Advertisement

ޝާހިދުގެ އަމާޒު؛ ގުޓެރޭޒަށް ފަހު އދ. އަށް އަންހެން ސެކްރެޓަރީ ޖެނެރަލެއް އިންތިހާބުކުރުން

20 ސެޕްޓެންބަރު 2022 - 11:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އދ. ގެ އާންމު މަޖިލީހުގައި ބޭއްވި އިމަޖެންސީ ސެޝަނެއްގައި ޝާހިދު ވާހަކަ ދައްކަވަނީ. އޭނާ އަކީ 76 ވަނަ އާންމު މަޖިލީހުގެ ރައީސް --- ފޮޓޯ: ގެޓީ އިމޭޖަސް


ޝާހިދުގެ އަމާޒު؛ ގުޓެރޭޒަށް ފަހު އދ. އަށް އަންހެން ސެކްރެޓަރީ ޖެނެރަލެއް އިންތިހާބުކުރުން

20 ސެޕްޓެންބަރު 2022 - 11:11 0

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރު ހަމަވުމުން އަލަށް އިންތިހާބުކުރާ ސެކްރެޓަރީ ޖެނެރަލަކީ އަންހެން ބޭފުޅަކަށް ވާން ޖެހޭ ކަމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 12، ގައި ޝާހިދުގެ ދައުރު ހަމަވުމުން ދެއްވި ވަދާއީ ތަގުރީރުގައި ވެސް އަންހެން ސެކްރެޓަރީ ޖެނެރަލެއް އިންތިހާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަ ދެއްކެވި އެވެ. އަދި އެކަމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"[އދ. އަށް] 70 އަހަރުވީ އިރު އަޅުގަނޑުމެން ލަދުގަންނަން ޖެހޭ. ހަތް ދަހަރުގެ ތެރޭ އދ. ލީޑު ކުރުމަށް އަންހެން ބޭފުޅަކު ހޮވިފައި ނެތުމަކީ ބޮޑު ގޯހެއް،" އަންހެނުންގެ ދައުރު ދުނިޔޭގެ ފެންވަރުގައި އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ފޯބްސްއަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވި އެވެ.

އދ. ގެ 77 އަހަރުވީ ދިގު ތާރީހުގައި ނުވަ ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާއިރު އޭގެ ތެރޭގައި އަންހެން ބޭފުޅަކު ނުހިމެނެ އެވެ. އެންމެފަހުން ބޭއްވި އިންތިހާބު ގުޓަރޭޒް ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނާ ދެކޮޅަށް ހަތް އަންހެން ކެނޑިޑޭޓުން ވާދަކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެން އެންމެން އެ މަގާމަށް އަންހެނަކު ގެންނަންވީ ވަގުތު. ސެކްރެޓަރީ ޖެނެރަލަކަށް ކޮލިފައިވާ ބައިވަރުން އަންހެން ބޭފުޅުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވި،" ފޯބްސްއަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވި އެވެ.

ދައުރު ހަމަވުމުން އަނބުރާ ރާއްޖެ ވަޑައިގެން ވެސް މި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވެސް ގިނަ ފުރުސަތުތަކެއް އަންހެނުންނަށް ހޯއްދަވައިދެއްވަން ޝާހިދު މަސައްކަތް ކުރެއްވި އެވެ.

"ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން. އެ އަދަދު ހަނދާން ނައްތާލަން ފުރުސަތު ދީގެން ނުވާނެ. ގުޓަރޭޒްގެ ދައުރު ނިމޭއިރު މިކަން [އަންހެން ސެކްރެޓަރީ ޖެނެރަލެއް ހުރުން] ގިނަ ބަޔަކު ގަބޫލުކުރާނެ،" ޝާހިދު ވިދާޅުވި އެވެ.

އަންހެން ބޭފުޅަކު ސެކްރެޓަރީ ޖެނެރަލަކަށް ގެނައުމަށް ކުރާ މަސައްކަތް ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން ވީޓޯ ނުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އަންނަން އޮތް ދައުރަށް ހޮވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ. ވަކިން ހާއްސަކޮށް ލެޓިން އެމެރިކާއަށް ނިސްބަތްވާ ބޭފުޅުން ގިނަވާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް، އޭގެ ތެރެއިން ވަކި ކެނޑިޑޭޓަށް ތާއިދުކޮށް ކެމްޕޭން ނުކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.