Advertisement

ވިސިލްބްލޮއާ ޕޯޓަލްއަށް ހާހަކަށް ވުރެ ގިނަ ޝަކުވާ، 283 ކޭސް އޭސީސީއަށް

30 ސެޕްޓެންބަރު 2022 - 10:54 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕެއިން އިފްތިތާހުކުރަން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


ވިސިލްބްލޮއާ ޕޯޓަލްއަށް ހާހަކަށް ވުރެ ގިނަ ޝަކުވާ، 283 ކޭސް އޭސީސީއަށް

30 ސެޕްޓެންބަރު 2022 - 10:54 1

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން އުފެއްދި ވެބްޕޯޓަލްއަށް، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ ހާހަކަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ހިޔާނާތް ހުއްޓުވުމުގެ ކެމްޕޭނެއް ލޯންޗުކޮށް، ހިޔާނާތާގުޅޭ ޝަކުވާ ހުށަހަޅަން، ވިސިލްބްލޮއާ ޕޯޓަލް އެއް ތައާރަފުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ރައީސް އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 1،011 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން ހުރިހާ ޝަކުވާތަކަށް އެޓެންޑުކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނާއިރު، އޭގެ ތެރެއިން 283 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ ފޮނުވިފަ އެވެ.

"އޭސީސީއަށް ފޮނުވޭ މައްސަލަތައް އީމެއިލް އަދި ބައްދަލުވުންތައް މެދުވެރިކޮށް ދަނީ ފޮލޯއަޕް ކުރެވެމުން،" ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ސީދާ އޭސީސީއަށް ނުފޮނުވާ މައްސަލަތައް ވެސް، ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވާނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި، ޕޯޓަލްއަށް ލިބުނު ޖުމްލަ ޝަކުވާތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ގޮތްގޮތުން ނިސްބަތްވާ 323 މައްސަލަ ހިމެނެ އެވެ.

ނަމަވެސް، އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ އެއްވެސް އަސާސެއް ނުވަތަ ހެއްކެއް ނެތި ހުށަހަޅާފައިވާ މައްސަލަތަކަށްވާތީ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދޭން ޕޯޓަލް މެދުވެރިކޮށް އެދިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.