Advertisement

ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމުގެ ގެއްލުން ދިވެހިންނަށް؟

14 ސެޕްޓެންބަރު 2022 - 09:40 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބިދޭސީންތަކެއް: ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމުގެ ބަހުސް ވަނީ ބޮޑުވެފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމުގެ ގެއްލުން ދިވެހިންނަށް؟

14 ސެޕްޓެންބަރު 2022 - 09:40 0

އެތައް އަހަރެއްގެ މަތިން ކުރި އާދޭހަށް އެންމެ ފަހުން ނިމުމެއް އައީ މި ޖެނުއަރީ މަހެވެ. މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ލިބެން ފެށުމަކީ އެތައް ހާސް މަސައްކަތްތެރިންނަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެކަމަކު އޭގެ ތިން މަހެއްހާ ދުވަސް ކުރިން އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ސަރުކާރުން ކަނޑައަޅައި، އިއުލާނުކުރި އިރު ބައެއް ކަންބޮޑުވުންތައް ހުއްޓެވެ. އެ އުސޫލާ މެދު އޭރު ޝަކުވާ އެންމެ ބޮޑުވީ، މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް ވުރެ ކުޑަކޮށް ކުޑަ އުޖޫރަ ސަރުކާރުން ކަނޑައެޅުމުންނެވެ. ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ އުސޫލުގައި ބިދޭސީން ނުހިމެނުމެވެ. ދޭސީން ބޭނުންވި ވަރަށް ކުޑަ އުޖޫރު ކަނޑަނޭޅުމުގެ ޝަކުވާގެ އަޑު ގަދަވެ، ބިދޭސީންގެ ވާހަކައަށް އޭރު މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ނަމަވެސް، ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ލާޒިމުވާ މުއްދަތު މިހާރު ގާނޫނުގައި އޮތް ދެ އަހަރު ދުވަހުގެ ބަދަލުގައި، އެއްވެސް މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ސަރުކާރުން މަސައްކަތް ފެށުމާ އެކު، އެ މައްސަލަ އަނެއްކާ ވެސް ވަނީ ފެންމަތިވެފަ އެވެ.

"...އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމުވާނީ، ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާއަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅާ އާންމުކުރާ ތާރީހެއްގައި ކަމުގައި ކަނޑައެޅުމަށްޓަކައި،" ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބު ކަމަށް ސަރުކާރުން ބުނެފައިވަނީ މިހެނެވެ.

ކަންބޮޑުވުން މަޖިލީހުގެ ތަޅުމާ ހަމައަށް

ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން އުޅޭ އެ އިސްލާހާ މެދު މަޖިލީހުގެ ތަޅުމުގައި ވެސް މުހިންމު ސުވާލުތަކެއް މެމްބަރުން އުފެއްދެވި އެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ކަމުން، މިކަމުގެ ވަށައިގެން އޮތް ކަންބޮޑުވުންތަކަށް އިތުރު ސީރިއަސްކަމެއް ދޭންޖެހެ އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމުން، ދިވެހިންނަށް އޮތް ވަޒީފާގެ ފުރުސަތު ހަނިނުވާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"ދިވެހިންގެ ތެރޭގައި، ވަޒީފާ ބޭނުންވާ އެތައް ހާސް ރައްޔިތުންނެއް ތިބި އިރު އަދި ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އެ ފުރުސަތު އެހާ ތަނަވަސްވެފައި ނެތީސް، ބިދޭސީންނަށް މިނިނަމް ވޭޖް ކަނޑަ ނޭޅުމުން، އެ ދަތި ތިވެހިންނަށް ތަހައްމަލުކުރަން ނުޖެހޭނެތޯ އެއީ އަޅުގަނޑު މިއަދު އުފައްދާ ސުވާލެއް،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގެ ވަޒީފާތަކުގެ ވަކި ޕަސެންޓެއް ދިވެހިންނަށް ހާއްސަކުރަން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައި އޮތަސް އެކަން އެގޮތަށް ތަންފީޒުނުވާ ކަމުގެ ޝަކުވާ މިހާރު ވެސް އެބަ އޮތް ކަމަށެވެ. އެކަން އެގޮތަށް ވަނީ މޮނިޓާ ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު ވެސް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ލަސްކުރާ އިރު ވަކި މުއްދަތެއް ކަނޑަނާޅައި ދޫކޮށްލުމަކީ އެކަން ލާޒިމުކުރާ މާއްދާ މުޅިން ނެތި ދިއުން ފަދަ ކަމެއް ކަމަށެވެ.

"ވަކި މުއްދަތެއް އޭގައި ކަނޑައެޅިފައި ނެތުން އެއީ ބޭރު މީހުންނަށް ވަޒީފާ ދޭން އަނެއްކާ ވެސް ހުޅުވިގެންދާ ދޮރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު

މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ އިތުރުން އިދިކޮޅު މެމްބަރުންގެ ފާޑުކިޔުންތައް ބަންޑުންވެގެން ގޮސްފައިވާއިރު، އެ އިސްލާހާ ދެކޮޅަށް ކަމާގުޅޭ އަމިއްލަ ޖަމިއްޔާތަކުން ވެސް ވަނީ ތެދުވެފަ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ އިސްލާހު އެއް މަސައްކަތެއް ކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަދޭން ލާޒިމުކުރާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވާ ކަމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިނގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރީން ލައްވާ މަސައްކަތް ކުރުވާ ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިކުރާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އަދި މީގެ ސަބަބުން ދިވެހި މަސައްކަތް ތެރީންނަށް ވަޒީފާ މިހާރުވެސް ދަތިވެފައިވާކަމުގެ ޝަކުވާ އިތުރުވެ, ވަޒީފާ ދޭ ފަރާތަށް ދިވެހި މަސައްކަތްތެރިޔަކަށް މަސައްކަތް ދިނުމުން އިތުރު ތަކުލީފަކަށްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން، ބިދޭސީ އަދި ދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގުތައް ނައްތާލައި، ދައުލަތުން ސޮއިކޮށްފައިވާ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބޯލަނބާ، ހަމަހަމަކަމަށް މަސައްކަތްކުރާ، އިންސާފުގެ މަގުން ހިނގާ ދައުލަތެއް ބިނާކުރުމަށް، މިހާރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް އެ ބަޔާނުގައި މަޖިލީހަށް ވަނީ ގޮވާލައިފަ އެވެ.

ދިވެހިންނަށް ގެއްލުންވަނީ ކީއްވެ؟

މި އިސްލާހާ އެކު އެކި ދިމާތަކުން ބަންޑެލިވެގެން އައިސްފައިވާ ކަންބޮޑުވުންތަކާއި ޝަކުވާތަކުގައި އެއްގޮތްވާ ކަމެއް ފާހަގަވެ އެވެ. މިކަމުގެ ސަބަބުން ސީދާ ދިވެހި މަސައްކަތްތެރިންނަށް ނޭދެވޭ އަސަރުކުރާނެ ކަމެވެ.

މި ކަމުގެ ހައްސާސްކަން އިތުރަށް ތަފުސީލް ކޮށްދެއްވަމުން އެމްޓީޔޫސީގެ ރައީސް މައުރޫފް ޒާހިރު (މާއްޓެ) "އަދަދު"އަށް ވިދާޅުވި ގޮތުގައި، މިނިމަމް ވޭޖު ކަނޑައަޅަން ގާނޫނު އިސްލާހުކުރި އިރު، ބިދޭސީންނަށް ހިމެނި މޮރަޓޯރިއަމާ ދެކޮޅަށް އޭރު ވެސް ވަކާލާތުކުރި އެވެ.

ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރުން މިނިމަމް ވޭޖު ބޯޑުގައި ވެސް އިންނަވާ މައުރޫފް އިތުރަށް ވިދާޅުވީ ގާނޫނުގައި އޭރު ކަނޑައެޅި ދެ އަހަރު ދުވަހުގެ މޮރަޓޯރިއަމްގެ ނާޖާއިޒު ފައިދާ ނެގުމުގެ އަސަރު މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

މިގޮތުން، މިވީ ދުވަސްކޮޅުގެ ތެރޭގައި ހާއްސަކޮށް ބޮޑެތި ސިނާއަތްތަކުގައި ކުންފުނިތަކާއި ރިސޯޓުތަކުން ބިދޭސީ މުވައްޒަފުން ނެގުން އެތައް ގުނައެއް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ވެސް އެ މޮރަޓޯރިއަމްގެ އަސަރު އެބަފެނޭ. އައުޓްސޯސްކޮށްގެން ތާޑް ޕާޓީ ކުދިކުދި ކުންފުނިތައް މެދުވެރިކޮށްގެން ދިވެހިންގެ ބަދަލުގައި ބިދޭސީން ނެގުން ވަރަށް ބޮޑަށް ކެޝުއަލައިޒް ކުރަން ވަނީ ފަށާފައި،" މައުރޫފް ވިދާޅުވި އެވެ.

މިކަން ކުރަނީ އޭނާ ވިދާޅުވި ގޮތުންނަމަ، އެންމެ ކުދި ނޫނީ މައިކްރޯ ވިޔަފާރި އޮޕަރޭޝަނެއްގެ ތެރެއިން ތިންވަނަ ފަރާތަކަށް ބިދޭސީ މުވައްޒަފުން ކުރާ މަސައްކަތުން ބޮޑު ފައިދާއެއް ލިބޭ ގޮތަށެވެ.

"މިސާލަކަށް މި ކުދިކުދި ކުންފުނިތައް މެދުވެރިކޮށް ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފުން ހޯދާއިރު ކުންފުންޏަށް ރިސޯޓުތަކުން އެބަދޭ 400 ޑޮލަރު ވަރު. އެކަމަކު ކުންފުނިން އެ ބިދޭސީ މިހާއަށް މިދެނީ 200 އެއްހާ ޑޮލަރު. އެހެންވީމާ، ބިދޭސީ މީހާ ކުރާ މަސައްކަތުގެ ތެރެއިން ތާޑް ޕާޓީ ކުންފުނިތަކަށް އެބަ ލިބޭ ބޮޑު ފައިދާއެއް،" މައުރޫފް ވިދާޅުވި އެވެ.

"މިހެންވެ އަޅުގަނޑުމެން މި ބުނަނީ މިއީ ބިދޭސީންގެ މެދުގައި ތަފާތުކުރުމޭ. ބައިނަލްއަގުވާމީ މުއާހަދާތަކުގައި މަނާކޮށްފައިވާ އިންސާނީ ކަރާމާތަށް އަރައިގަތުމޭ. މިކަމުގެ ސަބަބުން ދިވެއްސަކަށް ލިބެން އޮންނަ ވަޒީފާއަށް ބިދޭސީން މިގެންނަނީ ނުއަގުގައި މަސައްކަތް ކުރުވަން."

މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި، ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން، ބިދޭސީ މުވައްޒަފުން ގެނައުން މިހާރަށް ވުރެ އިތުރުވެ، ދިވެހިންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދާނެ އެވެ.

"މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،" އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މިކަން ކުރުމުގެ ބޭނުމަކީ ބިދޭސީން ރާއްޖޭން ބޭރުކުރާ ފައިސާ ނޫނީ ރެމިޓަންސް މަދުކުރަން ކަމަށް ސަރުކާރުން ބުނާ ބުނުމަށް ވެސް މައުރޫފް ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވީ ރެމިޓަންސް ކޮންޓްރޯލް ކުރަން އިތުރު ކަމެއް ނުކޮށް ހަމައެކަނި މިނިމަމް ވޭޖު ދިނުން ފަސްކުރުން ދެކޮޅު ނުޖެހޭ ކަމަށެވެ.

"އާދައިގެ މަސައްކަތްތައް ކުރާ 200 ބިދޭސީންނަށް ވުރެ ބޮޑު އެއްޗެއް ރިސޯޓެއްގެ ފަސް ޖެނެރަލް މެނޭޖަރުން އެބަ ބޭރުކުރޭ. ޖެނެރަލް މެނޭޖަރުންގެ ހުރިހާ ހަރަދެއް ރިސޯޓުތަކުން ބަލަހައްޓަދޭއިރު، ދިވެހި އިގުތިސޯދުގެ ތެރެއަށް އޭގެން އެއްވެސް އެއްޗެއް ނުވަދޭ. އެކަމަކު އާންމު ބިދޭސީ މަސައްކަތު މީހާއަށް ލިބޭ އެއްޗެއްގެ ތިން ބައި ކުޅަ އެއް ބައި އެބަ ހަރަދުކުރޭ ރާއްޖޭގައި،" މައުރޫފް ވިދާޅުވި އެވެ.

ދިވެހިންނަށް އެކަނި ނަމަވެސް، މިނިމަމް ވޭޖު ދޭން ލާޒިމުކުރިތާ ނުވަ މަސް ދުވަސް ވެގެންދިޔައިރު، އެކަމުން ކުރި އަސަރުގެ ދިރާސާއެއް ނުހަދާ ކަމީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ.

އަދި ގާނޫނަށް އަލުން އިސްލާހު ގެނައިއިރު، އަދި އުވާނުލައި އޮތް މިނިމަމް ވޭޖު ބޯޑާ އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"އިސްލާހުގައި އެބަ ބުނޭ މިނިމަމް ވޭޖު ބޯޑުގެ ލަފާގެ މަތިން ކަމަށް އާ ތާރިހު ވެސް ކަނޑައަޅާނީ. އެކަމަކު މި އިސްލާހު ގެންނަން ބޯޑާ އެއްވެސް މަޝްވަރާއެއް ވެސް ނުކުރޭ."

ވަޒީރު ވިދާޅުވަނީ އިގުތިސޯދަށް ބުރަ ނުއުފުލޭނެ ކަމަށް

މިކަމާ ގުޅިގެން ފެންމަތިވެފައިވާ ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވިސްނުން ވަރަށް ސާފެވެ.

ފައްޔާޒް "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ބިލު ހުށަހެޅީ މިނިމަމް ވޭޖު އެ މީހުންނަށް ދޭން ފެށުމަކީ ރާއްޖޭގެ އިގުތިސޯދުގައި މި ވަގުތު އޮތް ގޮތުން އެއީ އިގުތިސޯދަށް އުފުލޭނެ ބުރައަކަށް ނުވާތީ އެވެ.

"ކޮންމެ ބިދޭސީއަށް މިނިމަމް ވޭޖް ދޭން ފެށުމުން ގައުމުގެ ފޮރިން ކަރަންސީއަށް ވަރަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެންދާނެ. އެއީ ރާއްޖޭގެ އިގުތިސޯދަށް އެފޯޑަބްލް ކަމެއް ނޫން. އެހެންވެ އަޅުގަނޑުމެން އެގޮތަށް ހުށަހެޅީ،" އެ އިސްލާހު ދިފާއުކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމުން އޭގެ އަސަރު ބޮޑަށް ކުރާނީ އަންސްކިލްޑް ވަޒީފާތަކުގައި އުޅޭ ބިދޭސީންނަށް ކަމަށާއި އެ ދާއިރާގެ 99 ޕަސެންޓަކީ ބިދޭސީން ކަމަށެވެ.

"އެ 99 ޕަސެންޓް މީހުންނަށް އެ މީހުންގެ ގައުމުގައި ލިބޭ އާމްދަނީއަށް ވުރެ ވަރަށް ރަނގަޅު އާމްދަނީއެއް ދަނީ ލިބެމުން. މިވަގުތު އެ މީހުންގެ މިނިމަމް ވޭޖް ދޭން ފަށާއިފިނަމަ, ކުންފުނިތަކަށް ވެސް ވަރަށް ބޮޑު ބުރައަކަށް ވާނެ. އަދި މަސައްކަތުގެ އަގުތަކަށް ވެސް. އެހެންވެ، މި ވަގުތަށް އެކަން ތަންފީޒުކުރުން މަޑުޖައްސާލަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށްް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖްގެ މައިގަނޑު އަސާސަކީ ދިވެހިންނަށް ރާއްޖޭގައި ލިބޭ އަސާސީ މުސާރައިން ދިރުއުޅުމުގެ ހަރަދުތައް ހަމަޖެއްސޭނޭ ވަރު ކުރުމެވެ. އެހެންކަމުން ބިދޭސީންނަށް އެ ގައުމުގައި އެ މީހުންނަށް ލިބޭ އާމްދަނީއާ އަޅައި ބަލާއިރު މިހާރު ވެސް ރާއްޖޭން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

މި ހައްސާސީ މައްސަލާގައި ދެ ފަރާތުން ކުރާ ބަހުސްގައި ފާހަގަކުރާ ނުކުތާތަކުގައި ބުރަދަން ހުރި ކަމަށް ގަބޫލުކުރަންޖެހެ އެވެ. އަދި ރާއްޖޭގެ ސިނާއަތްތައް ހިންގޭ މިންވަރަށް ދިވެހިން ނެތް ކަމީ ވެސް ދެބަސްނުވެވޭނެ ހަގީގަތެކެވެ. އެކަމަކު މައުރޫފް ވެސް ފާހަގަކުރެއްވި ފަދައިން، ކުންފުނިތަކަށް ލިބޭ ނަފާ އިތުރުކުރަން، ދިވެހިންނަށް ލިބެން އޮތް ވަޒީފާއަކަށް ނުއަގުގައި ބިދޭސީންގެ މަސައްކަތުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވޭނެ ގޮތެއް ހޯދެންޖެހެ އެވެ.