25 ސެޕްޓެންބަރު 2022 - 21:48 0
މުހައްމަދު ވިޝާމް
25 ސެޕްޓެންބަރު 2022 - 21:48 0
އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިރޭ ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާއި މަޝްރޫއުގެ ބީލަން ކާމިޔާބު ކޮށްފައިވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިޔާގެ ފަރާތުންނެވެ.
ރާއްޖޭގެ ތާރީހުގައިވެސް މާލޭ ސަރަހައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ޖުމްލަ އަގު 2.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެ އެވެ. މިއެއާޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑިސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ އެވެ. މި މަޝްރޫއު ނިމުމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެ އެއާޕޯޓް ހިންގާ ދިވެހި ސަރުކާރުގެ ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުންނެވެ.
މިމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވިގެން ދާނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.
މީގެ އިތުރުން ރާއްޖެއާ ކައިރިން، ދުނިޔޭގެ މައި ޝިޕިން ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ހިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް އިހަވަންދިއްޕޮޅުގައި ގާއިމުކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގައިވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
Comment