Advertisement

ގައުމީ މުބާރާތުގައި ވެސް ސާއިދާއި ޖާއިޝާ އަދި ފަޒީލްގެ ކާމިޔާބީ ކުރިއަށް

24 ސެޕްޓެންބަރު 2022 - 03:25 0

ގައުމީ މުބާރާތުގެ އިވެންޓްތަކުގެ ތެރެއިން ސާއިދު (ކ)، ޖާއިޝާ (މ) އަދި ފަޒީލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ މުބާރާތުގައި ވެސް ސާއިދާއި ޖާއިޝާ އަދި ފަޒީލްގެ ކާމިޔާބީ ކުރިއަށް

24 ސެޕްޓެންބަރު 2022 - 03:25 0

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ ދެ ވަނަ ދުވަހުގެ އިވެންޓްތަކުގައި ވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އާއި ދިގު ދުވުންތަކުގައި ތަފާތު ދައްކަމުން އަންނަ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި އައިޝަތު ޖާއިޝާ ޖުނީޒް ކާމިޔާބީ ތަކުރާރުކޮށްފި އެވެ.

މި ފަހަރުގެ ދުވުމުގެ 100 މީޓަރު ކާމިޔާބުކުރި ސާއިދު ވަނީ މިއަދު 200 މީޓަރު ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. ސާއިދު 200 މީޓަރު ރޭސް ނިންމީ 21.80 ސިކުންތުންނެވެ.

ފޯރިގަދަކޮށް ކުރިއަށްދިޔަ ދެ ވަނަ ހޯދި އަހުމަދު ނަޖުދާން އަބްދުﷲގެ ޓައިމިން އަކީ 22.77 ސިކުންތެވެ. އަދި ތިން ވަނަ ހޯދި މުހައްމަދު މިންހާލް ޝާމިން ރޭސް ނިންމީ 22.78 ސިކުންތުންނެވެ.

އަންހެނުންގެ 200 މީޓަރު ރޭސް ކާމިޔާބުކުރީ ދާދި ފަހުން ގދ. ތިނަދޫގައި އެ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެތުލެޓިކްސް މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގެ 100 މީޓަރާއި 200 މީޓަރު ރޭހުން ރަން ވަނަ ހޯދި ޒުވާން ދުވުންތެރިޔާ، ހދ. ކުޅުދުއްފުށީ އަހުނާ ނިޒާރު އެވެ. ދެ ވަނަ ހޯދީ 27:12 ސިކުންތުން ރޭސް ނިންމި ހައްވާ މުޒްނާ ފާއިޒު އެވެ. އަދި ތިން ވަނަ އަށް ދިޔަ ރިފާ މުހައްމަދުގެ ޓައިމިން އަކީ 27:16 ސިކުންތެވެ.

މިއަދު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ ތެެރެއިން ޒުވާން ސްޕްރިންޓަރު އަހުނާ ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ރާއްޖޭގެ އެންމެ ކާމިޔާބު ސްޕްރިންޓް ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން، މި ފަހަރު ސްޕްރިންޓް ދުވުންތަކުގައި ނުދުވެ އެވެ. އެއީ އޭނާ ޖެމެއިކާ ޓްރެއިނިން ކޭމްޕް ދިއުމަށް ވިސާ ޖެހުމަށް ދާދި ފަހުން ލަންކާ އަށް ދާން ޖެހުމުން ޓްރެއިނިން މެދުކަނޑާލަން ޖެހުމާ އެކު އެވެ. ހިމްނާ ނެތި، 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ މަރިޔަމް އަލްހާ ހުސެއިންނެވެ.

ފުރަތަމަ ދުވަހު 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ފަޒީލް އާއި ޖާއިޝާ ވަނީ 1500 މީޓަރު ރޭސް ކާމިޔާބުކޮށްފަ އެވެ. ޖާއިޝާ 5 މިނިޓް 08.43 ސިކުންތުން ރޭސް ނިންމިއިރު، ދެ ވަނަ ހޯދި އައިޝަތު ރާނިޔާގެ ޓައިމިން އަކީ 5 މިނިޓް 27.98 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ އައިމިނަތު ލުމާ އަސްލަމްގެ ޓައިިމިން އަކީ 5 މިނިޓް 59.80 ސިކުންތެވެ.

ފަޒީލް، ރޭސް ނިންމީ 4 މިނިޓް 10.83 ސިކުންތުންނެވެ. ދެ ވަނަ ހޯދި އަހުމަދު ވިސާމްގެ ޓައިމިން އަކީ 4 މިނިޓް 13.12 ސިކުންތުންނެވެ. ތިން ވަނަ ހޯދި ޔޫސުފް އިބްރާހިމްގެ ޓައިމިން އަކީ 4 މިނިޓް 13.13 ސިކުންތުންނެވެ.

މާދަމާ 800 މީޓަރުގެ ރޭހުގައި ޖާއިޝާ އާއި ފަޒީލް ވާދަކުރާނެ އެވެ. މި ދެ އިވެންޓަކީ މި ދެ އެތުލީޓުންނަށް ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދަން ބަލާއިރު މުހިންމު ދެ އިވެންޓެވެ.