Advertisement

ރާނީ އެލިޒަބަތަށް، ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ ތައުރީފު

12 ސެޕްޓެންބަރު 2022 - 10:31 0

ރާނީ އެލިޒަބަތު2، ރައްޔިތުންގހެ މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުގެ މެމްބަރުން މިއަދު އެކަމަނާއަށް ތައުރީފު ކުރެއްވި.


ރާނީ އެލިޒަބަތަށް، ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ ތައުރީފު

12 ސެޕްޓެންބަރު 2022 - 10:31 0

އިނގިރޭސިވިލާތުގެ ރަނިކަމުގައި 70 އަހަރު އިންނެވުމަށް ފަހު އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 އަށް ތައުޒިޔާގެ ބަހެއް ވިދާޅުވާން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިން ފުރުސަތުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ޕީޕީއެެމް/ޕީއެންސީގެ ފަރާތުން، މެމްބަރުން އެކަމަނާއަށް ތައުރީފުގެ ބަސްތައް އޮއްސަވައިލައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާނީ އެލިޒަބަތު މީގެ 50 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވުމުން ދިވެހިންނަށް އެކަންވީ އީދެއް ފަދަ ކަމަކަށް ކަމަށެވެ. ރާނީއާއި ދިވެހިންނާ އޮތް ގުޅުން އެކަމުން ދައްކުވައިދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދަތުރުފުޅަށް ޓަކައި މާލެއާއި އަދި އައްޑު އަތޮޅުގެ ރައްޔިތުން ތިބީ އުފަލުން ފޮޅިފައި. ރާނީގެ އެ ދަތުރުފުޅު ސިފަވަނީ ރާއްޖެއަށް އައި އުފާވެރި އީދެއްގެ ގޮތުގައި. އެއީ ދިވެހިންނާ އިނގިރޭސި ރާނީ ގުޅިފައިވާ މިންވަރު އަންގައިދިން އުފާވެރި ހަނދާނެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭތީ ފޮނުއްވި އޯޑިއޯ މެސެޖްގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވެފައިވާތީ ރައީސް އަބްދުﷲ ޔާމީނުގެ އިރުޝާދާ އެކު ޕީޕީއެެމްއާއި ޕީއެންސީގެ ޕާލަމެންޓް މެމްބަރުންގެ ފަރާތުން ރަސްގެފާނު ޗާލްސްއަށާއި ޝާހީ އާއިލާއަށާއި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރާނީއަށް ތައުރީފު ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ އެކަމަނާއަކީ މަންމައެއް ފަދަ ޝަޚުސިއްޔަތެއް ކަމަށް އެތައް މިލިޔަން ބަޔަކު ދެކޭ ކަމަށެވެ. އެއީ އުމުރުދުވަހު ވެސް މީހުންނަށް ލޯތްބާއި އިހުތިރާމް ދެއްވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ ގިނަ ގުޅުންތަކެއް އޮތް ކަމަށާއި އެ ގުޅުމުގެ ސަބަބުން ދެގައުމަށް ވެސް ފައިދާތައް ކުރި ކަމަށެވެ. ރާއްޖޭގެ ރަދުން އެދިވަޑައިގަތުމުން، އިނގިރޭސިން ރާއްޖެއަށް ދިން ހިމާޔަތުގެ ސަބަބުން، ބޮޑު ދެ ހަނގުރާމައިގައި ވެސް އެހެން ގައުމެއްގެ އަތް ދަށަށް ނުގޮސް ރާއްޖެ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން މުހިއްމު އެއް ބަދަލުކަމަށްވާ ގާނޫނު އަސާސީއެއް ހެދުމަކީ ވެސް އިނގިރޭސި ދައުލަތުގެ އެހީތެރިކަމާއި ނުފޫޒާ ވެސް އެކުގައި ކުރެވުނު ކަމެއް ކަމަށާއި އެއީ ރާއްޖެއަށް އައި މުހިއްމު ބަދަލެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އައްޑޫގައި އިނގިރޭސިން ތިބުމުގެ ސަބަބުން އެ ސަރަހައްދަށް ކުރިއެރުން އައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަމުގައި [އިނގިރޭސިން ތިބި އިރު] އައްޑު އަތޮޅުގެ ރައްޔިތުންނަށް އަދި ދެކުނުގެ ރައްޔިތުންނަށް އެތައް ވަޒީފާތަކެއް ފަހިވެގެން ދިޔަ. އޭގެ އިތުރަށް ތަމްރީނުގެ އެތައް ޕްރޮގްރާމްތަކެއް ހިންގި، މުޅި އެ ސަރަހައްދަށް އައި ކުރިއެރުމަކީ އެއީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރުގައި އައި ކުރިއެރުން،" އަސްލަަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކެއް، ދިވެހި ދައުލަތުން ވަކިވާން ހިންގި ބަޣާވާތް ނިމުމަކަށް ގެނައުމުގައި ވެސް ރާނީ އެލިޒަބަތު މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވީ އެލިޒަބަތު 2ގެ ރަނިކަމުގައި އެކަމަނާ ދިވެހިންނަށް ވަރަށް ބޮޑެތި ހިދުމަތްތައް ކޮށްދެެއްވާފައިވާ ކަމަށެވެ. ވަރަށް ގިނަ އެހީތައް ވެސް އެކަމަނާ ރާއްޖެއަށް ދެއްވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ގަވަމެންޓް ހޮސްޕިޓަލް ވެސް ދިވެހިރާއްޖެއަށް ލިބިފައި ވަނީ، ފުރަތަމަ ކްރޭންގަނޑެއް ވެސް ލިބިފައި ވަނީ، އެކެއް ނޫން، ފުރަތަމަ ނީލް ކްރޭން ކިޔާ ކްރޭނެއްް އޭގެ ފަހުން ކޯލިޝް ކްރޭން ކިޔާ ކްރޭނެއް އިނގިރޭސި ސަރުކާރުން، އިނގިރޭސި ދައުލަތުން އެކަމަނާ ދެއްވި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯލްޑަން ރޭ (ނަމަކަށް ކިޔާ އުޅަނދަކާއި) ސިލްވަ ކްރެސްޓް (ނަމަކަށް ކިޔާ އުޅަނދެއް) ވެސް ރާނީ ރާއްޖެއަށް ދެއްވި ކަމަށެވެ. ދިވެހިންނަށް އިނގިރޭސިވިލާތުން އަބަދުވެސް އެހީތެރިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު 2 އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަނާ އަވަހާރަވުމުން އިނގިރޭސި ރަސްކަމަށް އިސްވެވަޑައިގެންނެވީ ދަރިކަލުން ޗާލްސް އެވެ.