Advertisement

ވަދާއީ މެޗު، ވާދަވެރި މާހައުލެއް، ފެޑެރާގެ ލޮލުން ކަރުނަ!

24 ސެޕްޓެންބަރު 2022 - 19:26 0

ވަދާއީ މެޗަށް ފަހު ފެޑެރާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް


ވަދާއީ މެޗު، ވާދަވެރި މާހައުލެއް، ފެޑެރާގެ ލޮލުން ކަރުނަ!

24 ސެޕްޓެންބަރު 2022 - 19:26 0

ލަންޑަން (ސެޕްޓެމްބަރު 24) - އޯލްސްޓާ ޓެނިސް މުބާރާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، ލޭވާސް ކަޕްގައި ރޭ ރަފައެލް ނަޑާލާ އެއް ޓީމެއްގައި ހިމެނިގެން ރޮޖާ ފެޑެރާ ކުޅުނު މެޗަކީ އޭނާގެ ދިގު ޓެނިސް ކެރިއަރުގައި ކުޅުނު ފަހު މެޗެވެ.

ފެޑެރާ، 41، ވަނީ މި ފަހަރުގެ ލޭވާސް ކަޕަކީ އޭނާގެ ޓެނިސް ކެރިއަރުގެ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ.

ފެޑެރާ ފަހު މެޗުގައި ކުޅެން ޖެހުނީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑަށް ޗެލެންޖް ދިން ނަޑާލްއާ އެއް ޓީމަކަށެވެ. އެ މެޗުން ބަލިވެގެން ފެޑެރާ އަށް ރޮވިފައި، ބެންޗުގައި އިށީނދެގެން އިންވަގުތު، ކައިރީގައި ލޮލުން ކަރުނަ ފޮހެން އިނީ ނަޑާލް އެވެ. މިއީ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔެއްގެ ސަމާލުކަން ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ވެސް ހުއްޓުނު ފޮޓޯ އެކެވެ. ކުޅިވަރު ތާރީހުގައި ވެސް އެއީ ހާއްސަ ވަގުތެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"މިއީ ކޮންމެ މީހަކު ވެސް ކުރިމަތިލާން ޖެހޭނެ ކަމެއް. އުނދަގޫ ވިޔަސް މިކަން ކުރަން ޖެހޭ،" ރޮވިފައި ހުރެ، ފެޑެރާ ބުންޏެވެ.

"އަހަރެން މި ހުރީ އުފަލުން، އަހަރެން މި ހުރީ ދެރަވެފައެއް ނޫން. އަހަރެން ވަރަށް އުފަލުން ހުރެ އެންމެ ފަހު ފަހަރު ކަމަަށް ބަލާފައި ވެސް ބޫޓުގެ ނާޑުވާ މި އެއްސީ، މި މެޗުގައި ކޮންމެ ކަމެއް ވެސް މި ކުރީ ޕްރޮފެޝަނަލް ކެރިއަރުގެ އެންމެ ފަހު ދުވަހު. މެޗު ވެސް ދިޔައީ ވަރަށް ވާދަވެރިކޮށް ރަނގަޅަށް، އަހަރެން އުފަލާ އެކު މި ނިންމާލީ، ޝުކުރިއްޔާ،"

ރޭގެ މެޗަށް ފަހު ފެޑެރާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.-- ފޮޓޯ: އޭއެފްޕީ


ލަންޑަންގެ އޯޓޫ އެރީނާގައި ރޭގެ މެޗަށް ދިޔަ ހުރިހާ ސަޕޯޓަރުންނަށް ފެޑެރާގެ ވަދާއީ ވާހަކަ ވެގެންދިޔައީ ޖަޒުބާތީ ވަގުތަކަށެެވެ. ފެޑެރާ އަށް އޮތް ސަޕޯޓް ދައްކުވައިދިނުމުގެ ގޮތުން ދެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާ އަށް ހިތްވަރެއް ދޭން އުރާލައިފަ އެވެ.

ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. އޭގެ ފަހުން އޭނާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ. ފެޑެރާ އެންމެ ފަހުން ހޯދި ގްރޭންޑް ސްލޭމަކީ 2018 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ. ފެޑެރާ އަށް ވުރެ ގިނަ ގްރޭންޑް ސްލޭމް ހޯދީ ދެ ކުޅުންތެރިއެކެވެ. އެއީ 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ނަޑާލް އާއި 21 ގްރޭންޑް ސްލޭމް ތަށި ހޯދި ނޮވަކް ޖޮކޮވިޗް އެވެ.

ޓެނިސް ކެރިއަރުގައި ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ހޯދިތާ 19 އަހަރު ފަހުން ފެޑެރާ ރިޓަޔާކުރާއިރު، ދުނިޔޭގެ ރޭންކިންގެ އެއް ވަަނަ އަށް ފެޑެރާ އެންމެ ފުރަތަަމަ އެރީ 2004 ވަަނަ އަހަރު އެވެ. އޭނާ ވަނީ ރޭންކިން އެއް ވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ. އެއީ ވަރަށް ފަހަކާ ޖެހެންދެން ރެކޯޑެކެވެ. އެ ރެކޯޑް މުގުރާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޖޮކޮވިޗް އެވެ.

ޖުމްލަ އެކު 103 އޭޓީޕީ ތަށި ހޯދާފައިވާ ފެޑެރާ ވަނީ މުޅި ކެރިއަރުގައި އެކި ލެވަލްގައި ހޯދީ ކާމިޔާބީތަކަށް ބަލާއިރު، ބޮޑު އަދަދެއްގެ ފައިސާގެ އިނާމެއް ހޯދައިފަ އެވެ. މުބާރާތްތައް ކާމިޔާބުކޮށްގެން ފެޑެރާގެ މުޅި ޓެނިސް ކެރިއަރުގައި އޭނާ އަށް ލިބުނު ފައިސާގެ އިނާމުގެ ޖުމްލަ އަދަދު 130 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.