24 ސެޕްޓެންބަރު 2022 - 14:29 0
އެފްއައިވީބީ ކޮންގްރެސްގައި ރަނޭޝް ވާހަކަދައްކަވަނީ
24 ސެޕްޓެންބަރު 2022 - 14:29 0
ނެދަލެންޑްސްގައި ކުރިއަށްދިޔަ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން އެފްއައިވީބީގެ ކޮންގްރެސްގެ ޕޯޑިއަމްގައި ވާހަކަ ދައްކަވައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ރާއްޖެ އަށް ހާއްސަ ޝަރަފެއް ހޯދައިދެއްވައިފި އެވެ.
ވީއޭއެމްގެ ލީޑަޝިޕާ ހަވާލުވުމަށް ފަހު، ރަނޭ އަންނަނީ ދުނިޔޭގެ ފެޑެރޭޝަނާ ގުޅުން ބަދަހިކޮށް، ރާއްޖެ އަށް މުހިންމު ފުރުސަތުތަކެއް ހޯދައިދެއްވައިފަ އެވެ. އެ ކަންކަމަށް އިތުރު ފުރިހަމަކަމެއް އައީ، ރޭ އެފްއައިވީބީގެ ކޮންގްރެސްގެ ޕޯޑިއަމްގައި ހުންނަވައި، ވޮލީބޯޅައިގެ ރާއްޖޭގެ ހާލަތާއި ރާއްޖެ އަށް ބޭނުންވާ އެހީތެރިކަމުގެ ވާހަކަތައް ދުނިޔޭގެ ވޮލީބޯޅައިގައި ޝާމިލުވާ ހުރިހާ ގައުމެއްގެ މެމްބަރުން ކުރިމަތީގައި ދައްކަން ރަނޭ އަށް ލިބިވަޑައިގަނެވުމެވެ.
"ދުނިޔޭގެ ފެޑެރޭޝަނެއްގެ ކޮންގްރެސްއެއްގެ ޕޯޑިއަމެއް ކައިރީގައި ހުއްޓިލައި، ކުޅިވަރުގެ މި ކަހަލަ އިވެންޓެއްގައި ދިވެއްސަކު އިންޓަނޭޝަަނަލް ފެޑެރޭޝަނެއްގެ ޕްރޮގްރާމަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ރަނޭ "އަދަދު" އަށް ވިދާޅުވި އެވެ.
"މި ފުރުސަތު އަޅުގަނޑަށް ލިބިގެންދިއުމަކީ ދިވެހި ވޮލީބޯޅަ އެސޯސިއޭޝަނުން އެ ކުރާ މަސައްކަތް ދުނިޔޭގެ ޖަމިއްޔާ އިން ބަލައިގަތުން. މިއީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ،"
ރަނޭ ވިދާޅުވީ އޭނާގެ ލީޑަޝިޕްގެ މަސައްކަތުން ރާއްޖޭގެ ވޮލީބޯޅަ އަށް ބައިނަލްއަގުވާމީ މައިދާނުގައި ހޯދައިދޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ރާއްޖޭގެ ވޮލީބޯޅައިގައި ޝާމިލުވެ އުޅޭ ހުރިހާ ފަރާތެއް އެކުވެގެން، އެއްބައިވަންތަކަމާ އެކު މަސައްކަތް ކޮށްގެން ކަމަށެވެ.
އެފްއައިވީބީގެ ރައީސް އަރީ ގްރާސާ މިދިޔަ އަހަރު ރާއްޖެ ވަޑައިގަންނަވައި، ރާއްޖެ އަށް އެފްއައިވީބީ މެދުވެރިވެެގެން ގިނަ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ބީޗްވޮލީބޯޅަ ކުރިއަރުވަން އެފްއައިވީބީން ހަމަޖައްސައިދީފައިވާ ދެ އަހަރު ދުވަހުގެ ކޯޗިން ސަޕޯޓް ޕްރޮގްރާމްގެ މަސައްކަތް މިހާތަނަށް ކުރިއަށްދާ ގޮތާ މެދު އެފްއައިވީބީން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ރާއްޖޭގައި ބީޗްވޮލީބޯޅަ ޑިވެލޮޕްމަންޓް ސެންޓަރެން ގާއިމްކުރުމާއި ގުޅޭގޮތުން އެފްއައިވީބީއާ އެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް ވެސް މީގެ ކުރިން ވީއޭއެމުން ވަނީ މައުލޫމާތު ދީފަ އެވެ.
ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މުބާރާތް އަންނަ މަހު ރާއްޖޭގައި ހޯސްޓްކުރާނެ އެވެ. މިއީ ބައިނަލްއަގުވާމީ މި ލެވަލްގެ ބީޗްވޮލީ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment