Advertisement

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ރައީސް ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

19 ސެޕްޓެންބަރު 2022 - 23:01 0

ރާނީގެ ޖަނާޒާއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރާނީ އެލިޒަބަތުގެ ޖަނާޒާގައި ރައީސް ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

19 ސެޕްޓެންބަރު 2022 - 23:01 0

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް، ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް މިއަދު ބޭއްވި ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފުޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

އުމުރުފުޅުން 96 އަހަރުގައި، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު، އަވަހާރަވި އެލިޒަބަތު އަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު ރެނދެލި ކުރެއްވި ރާނީ އެވެ. މެދުނުކެނޑި އެ ކަމަނާ 70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރެއްވެވި އެވެ.

ރަސްމީ އެންމެމަތީ ޢިއްޒަތުގައި، ރާނީ އެލިޒަބަތު ފަސްދާނުލާފައި ވަނީ އެކަމަނާގެ މިސާލެއް ނެތް ފަދަ ރަނިކަމާއި، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހު އެވެ.

ލަންޑަންގެ ވެސްޓްމިންސްޓަ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި، އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އާއްމު ރައްޔިތުންގެ ގިނަބަޔަކު ވެސް ޖަނާޒާގައި ބައިވެރިވި އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ފަހު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވަލީ ދެއްވި ފަރިއްކޮޅެއްގައި ރައީސް ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އާދީއްތަ ދުވަހު، ރައީސްގެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި، ތައުޒިޔާގެ މެސެޖު ލިޔުއްވާފަ އެވެ.

ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާއިއެކު، ކޮންމަންވެލްތުގެ އެންމެ އިސްވެރިޔާ ރާނީ އެލިޒަބަތު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، ސެޕްޓެމްބަރު 9 އިން ފެށިގެން ތިން ދުވަސްވާންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓި އެވެ.

މި ދަތުރުފުޅު ނެންމެވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 22، 2022 ގަ އެވެ.