Advertisement

މިނިސްޓަރުންގެ އަހާ ފޯރަމް، ތިން މަސް ފަހުން ހޯމަ ދުވަހުގެ ރޭ ބާއްވަނީ

26 އޭޕްރީލް 2024 - 15:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން : ކޮންމެ ދެމަހަކުން ބާއްވަން ބުނި މިނިސްޓަރުންގެ އަހާ ފޯރަމް، ތިންމަސް ފަހުން ހޯމަ ދުވަހުގެ ރޭ ބާއްވަނީ - ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރުންގެ އަހާ ފޯރަމް، ތިން މަސް ފަހުން ހޯމަ ދުވަހުގެ ރޭ ބާއްވަނީ

26 އޭޕްރީލް 2024 - 15:51 0

ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ މި ސަރުކާރު ފެށި މިނިސްޓަރުންގެ "އަހާ" ފޯރަމް ސިލްސިލާގެ ދެ ވަނަ ފޯރަމް، ތިން މަސް ފަހުން އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މި ސިލްސިލާގެ ދަށުން މިހާތަނަށް ބޭއްވީ އެންމެ ފޯރަމެކެވެ. އެ ފޯރަމް ބޭއްވީ ޖެނުއަރީ 25، ގެ ރޭ ސަލްޓަންޕާކުގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ ތިންމަސްވެފަ އެވެ.

ރައީސް އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި މިނިސްޓަރުންގެ "އަހާ" ފޯރަމުގެ ދެވަނަ ސިލްސިލާ އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

މިފަހަރު ފޯރަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ފޯރަމުގައި ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް "AH (space) Suvaalu" ޖެހުމަށްފަހު 300 އަށް ފޮނުވޭނެ އެވެ. ސަރުކާރުން ބުނާ ގޮތުން މި ފޯރަމުގައި ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް ވެސް ކުރެވޭނެ އެވެ.

މި ފޯރަމުތައް ސިލްސިލާ ގޮތެއްގައި ދެމަހުން އެއް މަހު ބާއްވާނެ ކަމަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" މާލޭގެ އާ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން މިނިސްޓަރުންގެ ދެ ވަނަ ފޯރަމް ނިމިގެން ދިޔަ މާޗު މަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ.

މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.