Advertisement

ހިތަދޫގައި އިއްޔެ ހުޅުވި އާރުޑީސީގެ އޮފީހުން ރޭ 50 އަށްވުރެ ގިނަ ވަޒީފާ ދީފި

20 އޭޕްރީލް 2024 - 17:41 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާރުޑީސީ އައްޑޫ އޮފީސް އިއްޔެ ހުޅުވަނީ : މި އޮފީހަށް މިހާތަނަށް 50 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވޭ - ފޮޓޯ: އާރުޑީސީ


ހިތަދޫގައި އިއްޔެ ހުޅުވި އާރުޑީސީގެ އޮފީހުން ރޭ 50 އަށްވުރެ ގިނަ ވަޒީފާ ދީފި

20 އޭޕްރީލް 2024 - 17:41 1

އައްޑޫ ސިޓީގެ ހިތަދޫގައި އިއްޔެ ހުޅުވި ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީހުން ރޭގެ ވަގުތުތަކުގައި 50 އަށްވުރެ ގިނަ ވަޒީފާ ދީފައިވާކަން އެނގިއްޖެ އެވެ.

އާރުޑީސީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ހިތަދޫގައި ބާއްވާފައިވަނީ އިއްޔެ އެވެ. އެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު އެވެ.

އެ އޮފީހަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ މުވައްޒަފުންތަކެއް ނަގާފައިވާއިރު މި ވަޒީފާތަކަށް ކުރި އެއްވެސް އިއުލާނެއް ގެޒެޓުކޮށްފައެއް ނުވެ އެވެ. އާރުޑީސީއިން އެންމެ ފަހުން ވަޒީފާގެ ފުރުސަތެއް ގެޒެޓުކޮށްފައިވަނީ ފެބްރުއަރީ 20، ގަ އެވެ.

އައްޑޫ ސިޓީގެ ކައުންސިލަރު އިބްރާހިމް ޝިނާޒު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަޒީފާ ދިން މީހުންނަށް ޗިޓު ހަވާލުކޮށްފައިވަނީ މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މެދުވެރިކޮށް ކަމަށެވެ.

"އިއްޔެ ހަވީރު އޮފީސް ހުޅުވީ، ރޭގަ ހަމަގައިމު ވެސް އަޅުގަނޑަށް އެނގޭ ގޮތުން 50 އަށްވުރެ ގިނަ ވަޒީފާ ޗިޓު ދީފީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ފޯކަސް ހުރީ މާދާމާގެ މަޖިލީހަށް ކަމަށާއި އާރުޑީސީގެ އިތުރުން އެމްޕީއެލް އިން 70 އެއްހާ ވަޒީފާ، އަދި އާރުޓީއެލް އިން ވެސް މެނޭޖީރިއަލް ލެވެލްގެ ހަތް ވަޒީފާ މި ވެރިކަމުގައި ދީފައިވާ ކަމަށެވެ.

"އިންތިހާބަށް ނުފޫޒު ފޯރުވުން ފިޔަވާ ދެން އެހެން ކޮން ކަމެއްތާ މިއީ،" ޝިނާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް އާރުޑީސީގެ ރަސްމީ ބަހެއް ލިބޭގޮތް ނިމިފައި ނުވި ނަމަވެސް އެ ވަޒީފާތައް ދީފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.