Advertisement

މިނީ ބަހުގެ ހިދުމަތްތައް މާލޭގައި އިތުރު ދެ ހަފްތާއަށް ހިލޭ

18 ސެޕްޓެންބަރު 2022 - 17:04 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިނީ ބަހަކަށް މީހުން އަރަނީ: މީގެ ކުރިން އޮތީ ޓްރަޔަލް ޕީރިއަޑް ނިމި، މާދަމާ ބަހުން އަގު ނަގަން ފަށާގޮތަށް--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިނީ ބަހުގެ ހިދުމަތްތައް މާލޭގައި އިތުރު ދެ ހަފްތާއަށް ހިލޭ

18 ސެޕްޓެންބަރު 2022 - 17:04 0

މާލޭގައި މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ދިނުމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމަށްޓަކައި، މާލެއަށް މިނީ ބަސްތައް ގެނެސް ހިދުމަތް ދޭން ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އޭރު ކަނޑައެޅީ ދެ ހަފްތާގެ ޓްރަޔަލް މުއްދަތުގައި ބަހުގައި ހިލޭ ދަތުރު ކުރެވޭ ގޮތަށެވެ.

ނަމަވެސް އެ މުއްދަތު ނިމުމާއެކު، މާދަމާއިން ފެށިގެން ބަސް ދަތުރުތަކަށް 7ރ. ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު ވަނީ ދެ ހަފްތާ އިތުރު ކޮށްފަ އެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ނިންމާފައިވަނި ބަހުގެ ރޫޓްތަކާއި، ޓިކެޓް ނެގުމަށް އާންމުން އިތުރަށް އަހުލުވެރިކުރުވަން ކަމަށެވެ.

"މީގެ މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ އިތުރު ފުރުސަތު ދިނުމާއެކު، ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން. އަދި ހިދުމަތަށް އަގު ނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ބޭނުންކުރާ އާރްޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަށް،" އެމްޓީސީސީން ބުންޏެވެ.

ބަސް ދަތުރުތަކަށް 7ރ. ދައްކަން ޖެހޭ ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މިނީ ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމަށްފަހު އެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.