Advertisement

ފަތުވާ ނުނެރެވި އޮތުމަށް މިނިސްޓަރު ދެއްކެވި ސަބަބު؛ "2015 އިން ފެށިގެން ޔޯގާގެ ހިލާފު އޮތް"

28 ސެޕްޓެންބަރު 2022 - 13:35 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މަޖިލީހުގެ މިއަދުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ފަތުވާ ނުނެރެވި އޮތުމަށް މިނިސްޓަރު ދެއްކެވި ސަބަބު؛ "2015 އިން ފެށިގެން ޔޯގާގެ ހިލާފު އޮތް"

28 ސެޕްޓެންބަރު 2022 - 13:35 1

ޔޯގާގެ މައްސަލާގައި ފަތުވާ ނުނެރި އޮތް ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު ކުރެއްވުމުން އެއީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެ ހިލާފު އޮތުމާއެކު މާ ބޮޑު މައްސަލައަކަށް ވެދާނެ ކަމަ ނުބެލެވި އޮތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސްފަނަރަވަނަ އަހަރުން ފެށިގެން، ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރެ އެވެ. އޭރުން ފެށިގެން ވެސް އިލްމުވެރިންގެ މެދުގައި އެ ހިލާފު އުފެދިފައި އޮތް އިރު، މި އަހަރުގެ ޖޫން 21 ގައި އެ ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑު ތެރެއަށް ބަޔަކު ވަދެ، ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފަ އެވެ.

ބޮޑު ހަމަނުޖެހުމަށް ހިނގާފައިވަނިކޮށް ސޯޝަލް މީޑިއާށް ޔޯގާގެ ހަރަކާތް ހުއްޓުވަން އަންގައި ފުލުހަށް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ލީކުވެގެން ދިޔަ އެވެ. ނަމަވެސް އެއީ ފަތުވާ މަޖިލީހުގެ ރައުޔުއެއް ނެތި އިޖުރާއަތްތަކާ ހިލާފަށް ފޮނުވި ސިޓީއެއް ކަމަށް މިނިސްޓްރީން ފަހުން ބުންޏެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ހާޒިރުކުރެވުނީ، މިނިސްޓަރަށް ނޭނގި އެފަދަ ސިޓީއެއް މިނިސްޓްރީގެ އާންމު މުވައްޒަފަކު ފޮނުވިގެން ދިޔަ މައްސަލައާ ގުޅިގެނެވެ.

އެ މައްސަލައިގެ އިތުރަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ދީނީ ގޮތުން އެ ވަރުގެ ބޮޑު ހިލާފެއް އުފެދިފައި އޮތުމުން އޭގެ ސައްހަ ގޮތް ސާފުކޮށްދިނުމަށް މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނެތުމުންނެވެ.

މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި އަމާޒުކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ހިލާފަކީ 2015 އިން ފެށިގެން އޮތް ކަމަކަށް ވާތީ، މި އަހަރު އެ މައްސަލަ އެހާ ހޫނުވެ ހަމަނުޖެހުމަކަށް ދިއުމަކީ އެއްވެސް ގޮތަކަށް ލަފާކުރެވިފައި އޮތް ކަމެއް ނޫން ކަމަށެވެ.

"އޭރުން ފެށިގެން އުފެދިފައި އޮތް މައްސަލައެއް، އޭރުން ފެށިގެން ވެސް ބަޔަކު އެދިފައެއް ނެތް، މި މައްސަލާގައި ފަތުވާއެއް ނެރުމަކަށް، ފަތުވާ މަޖިލީހުން އިސްވެ ބަލާފައެއް ވެސް ނެތް، އެހެންވެ މި ހިސާބަށް ދާނެ ކަމަކަށް، އެއްވެސް ވަރަކަށް އަންދާޒާ ކުރެވިފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޯގާގެ ހަމަނުޖެހުން ހިނގައި ދިޔައީ ފަތުވާ މަޖިލީހުގެ މެންބަރުން ދައުރު ހަމަވެ އާ މެންބަރުން އައްޔަންނުކޮށް ތިއްބަ އެވެ. ނަމަވެސް އެއީ ފަތުވާ މަޖިލިސް ނެތިގެން ހިނގައިދިޔަ ކަމަކަށް މިނިސްޓަރު ގަބޫލު ނުކުރައްވަ އެވެ.

"ކުރިން ވެސް ދެންނެވި ގޮތަށް މިއީ ވަރަށް ކުރިން ވެސް އުފެދިފަ އޮތް ހިލާފެއް، އޭރު ފަތުވާ މަޖިލިސް އޮތް، ބަޔަކު ކަންބޮޑުވެގެން ފަތުވާ ސާފުކޮށްދޭން އެދިފައެއް ވެސް ނެތް، މިއީ ފަތުވާ މަޖިލީސް ނެތިގެން ވީ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

ފަތުވާ މަޖިލީހުގެ ރައީސް ފިޔަވައި އެހެން މެންބަރުންގެ ދައުރު މިދިޔަ ފެބްރުއަރީ މަހަށް ހުސްވެ އޭރުން ފެށިގެން އެ މަޖިލިސް އޮތީ ހުސްކަމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން މެންބަރުން ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ "އެ މަސައްކަތް ވެސް ކުރިއަށް އެބަ ހިނގާ" ކަމަށެވެ.

މިިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފަތުވާ މަޖިލީހުގެ ބަދަލުގައި ގިނަ ދީނީ އިލްމުވެރިން ހިމެނޭ ފިގުހު އެކަޑަމީއެއް އެކުލަވައިލުން ކަމަށެވެ. އެ ކަމަށް، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހާއި ރައީސް އޮފީހާ ދެމެދު މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

"ފަސް މެންބަރުން ތިބޭ މަޖިލީހެއްގެ ބަދަލުގައި، ވިއްސަކަށް މެންބަރުން ތިބޭ އެކަޑަމީއެއް އުފައްދައި، އެހެން އިލްމުވެރިންނަށް ދިރާސާތަކުގައި ބައިވެރިވެވޭ ފަދަ އެކުލެވުމެއް، ގިނަ ބަޔަކު ބައިވެރިވެ ކުރާ ދިރާސާއިން ރަނގަޅު ހައްލުތަކެއް ފެންނާނެ ކަމަށް ގަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.