Advertisement

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ނަޝީދު ކޯޓަށް

28 ސެޕްޓެންބަރު 2022 - 13:30 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ނަޝީދު ކޯޓަށް

28 ސެޕްޓެންބަރު 2022 - 13:30 0

ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއަށްދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރުވެއްޖެ އެވެ.

އަމީނީ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދަން ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި އާރްޑީސީން މިހާރު އަންނީ އެ މަގުގައިވާ ގަސްތައް ނަގަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަން ހުއްޓުވަން ޝަރީއަތަށް ވެސް ދާނެ ކަމަށް ނަޝީދު މަޖިލީހުގައި އިންޒާރު ދެއްވާފައިވަނިކޮށް، ޝުނާނާ އެންޑް ކޯ ލޯ ފާމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ފާމުގެ މުވައްކިލު ނަޝީދުގެ ފަރާތުން މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މިގޮތުން، ކޯޓަށް މައްސަލަ ހުށަހަޅަނީ އަމީނީ މަގުން ގަސްތައް ކެނޑުން ނުހުއްޓުވައިފިނަމަ، ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ވާނެތީ ކަމަށް ބުންޏެވެ.

"އަދި އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދޭނަން،" އެ ޓްވީޓުގައި ބުންޏެވެ.

ކުންފުނީގެ ދިފާއު

އެ ކަންބޮޑުވުންތަކާ ގުޅިގެން އާރްޑީސީން މީގެ ކުރިން ބުނީ އަމީނީ މަގު ހަދައި ނިމޭ އިރު އެމަގުގައި އަލުން ގަސް އިންދާނެ ކަމަށެެވެ.

"...މިހާރު އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެގަސްތައް ނެގުމަށް ފަހު މިހާރު ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރި އަށް އެ ގަސްތައް ބަދަލުކުރެވޭނެ އެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމޭ އިރު، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ އެވެ،" އާރްޑީސީގެ ބަޔާނުގައި ބުންޏެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.

"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.