21 ސެޕްޓެންބަރު 2022 - 17:16 1
އާމިނަތު އިބްރާހިމް
ޕީއައިއެލްސީގެ ބައެއް ވަކީލުން އަދަދު ފޮޓޯ/މުހައްމަދު ޝާބިން
21 ސެޕްޓެންބަރު 2022 - 17:16 1
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން (ޕީއައިއެލްސީ) ހިލޭ ސާބަހާ ގާނޫނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ ކޭމްޕް، އެންމެ އަވަހަށް ބާއްވާނީ ހދ. ހަނިމާދޫގައި ކަމަށް އެ ލޯ ސެންޓަރުން ބުނެފި އެވެ.
ޕީއައިއެލްސީން އަންނަނީ، ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން "މޮބައިލް ލީގަލް އެއިޑް" ކްލިނިކްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ހަރަކާތްތައް ބާއްވަމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން، މިމަހުގެ 23 ވަނަ ދުވަހު ހަނިމާދޫގައި ގާނޫނީ ލަފާއާއި އެހީތެރިކަންދޭ ކޭމްޕެއް ބާއްވަން ނިންމައި، ހަރަކާތް ކުރިއަށްގެންދާ ރަށަކަށް ހަނިމާދޫ ވަނީ ކަނޑައަޅާފަ އެވެ.
ޕީއައިއެލްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަނިމާދޫގައި އޮންނަ ކޭމްޕްގައި އެރަށުގެ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ބިދޭސީންނަށް ހިލޭ ގާނޫނީ ލަފާ ދިނުމާއި އަދި ގާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް ލަފާ ފޯރުކޮށްދިނުމާއި ވަކީލެއްގެ ހިދުމަތް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެ އެހީތެރިކަން ހިލޭ ފޯރުކޮށްދީ އެފަދަ ފަރާތްތަކުން ކޯޓަށް ހުށަހެޅުމަށް ބޭނުންވާ މައްސަލަތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންކަމުން ކްލިނިކަށް އައިސް، ވަޒީފާއާ ގުޅުންހުރި މައްސަލަތަކާއި، ބިމާބެހޭ މައްސަލަތަކާއި، މަދަނީ މައްސަލަތަކާއި، ގެވެށި އަނިޔާއާއި، އާއިލާއާ ބެހޭ މައްސަލަތަކާ އަދި މިނޫންވެސް މަދަނީ މައްސަލަތަކާ ގުޅޭގޮތުން ބޭނުންވާ ލަފާއާ އެހީތެރިކަން މި ފުރުސަތުގައި ހޯދުމަށް ވެސް އެދިފައިވެ އެވެ.
މި ކޭމްޕް ނުވަތަ ކްލިނިކް ކުރިއަށްދާނީ 23 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހަނިމާދޫ ސޯޝަލް ސެންޓަރުގަ އެވެ.
އަދި މީގެ އިތުރުން އެރޭ 20:30 އިން 22:00 އަށް ބިމާބެހޭ މައްސަލަތަކާއި، ކޯޓުތަކަށް މައްސަލަ ހުށަހަޅާނެ ގޮތާއި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން ސެޝަންއެއް ވެސް ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވެ އެވެ.
ގާނޫނީ އެހީތެރިކަމާއި ލަފާ ދިނުމުގެ އިތުރުން، މި ކްލިނިކުން، އިޖުތިމާއީ އެހީ ހޯދުމަށް ފޯމުފުރައިދިނުމުގެ ހިދުމަތްވެސް ދޭނެ އެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުނީ، މިފަދަ ކްލިނިކެއް ހިންގުމުގެ ބޭނުމަކީ، ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އަދުލުއިންސާފަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އާންމު ރައްޔިތުންގެ މެދުގައި ޤާނޫނުތަކަށް ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ކުރިއަށް ގެންދާ މިކޭމްޕްގައި 11 އަތޮޅަށް ގޮސް އެކި ރަށްރަށުގައި މި ޕްރޮގްރާމް ހިންގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރަކީ އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަމަށް ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، އިންސާނީ ހައްގުތަކަށް ގެއްލުން ލިބޭ ކަންކަން ދެނެގަނެ އެކަންކަމާ ގުޅޭގޮތުން ޙައްލުހޯދުމަށް މަސައްކަތްކުރުމާއި، މާލީގޮތުން ތަނަވަސްކަން ނެތުމުގެ ސަބަބުން ނުވަތަ އެނޫނަސް އެކި ސަބަބުތަކާ ގުޅިގެން ޤާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ހިދުމަތްދޭން ވަކީލުންތަކެއް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
Comment