13 ސެޕްޓެންބަރު 2022 - 18:07 0
މުހައްމަދު އުޝާމް
13 ސެޕްޓެންބަރު 2022 - 18:07 0
ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯނޑެއްދޫއާ ހަމައަށް ކޯޒްވޭއަކުން ގުޅައިލުމުގެ އާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު ހޯނޑެއްދޫގައި އެ ކަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަނާއި، ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްގެ އިތުރަށް މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އާ ކޯޒްވޭއަކީ އޭގެ ދަށުން އޮއި ދެމޭ ގޮތަށް ބިނާ ކުރާނެ ކޯޒްވޭއެކެވެ. އަދި އެ ކޯޒުވޭއިން ހެވީ ވެހިކަލަށް ވެސް ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަޑަވެއްޔާއި ހޯނޑެއްދޫ ދެމެދު އޮންނަ ހާދޫ ނަމަކަށް ކިޔާ ފަޅު ރަށާއި ހޯނޑެއްދޫ ކައިރީ އޮންނަ ކަންނިގިލާ ނަމަކަށް ކިޔާ ފަޅު ރަށް ވެސް އާ ކޯޒްވޭ އިން ގުޅާލަން ވަނީ ނިންމައިފަ އެވެ.
މަޝްރޫއުގެ އަގަކީ 84.17 މިލިއަން ރުފިޔާ އެވެ.
ކުރިން އޮތް ކޯޒްވޭގެ ސަބަބުން ދިމާވާ ރަށް ގިރުމުގެ މައްސަލަ ވެސް ދެން ހައްލުވާނެ ކަމަށް އެމްޓީސީސީން ބުނާއިރު މީގެ ތެރެއިން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ކޯޒްވޭގެ 2،544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތާއި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4،596 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 1،378 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
އަދި ކޯޒްވޭއަށް ދެވެން އޮންނަ މަގުތަކުގެ 3،144 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެ އެވެ. ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ހިމެނޭނެ އެވެ.
ކޯޒްވޭ ކުރިން އޮތް ގޮތުން އުދަ އެރުމާއި ދެ ރަށް ގިރުމުގެ މައްސަލަ ބޮޑުވެ ތިން ފަހަރެއް މަތިން ދެ ރަށު ރައްޔިތުން ނުކުމެ ކޯޒްވޭ ކަނޑާލާފައި ވެސް ވެ އެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ. ދެން ކަނޑާލީ މި އަހަރުގެ ޖުލައި މަހުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment