގެ ކޮންމެ ހަރަކާތަކުން ވެސް ތަފާތު މެސެޖެއް ފޯރުކޮށްދެ އެވެ. އެ މެސެޖަކީ ކޮބައިކަން ހޯދޭނީ ރަނގަޅަށް ފަރުވާތެރި ކުއްޖާގެ އުޅުމަށް ބަލައިގެންނެވެ.

އޭބީއޭގެ ދަށުން ކުދިންގެ އުޅުނު ހަތަރު ބަޔަކަށް ބަހާލަ އެވެ. އެއީ ސެންސަރީ، އެސްކޭޕް، އެޓެންޝަން އަދި ޓޭންޖިބަލް އެވެ.

ސެންސަރީ: މިއީ ވަކި ކަހަލަ ޖިސްމާނީ އިހުސާސެއް ނުވަތަ ސެންސޭޝަނެއް ކުރަން ބޭނުންވުމުން ނުވަތަ އުނދަގުލެއް ވާތީ ކުދިންގެ ފަރާތުން ފެންނަ ކަންކަމެވެ. އޭގެ ތެރޭގައި އިނގިލި ބުއިމާއި، ނޭފަތަށް އިނގިލި ލުމާއި، ގައި ކެހުން ހިމެނެ އެވެ.

އެސްކޭޕް: މިއީ ވަކި ކަމެއް ކުރަން ބޭނުން ނުވާތީ ކުދިންގެ ފަރާތުން ފެންނަ ކަންމަކެވެ. ސްކޫލަށް ނުދިޔުމަށް، ފިހާރައިގައި ނުހުރުމަށް ހަޅޭއްލެވުމާއި، ނިދާ ގަޑި ލަސްކުރުމަށް ފޮތަކަށް ފަހު ފޮތެއް ކިޔުން މީގެ ތެރޭގައި ހިމެނެ އެވެ.

އެޓެންޝަން: މިއީ ބެލެނިވެރިޔާ، އެކުވެރިޔާ ނުވަތަ ކޮންމެވެސް އެހެން މީހެއްގެ ސަަމާލުކަން ހޯދަން ކުރާ ކަަންކަމެވެ. އޮފީސް މަސައްކަތް ކުރާ ނަމަ ކައިރީގައި ހުރެ އަނގަ ތެޅުމާއި، ފާރުގައި ކުރެހުމާއި އަދި ބައެއް ހާލަތްތަކުގައި ދަތް އެޅުން ކަހަލަ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ޓޭންޖިބަލް: މިއީ އެއްޗެއް ހޯދަަން ނުވަތަ ކަމެއް ކުރަން ބޭނުންވުމެވެ. އެއްޗެއް ބޭނުންވުމުން ރޮއެ ގޮތްދޫނުކުރުމާއި، ޕާކަށް ދާން ބޭނުންވުމުން ތަންތަން އަރައި ފުންމުން ފަދަ ކަންކަމެވެ.

އެނެލިސްޓުން ބުނާ ގޮތުގައި އެ ހަތަރު ކަމާ މެދު ވިސްނައި، ކުދިންގެ އުޅުމަށް ބަލައިފި ނަމަ، އެ ކުއްޖަކު ބޭނުންވެގެން އުޅޭ ކަމެއް ފަސޭހައިން އެނގޭނެ އެވެ. ކުދިންގެ އުޅުން މެނޭޖްކުރުމުގައި ދެން ބެލެނިވެރިންނަށް އެނގުން އެންމެ މުހިއްމު ކަމަކީ ވާހަކަ ދެއްކުމުގެ ބާރެވެ.

ތުއްތު ކުދިން ވާހަކަ ދައްކަން ފަށާ ހިސާބަށް ދާއިރު، އެ ކުދިންނަށް އަނގައިން ބުނަން އެނގޭ ބަސްތަކަށް ވުރެ ބަަސް ފަހުމްވާ މިންވަރު އިތުރެވެ. އެހެންކަމުން ބުނަން ބޭނުންވާ އެއްޗެއް އަަނގަބަހުން ނުބުނެވުމަކީ އެ ކުދިން ވަރަށް ފޫހިވާ ކަމެކެވެ.

އޭގެ އިތުރުން އެކި ކަހަލަ އިހުސާސްތައް އަލަށް ކުރިމަތިވާ އިރު، އެ ކުރެވެނީ ކޮން އިހުސާސެއްކަން އަދި އިހުސާސް މެނޭޖް ކުރާނެ ގޮތެއް ކުދިންނަކަށް ނޭނގެ އެވެ. ކުދިންގެ އުޅުން މެނޭޖް ކުރުމުގައި ބަަސް އަދި ވާހަކަ ދެއްކުން ބޮޑު ބާރަކަށް ވަނީ މިހެންވެ އެވެ.

ބެލެނިވެރިން ކުދިންގެ އިހުސާސްތައް ކިޔައިދޭށެވެ. ކުއްޖާ ރުޅި އައިސްފައި ނުވަތަ ދެރަވެފައި ހުރި ނަމަ، އެ ވާހަކަ ބުނާށެވެ. އިހްސާސް މެނޭޖް ކުރަން ނުވަތަ ކޮންޓްރޯލް ކުރަން ދަސްވާނީ އޭގެ ފަހުންނެވެ. އިހްސާސް ކިޔައިދިނުމަށް ފަހު، އެކަމުން އަރައިގަންނަން ކުރެވޭނެ ކަމެއް ކިޔައިދޭށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނެގީ ލައިވް ސައިންސް ޑޮޓް ކޮމް ވެބްސައިޓުން.