Advertisement

"އިގުތިސޯދީ ދުވެލި ރަނގަޅު، އެކަމަކު..." ފަހު ބައި އަޑު ނާހާނެ؟

28 ސެޕްޓެންބަރު 2022 - 08:45 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


"އިގުތިސޯދީ ދުވެލި ރަނގަޅު، އެކަމަކު..." ފަހު ބައި އަޑު ނާހާނެ؟

28 ސެޕްޓެންބަރު 2022 - 08:45 0

ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާ ހަވާލާދީ ވަރަށް ފަހުރުވެރިކަމާއެކު ސަރުކާރުން ފާހަގަކުރާ ނުކުތާތަކެއް އޮވެ އެވެ;

ކޮވިޑުން އަރައިގަނެ ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު ކަމެވެ. ދިވެހި އިގުތިސޯދު ހަލުވިކަމާއެކު ކުރި އަރަމުންދާ ވާހަކަ އެވެ.

އައިއެމްއެފް އާއި ވާލްޑް ބޭންކުން ނުބުނާ ވާހަކައެއް ސަރުކާރުން ބޮޑުކޮށްގެން ދައްކަނީ އެއް ނޫނެވެ. ނަމަވެސް އެ އިދާރާތަކުން ބުނާ ވާހަކައިގެ ފަހު ބައެއް ވެސް އެބައޮތެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް މިހާރު ހިސާބު ޖަހަން ފަށާފައިވާއިރު، މާލީ އިދާރާތަކުން "އެކަމަކު"އާ ވިދިގެން ބުނާ ވާހަކަތައް ވެސް އަޑު އިވެންޖެހެ އެވެ.

ބަންޑެލިވަމުން އަންނަ ދަރަނި

ވާލްޑް ބޭންކުން އެންމެ ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ދަރަނި ހުރީ ރާއްޖޭގެ ތާރީހުގައި ނުދާހާ މިންވަރަށް މަތީގަ އެވެ. އެ ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުން، ރާއްޖޭގެ ދަރަނީގެ ނިސްބަތް, ގައުމުގެ މުޅި އިގުތިސޯދަށް ވުރެ ބޮޑެވެ.

ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުތައް ހިމަނައިގެން، މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 6.1 ބިލިއަން ޑޮލަރު (94 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ ހުރި މިންވަރުގެ 125 ޕަސަންޓެވެ. މި އަދަތުތަކަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ޕަބްލިކް ބޭންކް އެކައުންޓުން އޯވާޑްރޯކޮށްގެން ނެގި ފައިސާ ނުހިމަނަ އެވެ.

ވާލްޑް ބޭންކުން ބުނާ ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން، ދައުލަތުގެ އާމްދަނީ ދަށްވެ، ހަރަދުތައް ދެކޮޅު ޖައްސަން ނެގި ލޯނުތަކުން ދަރަނި ކުއްލިއަކަށް ބޮޑުވެގެން ދިޔުމަށް މަގުފަހިވި އެވެ. ނަމަވެސް، އޭރު ނެގި ދަރަނި މައިގަނޑު ގޮތެއްގައި ބޭނުން ކުރީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި އަނބުރާ ދެއްކޭނެ ކަމަށް ލަފާކުރީ، ކެޕިޓަލް ހަރަދުތައް ކުޑަވާނޭ ކަމަށް ބަލައިގެން. އެކަމަކު އޭގެ ބަދަލުގައި ކެޕިޓަލް ހަރަދުތައް ހުރީ ވަރަށް މަތީގައި،" އައިއެމްއެފްއާ ގުޅިގެން މީގެ ކުރިން ނެރުނު ދަރަންޏާ ގުޅޭ ރިޕޯޓަކާ ހަވާލާދީ ވާލްޑް ބޭންކުން ބުނެފައިވެ އެވެ.

މި ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކައިގެން ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަދާކޮށްގެން ނޭވާ ލެވޭނެ ޖާގައެއް ހޯދުނު ނަމަވެސް، ކައިރި މުސްތަގުބަލުގައި ކުރިމަތިވާ ބޮލުރިހުން ބޮޑެވެ.

މިގޮތުން، އެ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން ވިއްކި 100 މިލިއަން ޑޮލަރުގެ ސަވަރިން ބޮންޑު ހިމަނައިގެން، 2026 ވަނަ އަހަރު ހަމައެކަނި ދަރަނިތައް އަދާކުރުމަށް 900 މިލިއަން ޑޮލަރު (13.88 ބިލިއަން ރުފިޔާ) ބޭނުންވާނެ އެވެ.

"ސަވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާއިން އޭގެން ބައެއް ދެއްކުނު ނަމަވެސް، ބޭރު ދަރަނި އަނބުރާ ދެއްކޭނެ މިންވަރަށް އާމްދަނީ ލިބޭނެ ކަމަށް ނުބެލެވޭ."

އާމްދަނީއާ ނުބައްދަލު ހަރަދާއި އިސްރާފު

ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ދަރަނި އަހަރުން އަހަރަށް އިތުރުވަމުން ދިޔުމުގެ ސަބަބަކީ ލިބޭ އާމްދަނީއަށް ވުރެ އެތައް ގުނައެއް ހަރަދުތައް އިތުރުވުމެވެ.

އެގޮތުން، ދައުލަތުން ކުރާ ހަރަދު 2010-2014 ވަނަ އަހަރާ ދެމެދު ޖީޑީޕީގެ ނިސްބަތުން 30 ޕަސަންޓުގައި ހުރުމަށްފަހު 2015-2019 ވަނަ އަހަރާ ދެމެދު 34 ޕަސަންޓަށް އިތުރުވި އެވެ. ނަމަވެސް، 2020 ވަނަ އަހަރު އެ ނިސްބަތްވަނީ 50 ޕަސަންޓަށް އިތުރުވެފަ އެވެ.

ދައުލަތުން ކުރާ ހަރަދަށް އިތުރު ފީނާލާއިރު، 2014-2019 ވަނަ އަހަރާ ދެމެދު، ހަރަދުތައް ދިޔައީ 11.6 ޕަސަންޓުގައި އިތުރުވަމުންނެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ޖީޑީޕީ ކުރިއެރި 6.5 ޕަސަންޓުގެ ގާތްގަނޑަކަށް ދެ ގުނަ އެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އިގުތިސޯދު ކުރިއަރާ ނިސްބަތަށް ވުރެ، ދައުލަތުން ކުރާ ހޭދަ އިތުރު ކަމަށް ވާލްޑް ބޭންކުން ބުނެ އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހަރަދުގެ 80 ޕަސަންޓު ހިއްސާކުރަނީ އުމްރާނީ ތަރައްގީ ނޫނީ ޕީއެސްއައިޕީ މަޝްރޫއުތަކެވެ. މިގޮތުން، 2013-2014 ގައި ޕީއެސްއައިޕީއަށް ކުރި ހޭދަ އެވަރެޖުކޮށް 123 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ގައި ހުރުމަށްފަހު، އެ އަދަދު 2015-2019 އާދެމެދު ވަނީ 357 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) އަށް އިތުރުވެފަ އެވެ.

ކޮންމެ ދިވެއްސެއްގެ ބޮލަކަށް ކެޕިޓަލް ސްޓޮކް [އުމްރާނީ ވަސީލަތްތައް] ޖެހޭ އަދަދު ހުރީ އެންމެ ކުރިއަރާފައިވާ އިގުތިސޯދުތަކުގެ ހުރި މިންވަރުގައި

އަހަރުން އަހަރަށް އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ އިތުރުވަމުން ދިޔުމާ ގުޅިގެން ކޮންމެ ދިވެއްސަކަށް ކެޕިޓަލް ސްޓޮކް ޖެހޭ އަދަދު ހުރީ 27،817 ޑޮލަރު (429،000ރ.) ގަ އެވެ. މިއީ ވާލްޑް ބޭންކުން ބުނާ ގޮތުން ނަމަ، އެންމެ ކުރިއަރާފައިވާ އިގުތިސޯދު ތަކުގެ ތެރޭގައި ހިމެނޭ ޗައިނާއާ އެއް ހަމަ އެވެ.

މިކަން ދިފާއުކުރަން، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ އިގުތިސޯދީ ކުރިއެރުމާ ސަރުކާރުން ގުޅުވި ނަމަވެސް، އެކަން އެ ގޮތަށް ވާނެކަން ސީދާ ބުނަން ދަތިކަމަށް ވާލްޑް ބޭންކުން ބުނެ އެވެ.


އުމްރާނީ ތަރައްގީގެ އިތުރުން، ރިކަރަންޓު ހަރަދުތައް އަހަރުން އަހަރަށް އިތުރުވުމަކީ ދައުލަތުގެ މާލިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިގޮތުން، ދައުލަތުން ކުރާ ހޭދައިގެ ގާތްގަނޑަކަށް ދެ ބައި ކުޅަ އެއް ބައި ހިއްސާ ކުރަނީ އިޖުތިމާއީ ދާއިރާ ތަކަށެވެ. އޭގެ ތެރޭގައި ސަބްސިޑީ ދީގެން ވަމުންދާ އިސްރާފު ފާހަގަކޮށްފައިވާއިރު، އާސަންދަ ވެސް ވެފައިވަނީ ދައުލަތަށް ބޮޑު ބުރައަކަށެވެ.

ބޭސް ފަރުވާއަށް ރައްޔިތުންގެ ޖީބުން ކުރަމުން އައި ހޭދަ، 2014 ވަނަ އަހަރު އާސަންދަ ތައާރަފުކުރުމާއެކު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި އެވެ. މިގޮތުން 2009-2010 ވަނަ އަހަރު އެވަރެޖުކޮށް ގޭބީސީތަކުގެ އާމްދަނީގެ ނުވަ ޕަސަންޓް ބޭސްފަރުވާއަށް ހަރަދުކުރި ނަމަވެސް، އެ އަދަދު 2019 ވަނަ އަހަރު އެންމެ 2.2 ޕަސަންޓަށް ވަނީ ވެއްޓިފަ އެވެ.

ނަމަވެސް، އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ވާލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން، 2014 އާއި 2019 އާ ދެމެދު އާސަންދައިން ކުރި ހޭދަ އަހަރަކު 18 ޕަސަންޓު ބޮޑުވެފައިވާކަމަށް ބުނެފައިވެ އެވެ.

ވާލްޑް ބޭންކުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މިންވަރަށް އާސަންދައިގެ ހޭދަ އިތުރުވެގެންދިޔައީ އެ ސްކީމްގެ ބައިވެރިން އިތުރުވެގެން ނޫނެވެ. އެއީ އެ މުއްދަތުގައި ތެރޭގައި އާސަންދަ ލިބޭ މީހުންގެ އަދަދު އިތުރުވެފައިވަނީ އެންމެ ތިން ޕަސަންޓެވެ.

"އާސަންދައަށް ކުރާ ހޭދަ އިތުރުވެގެން ގޮސްފައިވަނީ އައުޓްޕޭޝަންޓް ބޭހާއި ފަރުވާގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާތީ،" ވާލްޑް ބޭންކުން ބުންޏެވެ.

އިޖުތިމާއީ ރައްކާތެރިކަން ނަގާފައި، ހަރަދު އެންމެ ފަސޭހައިން ކުޑަކުރެވޭނެ އެކަމަކު ކުޑަކުރަން ސަރުކާރުތަކުން ފަސްޖެހޭ ދާއިރާއަކީ ދައުލަތުން ދޭ މުސާރަތަކާއި އިނާޔަތްތަކެވެ.

ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި، އެކި ސަރުކާރުތަކުން އެވަރެޖުކޮށް އަހަރަކު 433 މިލިއަން ޑޮލަރު (6.68 ބިލިއަން ރުފިޔާ) މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ވަނީ ހަރަދުވެފަ އެވެ. މިއީ ޖީޑީޕީގެ 11 ޕަސަންޓު އަދި ޖުމްލަ ހަރަދުގެ ތިން ބައި ކުޅަ އެއް ބައި އެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އިގުތިސޯދު ކުރިއެރި މިންވަރަށް ވުރެ އިތުރަށް މުސާރަ ދޭން ކުރި ހޭދަ ވަނީ އިތުރުވެފަ އެވެ.


އަދި މިއަހަރު ކަނޑައެޅި މިނިމަމް ވޭޖު ނޫނީ އެންމެ ކުޑަމިނުން ދޭ އުޖޫރަ އާއި ނެޝަނަލް ޕޭ ހާމަނައިޒޭޝަން ނޫނީ މުސާރަތައް އެއް ހަމަ ކުރުމުގެ މަސައްކަތް ނިމުމުން، ކައިރި މުސްތަގުބަލުގައި މިކަމަށް ކުރާ ހަރަދު އިތުރުވެގެންދާނެ ކަމަށް ވާލްޑް ބޭންކުން ބުނެ އެވެ.

އެސްއޯއީތަކުން ދައުލަތަށް އޮތް މާލީ ހިރާސް ބޮޑު

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން މެދުވެރިއެއްގެ ގޮތަށް ސަރުކާރުތަކުން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ސަރުކާރު ކުންފުނިތަކެވެ.

އެކަމަކު ވާލްޑް ބޭންކުން ބުނަނީ ސަރުކާރުން ދޭ ސަބްސިޑީ އާއި ލޯނާއި އެހެނެހިން މާލީ އެހީތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް ބޮޑު ކަމަށެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ސަބްސިޑީ ދިނުމާއި ކެޕިޓަލްއަށް ކުރާ ހަރަދު ހިމެނޭގޮތަށް، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް 2.5 ބިލިއަން އެމެރިކާ ޑޮލަރު (38.5 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

ސަރުކާރުން މިފަދަ ކުންފުނިތައް މެދުވެރިކޮށް އުމްރާނީ ތަރައްގީގެ ނޫނީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށްޓަކައި ދައުލަތުން ޒިންމާވާ ގޮތަށް ހޯދައިދީފައިވާ ލޯނު ފަދަ މާލީ އެހީތެރިކަން، 2020 ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ އެ އަހަރު ނިމުނުއިރު، އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 35 ޕަސަންޓެވެ.

މީގެ އިތުރުން 2018 އާއި 2021 އާ ހަމައަށް ކާޑާއި ތެލުގެ ސަބްސިޑީގެ ގޮތުގައި ކަމާގުޅޭ ކުންފުނިތަކަށް އެވަރެޖު ގޮތެއްގައި އަހަރަކު 79 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވެ އެވެ. އަދި ކުންފުނިތަކުގެ ރައުސުލްމާލަށް ދައުލަތުން ދޭ ފައިސާ ވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރުން އަހަރަށް ވަނީ މަތިވެފަ އެވެ.

ވާލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ 20 ކުންފުންޏަކަށް 2020 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 275 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ނަމަވެސް، އެ ފައިދާގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުން ދިން ސަބްސިޑީގެ އިތުރުން ރައުސުލްމާލަށް ދިން މާލީ އެހީތެރިކަން ކަމަށެވެ.

މިގޮތުން، އެ 20 ކުންފުނީގެ ސާފު ފައިދާގެ ތެރެއިން 224 މިލިއަން ޑޮލަރަކީ އެގޮތަށް ސަރުކާރުން ދިން ފައިސާ ކަމަށެވެ. އެއީ ޖުމްލަ ސާފު ފައިދާގެ 81 ޕަސަންޓެވެ.

އޮތީ "މާ މޮޅު" ހައްލެއް ނޫން

ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހިރާސްތަކާއި ނުރައްކާތައް ކުޑަކުރަން އަޅަންޖެހެނީ މާ މޮޅު ނޫނީ އީޖާދީ ފިޔަވަޅުތަކެއް ނޫން ކަމަށް ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ދެމުންދާ ލަފާތަކުން އޮތީ ފެންނާށެވެ.

އަނބުރާ ނުދެއްކޭ މިންވަރަށް ދަރަނި މަތިވުމުގެ ކުރިން، އިތުރު ލޯނުތައް ނެގުމުގައި ފަރުވާތެރިވުމެވެ. އުމްރާނީ ތަރައްގީގެ ނަމުގައި ލޯނުތައް ނަގާނަމަ، އެ މަޝްރޫއުތައް ދެކޮޅު ޖެހެންޖެހެ އެވެ. އެ މަޝްރޫއުތަކަށް ކުރާ ހޭދައާ އެއް މިންވަރުގެ ބަދަލެއް ނޫނީ ފައިދާއެއް އަނބުރާ އިގުތިސޯދަށް ވަންނާނެ ގޮތަކަށް ރޭވުމެވެ.

ސަބްސިޑީ އާއި އާސަންދައަށް ވަމުންދާ އިސްރާފުގައި އުނގުރިޖަހައި މާލިއްޔަތުން ވަމުންދާ ލީކުތައް ރަނގަޅަށް ހުއްޓުވުމެވެ. އެއް މަސައްކަތެއް ކުރެވޭ ގިނަ މުއައްސަސާތަކާއި އޮފީސްތަކާއި ކޮމިޝަނުތައް އުފެއްދުން ހުއްޓާލައި، ސިޔާސީ ބޭކާރު މަގާމުތައް މަދުކޮށް، ދައުލަތުން މުސާރަ ދޭން ކުރާ ހަރަދު ކުޑަކުރުމެވެ.

އެސްއޯއީތަކުގެ ބައެއް ޕްރައިވަޓައިޒްކޮށް، ހިންގުން ހަރުދަނާ ކޮށްގެން މާލިއްޔަތަށް އޮތް ބުރަ ނައްތާލުމެވެ. ލޯނާއި ބޭރުގެ އެހީއަށް ބަރޯސާނުވެ އިންކަމް ޓެކްސް އާއި ޖީއެސްޓީ ނަގަމުންދާ ތުރެޝްހޯލްޑް ފުޅާކޮށް، އިގުތިސޯދުގެ ތެރެއިން އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދުމެވެ.

މީގެ ތެރެއިން ގިނަ ކަންކަމަކީ ބޭރުގެ މާލީ އިދާރާތަކުން ނުބުންޏަސް ކުރަންޖެހޭކަން އެނގޭ ކަންކަމެވެ. ފާއިތުވި އަހަރުތަކުގައި ކުރާން ނިޔަތް ގަނެ، ބަޖެޓު ފޮތުގައި ލިޔެފައިވާ ވެސް ފިޔަވަޅުތަކެވެ. ނުނެރެވި އޮތީ، ސިޔާސީ ނަމަވެސް ކޮންމެވެސް ސަބަބުތަކާހުރެ އެކަން ކުރާނެ ހިތްވަރެވެ.

ދެން ވެސް އެ ހިތްވަރު ނެރޭނެ ކަމާމެދު ބައެއް މީހުން ސުވާލު އުފައްދާނެ އެވެ. އޭގެ ސަބަބަކީ ކުރިއަށް އޮތީ ރިޔާސީ އިންތިހާބު އަހަރު ކަމަށްވާތީ އެވެ. "...އެކަމަކު" ގެ ފަހަތުން ބުނާ ބައި، އަންނަ އަހަރަށް އަޑުއިވުން ނާދިރު ކަމަށް އެމީހުން ބުނެ އެވެ.