Advertisement

ބިދޭސީންނަށް ރާއްޖޭން ރަނގަޅު އާމްދަނީއެއް ލިބޭ؛ މިނިމަމް ވޭޖު ދިނުން ފަސްކުރަން ވަޒީރުގެ ދިފާއު

14 ސެޕްޓެންބަރު 2022 - 11:14 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ލ. ގަމުގައި ބޭއްވި ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ބިދޭސީންނަށް ރާއްޖޭން ރަނގަޅު އާމްދަނީއެއް ލިބޭ؛ މިނިމަމް ވޭޖު ދިނުން ފަސްކުރަން ވަޒީރުގެ ދިފާއު

14 ސެޕްޓެންބަރު 2022 - 11:14 0

އާދައިގެ މަސައްކަތްތައް ކުރަން ރާއްޖޭގައި އުޅޭ ބިދޭސީންނަށް، އެ މީހުންގެ ގައުމުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީއެއް ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ލިބޭ ކަމަށް ވިދާޅުވެ, ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދިފާއު ކުރައްވައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކަށް މަދުވެގެން 4،500ރ. ގެ މަހު މުސާރައެއް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު އިސްލާހު ކުރިއިރު، ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ފެށުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވަނީ އެ މުއްދަތު ފަސްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހުގައި ބުނަނީ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް ބިދޭސީ މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން ގިނަވެގެން ދެ އަހަރުގެ ތެރޭގައި އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދުނިޔޭގެ އިގުތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާތީ ހާލަތު އެކަމަށް އަދި ތަންނުދޭ ކަމަށެވެ.

ނަމަވެސް، އެކަން ކުރުމާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން އިސްވެ ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ޖަމިއްޔާތަކުން ސިފަ ކުރާ ގޮތުގައި އެ ނިންމުން، ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ގާނޫނުއަސާސީން މަނާކޮށްފައިވާ ތަފާތުކުރުން ކަމުގެ ތުހުމަތު ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ބިލު ހުށަހެޅީ މިނިމަމް ވޭޖު އެ މީހުންނަށް ދޭން ފެށުމަކީ ރާއްޖޭގެ އިގުތިސޯދު މި ވަގުތު އޮތް ގޮތުން އުފުލޭނެ ބުރައަކަށް ނުވާތީ އެވެ.

"ކޮންމެ ބިދޭސީއަށް މިނިމަމް ވޭޖް ދޭން ފެށުމުން ގައުމުގެ ފޮރިން ކަރަންސީއަށް ވަރަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެންދާނެ. އެއީ ރާއްޖޭގެ އިގުތިސޯދަށް އެފޯޑަބްލް ކަމެއް ނޫން. އެހެންވެ އަޅުގަނޑުމެން އެގޮތަށް ހުށަހެޅީ،" އެ އިސްލާހު ދިފާއުކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމުން އޭގެ އަސަރު ބޮޑަށް ކުރާނީ އަންސްކިލްޑް ވަޒީފާތަކުގައި އުޅޭ ބިދޭސީންނަށް ކަމަށާއި އެ ދާއިރާގެ 99 ޕަސެންޓަކީ ބިދޭސީން ކަމަށެވެ.

"އެ 99 ޕަސެންޓް މީހުންނަށް އެ މީހުންގެ ގައުމުގައި ލިބޭ އާމްދަނީއަށް ވުރެ ވަރަށް ރަނގަޅު އާމްދަނީއެއް ދަނީ ލިބެމުން. މިވަގުތު އެ މީހުންގެ މިނިމަމް ވޭޖް ދޭން ފަށާއިފިނަމަ, ކުންފުނިތަކަށް ވެސް ވަރަށް ބޮޑު ބުރައަކަށް ވާނެ. އަދި މަސައްކަތުގެ އަގުތަކަށް ވެސް. އެހެންވެ، މި ވަގުތަށް އެކަން ތަންފީޒުކުރުން މަޑުޖައްސާލަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށްް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖްގެ މައިގަނޑު އަސާސަކީ ދިވެހިންނަށް ރާއްޖޭގައި ލިބޭ އަސާސީ މުސާރައިން ދިރުއުޅުމުގެ ހަރަދުތައް ހަމަޖެއްސޭނޭ ވަރު ކުރުމެވެ. އެހެން ކަމުން ބިދޭސީންނަށް އެ ގައުމުގައި އެ މީހުންނަށް ލިބޭ އާމްދަނީއާ އަޅައި ބަލާއިރު މިހާރު ވެސް ރާއްޖޭން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖް މިވަގުތު ދޭން ފެށުމަށް އަމިއްލަ ކުންފުނިތަކުން ވެސް ދެކޮޅު ކަމަށާއި އެއީ މާލީ ގޮތުން ކުންފުނިތަކަށް ވެސް ބޮޑު ބުރައެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެ ބުރަ އުފުލޭނެ ގާބިލުކަން އިގުތިސޯދަށް އައުމުން، ބިދޭސީންގެ މިނިމަމް ވޭޖް ވެސް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.