Advertisement

ފިގުހު އެކަޑަމީ އުފެއްދުމާ ހަމައަށް ފަތުވާ މަޖިލިސް އޮންނަން ޖެހޭ: އުޝާމް

21 ސެޕްޓެންބަރު 2022 - 12:46 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ފިގުހު އެކަޑަމީ އުފެއްދެންދެން ފަތުވާ މަޖިލިސް އޮންނަން ޖެހޭ ކަމަށް.


ފިގުހު އެކަޑަމީ އުފެއްދުމާ ހަމައަށް ފަތުވާ މަޖިލިސް އޮންނަން ޖެހޭ: އުޝާމް

21 ސެޕްޓެންބަރު 2022 - 12:46 0

ފަތުވާ މަޖިލީހަށް އޮތް ޒިންމާތައް ހަވާލުކުރާ ގޮތަށް ފިގުހު އެކަޑަމީ އުފައްދަން ސަރުކާރުން ގަސްދުކުރިޔަސް، ގާނޫނަށް އެ ބަދަލު ގެނެވެންދެން ފަތުވާ މަޖިލިސް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަތުވާ މަޖިލީހުގެ އެންމެ މެމްބަރެއް ފިޔަވައި އެހެން މެމްބަރުންގެ ދައުރު ނިމި، އެ މަޖިލިސް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އެ މަޖިލީހަށް މެމްބަރުން އައްޔަންކުރަން ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އެވެ.

މަޖިލީހަށް އެ މައްސަލަ ބަލައިގަނެ، މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ފަތުވާ މަޖިލީހުގެ މަސައްކަތް ކުރާ ގޮތަށް ފިގުހު އެކަޑަމީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ވެސް މީގެ ކުރިން ބުނެފައި ވަނީ ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަން ނުކޮށް ލަސްވަނީ ފިގުހު އެކަޑަމީ އުފައްދަން އުޅޭތީ ކަމަށެވެ.

އާދަމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އުޝާމް ވިދާޅުވީ ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންނުކޮށް ލަސްކުރުމަކީ ގާނޫނާ އެއްގޮތަށް ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.

"މި ގާނޫނުގައި [ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި] ވަރަށް ސާފުކޮށް ބަޔާންކޮށްގައި އެބަ އޮތް [ފަތުވާ މަޖިލީހުގެ] މެމްބަރުކަމުގެ ދައުރު ހަމަވެއްޖެއްޔާ ދެން އަމަލުކުރަން ޖެހޭނެ ގޮތް،" އުޝާމް ވިދާޅުވި އެވެ.

އެ ގާނޫނުގެ (20) ވަނަ މާއްދާގައި އޮތީ ފަތުވާ މަޖިލީހުގެ މެމްބަރެއްގެ ދައުރު ހަަމަވާތާ 30 ދުވަހުގެ ތެރޭގައި މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި އޮވެ އެވެ.

"ބައެއް ބޭފުޅުން ވިދާޅުވެއްޖެ މި ގާނޫނާ އެއްގޮތަށް މި މަޖިލީހަށް [ފަތުވާ މަޖިލީހަށް] މީހުން އައްޔަން ނުކޮށް މި އޮތީ ފިގުހު އެކަޑަމީއެއް އެކުލަވައިލުމުގެ ބޭނުމުގައި ކަމަށް. ފިގުހު އެކަޑަމީއެއް އެކުލަވައިލެވޭނީ ގާނޫނު އިސްލާހުކޮށްގެން. އެކަމަށް ވަގުތު ނަގާނެ. އެހެންވީމާ ފިގުހު އެކަޑަމީއެއް އެކުލަވައިލެވެންދެން ވެސް ގާނޫނުގައި އެބުނާ މަޖިލިސް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވާތީ ގާނޫނާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރަން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ.

ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

އެ މަޖިލީހަށް މެމްބަރުން އައްޔަން ލަސްވާތީ "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީގެ ކުރިން ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ފަތުވާ ކޮމިޓީން ކުރަމުން އައި މަސައްކަތްތައް ފިގުހު އެކަޑަމީއާ ހަވާލުކުރުމަށް ކަމަށެވެ.