12 ސެޕްޓެންބަރު 2022 - 11:22 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަޑައިގަންނަވަނީ. ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ލަސްކުރުމާ ގިނަ މެމްބަރުން ދެކޮޅު. ފޮޓޯ: މަޖިލީހުގެ އިދާރާ
12 ސެޕްޓެންބަރު 2022 - 11:22 0
ވަޒީފާގެ ގާނޫނުގައިވާ، އެންމެ ކުޑަ މުސާރަ ދިނުމުގައި ބިދޭސީން އިސްތިސްނާކޮށްފައި އޮތް އޮތުން މުއްދަތެއް ނެތް ގޮތަށް ދަންމައިލަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުމުން، ގިނަ މެމްބަރުންތަކެއް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ގާނޫނީ ގޮތުން ދެވޭނެ އެންމެ ކުޑަ މުސާރައަށް ވުރެ ދަށުން ބިދޭސީންނަށް ވެސް މުސާރަ ނުދެވޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނުގައި އޮތް މާއްދާ ތަންފީޒުކުރުން ލަސްކުރަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސް ފެށީ މިއަދު އެވެ.
އެ މާއްދާ މިހާރު އޮތް ގޮތުން އެންމެ ކުޑަ މުސާރަ ކަނޑައަޅާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންނަށް ވެސް އެ މިންވަރަށް މުސާރަދޭން، ވަޒީފާދޭ ފަރާތްތަކަށް ލާޒިމު ވެ އެވެ.
އެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ބިލަށް ފާޑުވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމުން، ދިވެހިންނަށް އޮތް ވަޒީފާގެ ފުރުސަތު ހަނިނުވާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
"ދިވެހިންގެ ތެރޭގައި، ވަޒީފާ ބޭނުންވާ އެތައް ހާސް ރައްޔިތުންނެއް ތިބި އިރު އަދި ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އެ ފުރުސަތު އެހާ ތަނަވަސްވެފައި ނެތީސް، ބިދޭސީންނަށް މިނިނަމް ވޭޖް ކަނޑަ ނޭޅުމުން، އެ ދަތި ތިވެހިންނަށް ތަހައްމަލުކުރަން ނުޖެހޭނެތޯ އެއީ އަޅުގަނޑު މިއަދު އުފައްދާ ސުވާލެއް،" މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓްތަކުގެ ވަޒީފާތަކުގެ ވަކި ޕަސެންޓެއް ދިވެހިންނަށް ހާއްސަކުރަން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައި އޮތަސް އެކަން އެގޮތަށް ތަންފީޒުނުވާ ކަމުގެ ޝަކުވާ މިހާރު ވެސް އެބަ އޮތް ކަމަށެވެ. އެކަން އެގޮތަށް ވަނީ މޮނިޓާ ނުކުރެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ބިދޭސިންނަށް މިނިމަމް ވޭޖު ދިނުން ލަސްކުރާ ގޮތަށް، ސަރުކާރުން ހުށަހެޅި ބިލު ފާސްކުރުމުގެ ނަތީޖާއަކަށް ވާނީ ދިވެހިންނަށް ވަޒީފާ ލިބުމުގެ ފުރުސަތު ގެއްލުން ކަމަށެވެ.
މިކަން [ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން] ފަހަތަށް ޖައްސާ ވަރަކަށް، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވެގެން ދާނެކަން، އެއީ ބޭރު މީހެއްގެ އުޖޫރައަށް ވަކިވަރެއް ކަނޑަނޭޅި ދިވެހިިންގެ އުޖޫރައަށް ވަކި ވަރެއް ކަނޑައެޅިފައި އޮތުމުގެ ސަބަބުން، ކުންފުނިތައް ހިންގާ ފަރާތްތައް އަދި އެހެނިހެން މަސައްކަތް ކުރާ ފަރާތްތައް ވެސް ދިވެހިންނަށް އެ ފުރުސަތު ދިނުމުގެ ބަދަލުގައި ބޭރު މީހުންނަށް އެ ފުރުސަތު ދޭނެކަމީ، މިއީ ކަންބޮޑޫވާން ޖެހޭ ސަބަބު،" ސަނީފު ވިދާޅުވި އެވެ.
ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ލަސްކުރާ ބިލަށް އޭނާ ތާއީދުނުކުރައްވާ ކަމަށެވެ. އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ވަޒީފާތަކުން ދިވެހި ޒުވާނުން ބާކީވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރުން ދިވެހިން މިހާރު ތިބ ވަޒީފާތަަކަށް ބިދޭސީން ގެނައުމަކީ ވެސް ގާތް ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު ވެސް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ލަސްކުރާ އިރު ވަކި މުއްދަތެއް ކަނޑަނާޅައި ދޫކޮށްލުމަކީ އެކަން ލާޒިމުކުރާ މާއްދާ މުޅިން ނެތި ދިއުން ފަދަ ކަމެއް ކަމަށެވެ.
"ވަކި މުއްދަތެއް އޭގައި ކަނޑައެޅިފައި ނެތުން އެއީ ބޭރު މީހުންނަށް ބޭރުމީހުންނަށް ވަޒީފާދޭން އަނެއްކާ ވެސް ހުޅުވިގެންދާ ދޮރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ މެދު މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައެޅުމުގެ ވައުދު، އެމްޑީޕީން ފުރަތަމަ ވީ އިރު އޭގެ އެއް ބޭނުމެއްގެ ގޮތުގައި ވެސް ބުނީ އެއީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން މަދުކޮށް، ދިވެހިންނަށް ގިނަ ފުުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެކަމަކު ވަޒީފާއާ ބެހޭ ގާނޫނުގައި އެކަން ހިމެނި އިރު އޮތީ ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ފެށުން، ދެ އަހަރު ދުވަހަށް ފަސްކުރާ ގޮތަށެވެ. އެ މުއްދަތު ހަމަ ނުވަނީސް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލުގައި އޮތީ މިނިސްޓަރު ކަނޑައަޅުއްވާ ދުވަހަކާ ހަަމައަށް އެކަން ފަސްކުރާ ގޮތަށެވެ.
Comment