Advertisement

ތޮއްޑޫގައި އަންހެނަކާއި ކުޑަކުއްޖަކަށް އަދި ފުލުހުންނަށް ވެސް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

22 ސެޕްޓެންބަރު 2022 - 11:20 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ތޮއްޑޫގެ ފޮޓޯއެއް: އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި -- ފޮޓޯ: އަދަދު ފައިލް


ތޮއްޑޫގައި އަންހެނަކާއި ކުޑަކުއްޖަކަށް އަދި ފުލުހުންނަށް ވެސް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

22 ސެޕްޓެންބަރު 2022 - 11:20 1

އއ. ތޮއްޑޫގައި އަންހެނަކަށް ގެވެށި އަނިޔާކޮށް، އަދި ކުޑަކުއްޖަކަށް އަނިޔާކޮށް، އޭނާ ހައްޔަރުކުރަން ދިޔަތަނުން ފުލުހުންނަށް ވެސް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަމުރެއް ނެރެ، އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް ވަނީ އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ކަމަށް އިންކާރުކޮށް، އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 2:00 ޖަހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ހައްޔަރު ކުރި މީހަކީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަނިޔާ ލިބުނު ކުޑަކުއްޖަކީ ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށް އެނގިފައިވެ އެވެ.

"މި މައުލޫމާތު ލިބުމުން ފުލުހުން އެ ގެއަށް ދިއުމުން ފިރިހެން މީހާ ވަނީ ފުލުހުންނަށް ހަމަލާދީ، މާރާމާރީ ހިންގައި އިންޒާރުދީފަ. އަދި މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް ވަނީ އަނިޔާވެފަ،" ފުލުހުން "އަދަދު"އަށް ހިއްސާކުރި މެސެޖުގައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.