އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލް ރައީސާއި ރައީސް ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
"އުތީމު ރައްޔިތުން މިތިބީ އެއިރެއްގައި އޮންނަ ސަރުކާރަކާ އެކީގައި އުތީމަށް ތަރައްގީ ގެނެސްދިނުމަށް ފެން ބޮވައިގެންފައި،"
އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިހެންނެވެ. އިދިކޮޅު ޕީޕީއެމަށް ނިސްބަަތްވެވަޑައިގެން ނަމަވެސް, ކައުންސިލް ރައީސް ފާޅުކުރެއްވީ ވަކި ކޮންމެ ސަރުކާރަކާ ގުޅިގެން ވެސް ރަށުގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.
"އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ވަކި ފިކުރަކަށް ބަލައިގެން މަސައްކަތް ކުރާ ބައެއް ނޫން، އަޅުގަނޑުމެންނަކީ ގައުމީ ފިކުރުގައި ތިބި ބައެއް،" އެއްބައިވަންތަ ބައެއް ދިރިއުޅޭ އުތީމުގެ ތަރައްގީގެ ކަންކަން ވެސް ކުރިއަށްދާނީ އެހެން ކަން ފާހަގަކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު-- ފޮޓޯ: ރައީސް އޮފީސް
މި ރަށުގެ 24 އަހަރުވީ ބާ އިންޖީނުގެ މިއަދު ވަނީ ނިވާލާފަ އެވެ.
ފެނަކައިން އާ އިންޖީނުގޭގެ މަސައްކަތް ނިންމާލައި، މިއަދު ހިދުމަތް ދޭން ފެށުން ވެގެން ދިޔައީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްގެ ތަކުލީފުތަކަށް ހައްލެއް ލިބިގެން ދިޔަ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކުރިން ރައްޔިތުން ދިރިއުޅެމުން ދިޔަ ސަރަހައްދުގައި ހުރި 'ގެނދަބުޅި އިންޖީނުގޭގެ' ބަދަލުގައި، އުތީމުގައި އަލަށް އިމާރާތް ކުރި އިންޖީނު ހުންނަނީ ރައްޔިތުން ދިރިއުޅޭ ހިސާބާ ދުރުގަ އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މީގެ 24 އަހަރު ކުރިން ހުޅުވި ރައްޔިތުންގެ އިންޖީނުގެއަކީ ރައްޔިތުންގެ ބުރަ މަސައްކަތެވެ. "ރައްޔިތުން ރޮދު އަޅައިގެން މަސްވެރިކަން ކޮށްގެން" ހޯދި އިންޖީނުގޭގެ ބަދަލުގައި މިއަދު ލިބިގެން ދިޔައީ ރައްޔިތުން އެ ދުވަހު ކުރި ބުރަ މަސައްކަތުގެ އަގުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ރައްޔިތުންގެ ތަކުލީފުތައް އަޅުގަނޑުމެން ވާނީ އެކި ފަހަރުމަތިން އެކި ސަރުކާރުތަކާ ހިއްސާކޮށްދެއްވާފައި، އެ އަޑު އެއްސެވީ ހަމައެކަނި މި ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.
އެއާއެކު އޭނާ ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރު ސަރުކާރާއި ރައީސް ސޯލިހަށް ބަންޑުން ކޮށްލައްވާފަ އެވެ.
"އެ ދުވަހު ލޯބޯ ފިއްސައިގެން ކުރި މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް ލިބިގެން މިދަނީ ވަރަށް ހިތްހަމަޖެހުމާ އެކު،"
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment