Advertisement

ލިވަޕޫލްގެ އަސްލު ފެންވަރު ދައްކާލަންޖެހޭ: ކްލޮޕް

13 ސެޕްޓެންބަރު 2022 - 16:24 0


ލިވަޕޫލްގެ އަސްލު ފެންވަރު ދައްކާލަންޖެހޭ: ކްލޮޕް

13 ސެޕްޓެންބަރު 2022 - 16:24 0

ލިވަޕޫލް (ސެޕްޓެމްބަރު 13) - މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ލަދުވެތި ނަތީޖާއަކުން ބަލިވެފައި އޮތުމުން، މިރޭ އަމިއްލަ ދަނޑުގައި އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ލިވަލޫލްގެ އަސްލު ފެންވަރު ދައްކަންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ރަށުން ބޭރުގައި ލިވަޕޫލް ބަލިވީ 4-1 އިންނެވެ. މި މެޗު ކްލޮޕް ސިފަކުރީ އޭނާ ލިވަޕޫލްގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އެ ޓީމު ކުޅުނު އެންމެ ދަށް މެޗުގެ ގޮތުގަ އެވެ.

"އަހަރަމެން އެބަޖަހޭ މި މެޗުގައި އަހަރަމެންގެ ފެންވަރު ދައްކާލަން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް ކުޅުން ރަނގަޅުކުރި ނަމަވެސް، އަޔަކްސް ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އެ ވާހަކަތަށް އޭނާ ބާރު ދިނީ މި ސީޒަންގައި އަޔަކްސް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް އިޝާރާތް ކުރަމުންނެވެ.

އަޔަކްސް މި ސީޒަންގައި ކުޅުނު ހަތް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ.

"ލިވަޕޫލް މި ވަގުތު އޮތް ހާލާތުގެ އިދިކޮޅު އަޔަކްސް އިން ފެންނަނީ. ވަރަށް ބޮޑެތި ބަދަލުތަކެއް އެ ޓީމަށް އަތުވެއްޖެ. އެކަމަކު ޓީމުގެ ނަތީޖާތައް ވަރަށް ރަނގަޅު،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ.

ކްލޮޕް ބުނީ ނަޕޯލީ އަތުން ލިވަޕޫލް ބަލިވި މެޗާމެދު އޭނާ ވަރަށް ފުންކޮށް ވިސްނިއިރު ޓީމުގެ ކުޅުން ދަށްވި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެނުނީ ގިނަ ކުޅުންތެރިންތަކެއް އަސްލު ފެންވަރު ނުދެއްކުން ކަމަށެވެ.

"ދަނޑުމަތީގައި ތިބި 11 ކުޅުންތެރިންގެ ތެރެއިން 8 ވަރަކަށް ކުޅުންތެރިންގެ ފަރާތުން ފެނުނީ އެ ކުޅުންތެރިން އާންމުކޮށް ދައްކާ ފެންވަރުގެ ކުޅުމެއް ނޫން،" ކްލޮޕް ބުންޏެވެ. "ފުޓްބޯޅައިގައި ވަކިވަކި ކުޅުންތެރިންގެ މިސްޓޭކްތައް ވެސް ރަނގަޅުކުރާނީ ޓީމެއްގެ ގޮތުގައި. މިކަމުގެ ހައްލު ހޯދާނީ ޓީމެއްގެ ގޮތުގައި."

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލްގެ ލެފްޓް ބެކް އޭންޑީ ރޮބަޓްސަން އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. -- އޭއެފްޕީ