Advertisement

އަސާސީ ހިދުމަތްތައް ފުރިހަމަވެ ކުޑަކުޑަ ފިނޭއަށް ބޮޑު ދުވަހެއް

26 ސެޕްޓެންބަރު 2022 - 15:34 0

ހދ. ފިނޭ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް


އަސާސީ ހިދުމަތްތައް ފުރިހަމަވެ ކުޑަކުޑަ ފިނޭއަށް ބޮޑު ދުވަހެއް

26 ސެޕްޓެންބަރު 2022 - 15:34 0

ހދ. ފިނޭ

ހދ. ފިނޭގައި ކުރިއަށް ދިޔަ އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތްހަމަޖެހިވަޑައިގެން ހުންނަވައި, އެކަން ސިފަ ކުރެއްވީ މިހެންނެވެ؛

ރަށުގައި ދިރިއުޅޭ އާބާދީ 500 އެއްހާ މީހުންގެ މައްޗަށް އޮތް ފިނޭއަށް މިއަދު ލިބެން އަދި ކިރިޔާ މި ފެށީ މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ހިދުމަތްތައް ކަމެވެ.

"ހަގީގަތުގައި ފިނޭ ބަދަލުވެގެން މިދަނީ އިންސާނުން ދިރިއުޅޭ ރަށަކަށް، ތަރައްގީގެ މަޝްރޫއުތައް ހަލުވިކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް،" ރައީސް ވިދާޅުވި އެވެ.

ފިނޭއަށް ރައީސް ސޯލިހު މެންދުރު ފަހު ވަޑައިގެން މި ރަށުގައި ވަނީ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި، 18 އަހަރުވީ ބާ އިންޖީނުގޭގެ ބަދަލުގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވާފަ އެވެ.

މި މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ ކުޑަ ރަށަކަށް، އާބާދީއަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގެ ވެސް ބޭނުންތައް ފުއްދައިދިނުމަކީ މެނިފެސްޓޯގެ ކުރިން އޮންނަ ކަމެއް ކަމަށެވެ.

"ތަފާތުނުކުރުން، ހަމަހަމަކަން ގާއިމްކުރުން، މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯއަށް ވުރެ ކުރީގައި އޮތް ކަމެއް، އަޅުގަނޑުމެން ވީ ވައުދުތަކަށް ވުރެ ވެސް ބޮޑު ވައުދެއް، ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް މި ކުރަނީ މެނިފެސްޓޯ ތަންފީޒުކުރުމުގައި ވެސް، ވައުދުތައް ފުއްދުމުގައި ވެސް އަޅުގަނޑު މި ދެންނެވި ދެ ކަންތައް އިސްކޮށް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ދެން ހަނދާން އާ ކުރެއްވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގައި ރަސްމިއްުޔާތުގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެވެ.

"އެ ދުވަހު އަޅުގަނޑު ދެންނެވީ ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެކޭ، އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި. މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިން ތާހިރު ވުމުގެ ފެން މުޅިރާއްޖެ، އެކުއެކީ ހިނގާން ފެށުމޭ،" ރައީސް ވިދާޅުވިި އެވެ.

އެއާއެކު ރައީސް ވަނީ މި ވެރިކަމުގެ ފަސް އަހަރުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރެއްވި، އެ މަންޒަރު މުޅި ރާއްޖޭން ފެނިގެން ދާނެކަމުގެ ޔަގީން ކަން ދެއްވާފަ އެވެ.

ރަށްރަށުގެ އަސާސީ ހިދުމަތްތައް ތަރައްގީ ކުރެވިގެން ދިއުމާ އެކު ރާއްޖޭގެ އިގްތިސޯދަށް ވެސް "ބޮޑު ބަދަލެއް" އަންނާނެ ކަމަށާއި މި ރަށުން ވެސް އެކަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިރިއުޅެން ފައްކާވެފައި އޮތް ރަށެއް، ހަނިމާދޫ އެއާޕޯޓު މިއޮތީ 10 މިނެޓާއި 15 މިނެޓާ ހިސާބުގައި ދުއްވާލާފައި ދެވޭ ހިސާބުގައި، މި ރަށުގެ ތަރައްގީގެ ލޯކަލް ޓޫރިޒަމް ވެސް، ދަނޑުވެރިކަން ވެސް ފަށައިގެން ކުރިއަށް ގެންދަންވީ، ސަރުކާރުން މި ތިބީ ރައްޔިތުންނަށް ބޭނުންވާ މި ކަންތައްތައް ފޯރުކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފިނޭއަކީ އެމަނިކުފާނުގެ ދެވަނަ މަންޒިލެވެ. މިއަދު ހެނދުނު އެ މަނިކުފާނު ވަނީ ނައިވާދޫއަށް ވަޑައިގެން އެ ރަށުގެ ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވާފަ އެވެ. މި ދަތުރުފުޅުގައި މިއަދު ހަވީރު ރައީސް ވަޑައިގަންނަވާނީ ހއ. އުތީމަށެވެ.