Advertisement

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

21 ސެޕްޓެންބަރު 2022 - 15:10 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

21 ސެޕްޓެންބަރު 2022 - 15:10 0

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކަށް މަދުވެގެން 4،500ރ. ގެ މަހު މުސާރައެއް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު އިސްލާހު ކުރިއިރު، ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ފެށުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހިމަނައިފަ އެވެ.

މި މުއްދަތު ލަސްކުރަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު މި މަހުގެ ހަތް ވަނަ ދުވަހު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ، ބިލު ދިރާސާކުރި އިޖުތިމާއީ ކޮމިޓީން އެއަށް ގެނައި އިސްލާހަކާއެކުގަ އެވެ.

ބިލު ހުށަހެޅިއިރު، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތީ ސަރުކާރުންނެވެ. އެހެންނަމަވެސް ކޮމިޓީން ވަނީ މިނިސްޓަރަށް މި ބާރު ދީފަ އެވެ.

ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މިނިމަމް ވޭޖު ދިނުމަކީ ވެސް މިނިސްޓަރުގެ މަސްއޫލިއްޔަތަކަށް ވާއިރު، އެކަން ތަންފީޒު ކުރަން ޖެހޭ ތާރީހު ކަނޑައަޅަން ވާނީ ވެސް މިނިސްޓަރު ކަމަށެވެ.

ގާނޫނުގެ 62 މާއްދާގެ (ކ) އިސްލާހުކުރަން ފާސްކުރި ގޮތް


މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ އެވެ.

ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުމުން މެންބަރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ އިސްލާހު އެއް މަސައްކަތެއް ކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަދޭން ލާޒިމުކުރާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވާ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިނގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރީން ލައްވާ މަސައްކަތް ކުރުވާ ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިކުރާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އަދި މީގެ ސަބަބުން ދިވެހި މަސައްކަތް ތެރީންނަށް ވަޒީފާ މިހާރުވެސް ދަތިވެފައިވާކަމުގެ ޝަކުވާ އިތުރުވެ, ވަޒީފާ ދޭ ފަރާތަށް ދިވެހި މަސައްކަތް ތެރިޔަކަށް މަސައްކަތް ދިނުމުން އިތުރު ތަކުލީފަކަށްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި އާދައިގެ މަސައްކަތްތައް ކުރަން ރާއްޖޭގައި އުޅޭ ބިދޭސީންނަށް، އެ މީހުންގެ ގައުމުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީއެއް ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ލިބެ އެވެ.

މިނިމަމް ވޭޖުގައި ހިމެނޭނެ އުޖޫރަ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ މާނައިގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ.

މީގެ މާނައަކީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.