2 އޮކްޓޯބަރު 2022 - 21:38 0
މުހައްމަދު ވިޝާމް
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް
2 އޮކްޓޯބަރު 2022 - 21:38 0
ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިންތަކާއެކު، ރާއްޖެ ވަނީ ފަތުރުވެރިކަމުގައި އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ލަގަބު ހޯދާފައިވާ ކަމަށެވެ.
ނަމަވެސް، ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް އެބަހުރި ކަމަށާއި އޭގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން. މިޖަޒީރާތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެ ޒިންމާއަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ނަންތައް ވަކީން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އެ ބޭފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.
"އެ ހިދުމަތްތެރި ބޭފުޅުންނަކީ، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސައިން އަފީފް. އަދި މި ހަފްލާގައި ނެތް ނަމަވެސް، އެ ތިން ބޭފުޅުންނަށް މިކަމުގައި މަގު ފަހިކޮށްދެއްވި ބޭފުޅަކީ، އިޓަލީ ވިލާތުގެ ޖޯޖް ކޯބިން،" ރައީސް ވިދާޅުވި އެވެ.
Comment