Advertisement

"ނުވާނެޔޭ ބުނި" އާރްޓީއެލް ފެރީ ހަގީގަތަކަށް؛ މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި

27 ސެޕްޓެންބަރު 2022 - 23:16 0

ހއ. ދިއްދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބޮޑުތިލަދުންމަތި ގުޅާލުން ޖަލްސާގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ---- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


"ނުވާނެޔޭ ބުނި" އާރްޓީއެލް ފެރީ ހަގީގަތަކަށް؛ މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި

27 ސެޕްޓެންބަރު 2022 - 23:16 0

ހއ. ދިއްދޫ

ނުވާނޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޒޯން އެކެއްގައި މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިފަދައިން ވިދާޅުވީ އާރްޓީއެލްގެ ޒޯން އެކެއްގެ ހިދުމަތް ދޭން ފެށުން ރަސްމީކޮށް ފާހަގަކުރުމަށް "ބޮޑުތިލަދުންމަތި ގުޅާލުން" ނަމުގައި ހއ. ދިއްދޫގައި މިރޭ ބޭއްވު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަބަދުވެސް މީހުން ބުނަމުން ގެންދޭ، ތިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ، މާ ހަރަދު ބޮޑު ކަމެކޭ، މީހުން ދަތުރަކަށް ނާރާނޭ، އެކަމަކު އަޅުގަނޑުމެންނަށް ޔަގީންކަން އޮތޭ މީހުން ދަތުރަށް އަރާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ފާހަގަކުރެއްވި ގޮތުގައި ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް 56238 ދަތުރުވެރިން ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުން ކޮށްފަ އެވެ.

"ޓިކެޓު ގަނެގެން، ގަދަތޯ، މީހުން ދަތުރުނުކުރޭތޯ، އެބަ ކުރޭ،" އާރްޓީއެލްގެ ކާމިޔާބީ ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ދިނުމަށް ހަރަދު ކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައި އަސްލަމް އިތުރަށް ވިދާޅުވީ އެ ކަމުގެ ކާމިޔާބީ ވަޒަން ކުރާނީ ޓިކެޓު ގަނެގެން ލިބޭ ފައިދާގެ މައްޗަށް ނޫން ކަމަށެވެ.

"މިއިން މުޖުތަމައަށް އަންނަ ބަދަލު، މުޖުތަމައަށް ވާ ފަސޭހަ، މުޖުތަމައަށް އަޅުގަނޑުމެންނަށް ކުރާ އަސަރު، ސޯޝިއޯއިކޮނޮމީ، އެއީ އަޅުގަނޑުމެން މީގެ ހިސާބު ޖަހަން ޖެހޭ ގޮތަކީ،" އަސްލަމް ވިދާޅުވި އެވެ.

އާރްޓީއެލް ފެރީއިން ރަށްރަށުގެ އިގްތިސޯދަށް ހެޔޮ އަސަރު ކުރާނެ ކަމާއި އިޖުތިމާއީ ގުޅުންތައް ވެސް ބަދަހިވެގެން ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އާރްޓީއެލް މިހާރު ރާއްޖޭގައި ހިދުަމތް ފެށިގެން ދާ ދިއުން އަޅުގަނޑުމެން މި ބަލައި ގަންނަނީ އަޅުގަނޑުމެންނަށް ގެނެވުނު ބޮޑު ބަދަލެއް، މިއީ ބޮޑު ބަދަލެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ގައުމު ކުރިއަށް ގެންދާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލްގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ.

އާރްޓީއެލް ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ބޮޑުތިލަދުންމަތީގެ 41 ރަށް ގުޅުވާލުމަށް 13 ފެރީ މެދުވެރިކޮށް ދަތުރު ކުރެވޭނެ ރޫޓެއް ވަނީ ގާއިމްކޮށްފަ އެވެ.