އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެ ވަނަ.
ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅަކީ ބޮޑެތި ގަޑުބަޑުތަކާއި ޖަގަޑާތަކުގެ ދުވަސްވަރެކެވެ. ބޮޑު ދެ ހަނގުރާމަ އާއި ދުނިޔެ ކުރިމަތިލި ޒަމާނެކެވެ. ނަތީޖާއަކަށްވީ ނަންހުރި ރަސްކަންތަކާއި އަންބަރާޠޫރީ ވެރިކަންތައް ވެއްޓި ފުރޮޅިގެން ދިޔުމެވެ. ގައުމު ގައުމުތަށް މިނިވަންވެ އައު ދައުލަތްތައް އުފަންވާން ފެށުމެވެ. އާއެކެވެ. އައު އަސްރަކަށް އަލިވިލެން ފެށީ އެވެ. އެހާތަނަށް ދުނިޔެ ހިނގަމުން އައިސްފައިވާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވެން ފެށީއެވެ. ފިކުރީ ގޮތުންނާއި އިލްމީ ގޮތުންނެވެ. އަދި ސިޔާސީ ގޮތުންނާއި އެނޫންވެސް އެހެނިހެން ގޮތްގޮތުންނެވެ.
ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އަންނަމުން ދިޔަ ބަދަލުތަކުގެ މައްޗަށް ދުނިޔެ ރަނގަޅަށް ހިނގައިގަތީ ދެވަނަ ބޮޑު ހަނގުރާމަ ހުއްޓުމާއެކުގަ އެވެ. އެ ހަނގުރާމަ ހުއްޓުނީ 1945 ވަނަ އަހަރުގައެވެ. އިއްތިހާދީންނަށް ނަސްރު ލިބިގެންނެވެ. ދުނިޔޭގެ ބަތޮލުންނަށްވީ އިންތިހާދީންގެ ވެރީންނެވެ. މި ދުވަސްވަރުގެ އެއް ބަތޮލަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވި ވިސްޓަން ޗާޗިލެވެ. ދެ ފަހަރެއްގެ މަތީން އޭނާ އެ މަގާމު ފުރުއްވި އެވެ.
ޗާޗިލަކީ ދުނިޔެ ދުށް ވަރަށް މުހިންމު ފައްތަރެއްގައި ހުންނެވި ބޭކަލެކެވެ. އެއް އަސްރެއްގެ ނިމުމާއި އައު އަސްރަކަށް އަލިވިލުނުތަނުގަ އެވެ. ދެ އަސްރެއް ފައްތަރުވީ ތަނުގައި ހުންނެވި ބޭކަލެކެވެ. އެހެނީ މުސްކުޅި އާދަތަކުގެ ވަދާއު އާއި އައު އާދަތަކަކަށް އަލިވިލެމުން ދިޔަ އިރު ދުނިޔޭގެ އެއްކޮޅުގައި ބަސް ކިޔުއްވާން ހުންނެވި އޭނާ އެވެ. ހަނގުރާމައިން ދުނިޔެއަށް ޖެހުނު ތަދުން ވީއްލި، އަލުން ހިންގައިގަނެވުނީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.
ރާނީ އެލިޒަބަތު އާއި ފިރިކަލުން އަދި ބޭބޭފުޅުން
ފެށިގެން ދިޔަ އައު އުސޫލުތަކުގެ މައްޗަށް އިނގިރޭސިންނަށް ތެދުވެ ހިންދަމާ ނުލެވި އުޅެނިކޮށް އެބައި މީހުން ސިހިގެންދިޔައީ ރަސްގެފާނު ކިންގު ޖޯޖު ހަވަނަ ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ. އިނގިރޭސި ތަހުތަށް ދެން އިސްކުރެވުނީ އެ ރަސްގެފާނުގެ ދޮށީ ދަރިކަނބަލުން އެލިޒަބަތެވެ. ނަވާރަ ސަތޭކަ ފަންސާސް ދެ ވަނަ އަހަރު ރާނީ އެލިޒަބަތު ދެވަނައިގެ ނަންފުޅުގައި އެކަމަނާ އިނގިރޭސި ތަހުތުގައި ވެޑުވުނެވެ. އެއިރުވެސް އިނގިރޭސީންގެ ބޮޑު ވަޒީރަކަށް ހުންނެވީ ވިސްޓަން ޗާޗިލެވެ. މިހެން ކަމުން އެކަމަނާގެ ފުރަތަމަ ބޮޑު ވަޒީރަކީ ވެސް އޭނާ އެވެ. މީގެ 70 އަހަރު ކުރީން އިނގިރޭސި ތަހުތުގައި އެލިޒަބަތު ވެޑުވުނު އިރު، ދުނިޔޭގެ މަސްރަޙުގައި ހިނގަހިނގާ ހުރި ކަންކަމަކީ އަދުގެ ޖީލަށް ތާރީހެވެ. އެ މަސްރަޙުގައި އަޑު ވީއްލާ އުޅުނު ފަރާތްތަކަކީ މިހާރު ތާރީހު ފޮތްފޮތުގެ އެކި ބާބުތަކުން ޖާގަ ހޯއްދަވާފައިވާ ފަރާތްތަކެވެ. މިސާލަކަށް އެކަމަނާގެ ފުރަތަމަ ބޮޑު ވަޒީރު ވިސްޓަން ޗާޗިލަށް ބައްލަވާ ލެއްވިޔަސް މި ބަހުގެ ދަލީލަކަށް ފުދޭނެއެވެ.
ކިންގު ޖޯޖު ހަ ވަނަ އަވަހާރަވެ، ވިރާސަތުން އިނގިރޭސި ތަހުތު އެލިޒަބަތަށް ލިބިވަޑައިގެންނެވި އިރު ދުނިޔެ އައު ބަދަލުތަކަކާއި އެކު އަދި ފިރުކެންފެށީ އެވެ. އެއީ ބޮޑު ހަނގުރާމަ ހުއްޓި އިއްތިހާދީން އެކުލަވާލި ގާއިދާތަކަށް ފިރުކެމުން ދިޔަ ދުވަސްވަރެވެ. ދުނިޔޭގެ ސިޔާސީ މައިދާނަށް އައު ފިކުރުތަކާއި ހިޔާލުތަކުގެ ލީޑަރުން ވެސް ދިޔައީ ނިކުންނަމުންނެވެ. އެ ފިކުރުތަކަށާއި ހިޔާލާތުތައް އައީ އާއްމުންގެ މެދުގައި މަގުބޫލުވަމުންނެވެ. އިހުގެ ދުނިޔެ ފަހަތަށް ޖެހިލާ އައު ދުނިޔެއަކަށް ޖާގަ ދެވެންފެށީ އެވެ.
ފެށިގެން ދިޔަ އައު އަސްރަކީ އިހު ދުނިޔެ ދެކެފައިވީ ރަސްކަމާއި އަންބަރާޠޫރިއްޔަތުގެ އަބުއިކަމާ މާ ރައްޓެހި އަސްރެއް ނޫނެވެ. ގިނަ ދައުލަތްތަކުން ގެންދިޔައީ އެފާޑުގެ އަބުއިކަމާއި ދުރުވަމުންނެވެ. އަނެއް ބަޔަކު ގައުމުގެ ރަމްޒެއްގެ ގޮތުގައި އެކަންކަން ބޭއްވީ އެވެ. ވެރިކަން ހިންގުމުގެ މާބޮޑު ބާރެއް ނެތި އެވެ. އެލިޒަބެތުގެ ރަސްކަން ފެށިގެން ދިޔައީ މި އައު ފިކުރުތަކާއި ހިޔާލާތުގެ ދުނިޔެއެއްގަ އެވެ.
ރާނީ އެލިޒަބަތު އެކަމަނާގެ ރަސްކަމައިގެން ކުރިޔަށް ވަޑައިގެންނެވީ ކިތަންމެހައިވެސް ރަނގަޅަކަށް ދުނިޔޭގެ ބަދަލުތަކާއި ފުރޮޅުތަކާއި އެއްގޮތް ކުރައްވައިގެންނެވެ. މިގޮތުގައި ވަޑައިގެންނެވި އިރު އެކަމަނާގެ ރަސްކަމާއި ގުޅިފައިވާ ތާރީހީ ކަންކަން އެހާމެ ގިނަ އެވެ. އެ ހުރިހާކަމެއްގެ ވާހަކަ މިފަދަ ކުރު މަގާލަތެއްގައި ނުވެސް ދެންނެވޭނެ އެވެ. މިފަދަ ބައެއް ކަންކަމުގެ މައްޗަށް ބަލާނަމަ ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ ޝަރަފު ޙާސިލު ކުރެއްވި ސްރީމާވޯ ބަންޑާރަ ނަޔަކަ އަކީ އެކަމަނާގެ ބޮޑު ވަޒީރަކަށްވުން ފާހަގަކޮށްލެވެއެވެ. އެހެނީ އެދުވަސްވަރު މިނިވަން ސިލޯނުގެ ރަސްކަން މިލްކުވެ އޮތީ އެކަމަނާއަށް ކަމުގައި ވާތީއެވެ. އަދި ހަމަ މިފަދައިން އިނގިރޭސިންގެ ބޮޑުވަޒީރުކަމުގެ މަގާމު އެންމެ ފުރަތަމަ އަށް ފުރުއްވި މާގުރެޓު ތެޗަ އަކީވެސް އެކަމަނާގެ ބޮޑުވަޒީރެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ ދަގަނޑު އަތުގެ އަންހެނާ އެވެ.
މިބާވަތުގެ ކަންކަމުގެ އިތުރަށް ދުނިޔޭގެ މަސްރަޙުން ޒަމާންވީ އެތައް ރަސްކަމެއް ފިލާ ދިޔައީ ވެސް އެކަމަނާގެ ރަސްކަމުގަ އެވެ. ޔޫރަޕުން ޔޫނާނީންގެ ރަސްކަން ވެއްޓި ޖުމްހޫރިއްޔަތެއް ގާއިމުކުރެވުނެވެ. ފާރިސީންގެ ދެހާސް ފަސްސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވީ ރަސްކަމުގެ ނިމުންވެސް ދުނިޔެއިން ފެނިގެންދިޔަ އެވެ. ހަބުސްކަރައިގެ ދެ ހާސް އަހަރަށްވުރެ ގިނަ ދުވަސްވީ ރަސްކަން ވެސް ނިމިގެން ދިޔަތަން ފެނިގެން ދިޔަ އެވެ. އިސްޕޭނަށް އަނބުރާ ރަސްކަމުގެ ނިޒާމެއް ގެނެވުނުތަން ވެސް ދުނިޔެއިން ފެނިގެން ދިޔައެވެ. މި އެންމެހާ ކަންކަމެއް ބައްލަވަމުން އެކަމަނާ އިނގިރޭސި ތަހުތުގައި އިންނެވި އެވެ.
ހަމަ މިހެންމެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕަށް ކޮމިއުނިޒަމްގެ ނަމުގައި ފެތުރުނު ހުދުމުހުތާރު ވެރިކަންތައް ފުރޮޅިގެން ދިޔަތަން ވެސް އެކަމަނާ ދެކެވަޑައިގަތެވެ. ރޯމާނިޔާ ފަދަ ގައުމުތަކުގެ އިތުރުން ކޮމިއުނިޒަމްގެ ރަމްޒުކަމުގައިވި އެޔޮށް ބޮޑު ރޫސީވިލާތް ރޫޅިގެން ދިޔަތަން ވެސް ދެކެވަޑައިގެންނެވި އެވެ. ހަމަ އެޔާއި އެކު ބާލިން ފާރު ތަޅާލާ ދެ ޖަރުމަން އެއްވެ އެ ދައުލަތެއްގެ ގޮތުގައި އަލުން އުފަންވިތަންވެސް އެކަމަނާ ބައްލަވާން އިންނެވި އެވެ. ދުނިޔޭގައި ބަސް ކިޔާ ދައުލަތެއްގެ ގޮތުގައި އިނގިރޭސިން ތިބީތީ، ފާއިތުވި 70 އަހަރު ދުނިޔޭގައި ހިނގިހާ ކަމެއް އެކަމަނާގެ ރަސްކަމާ ގުޅާލެވޭނެ އެވެ. އެލިޒަބަތުގެ ރަސްކަން ވަކި އަސްރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެ ރަސްކަމުގެ ދިގު ކަމާއި ދުނިޔޭގެ ބާރެއްގެ ގޮތުގައި އިނގިރޭސިން އޮވެމެ ދެކެފައިވާ ބޮޑެތި ފުރޮޅުންތަކާ އިންގިލާބުތަކުގެ ގިނަކަމަށްޓަކަ އެވެ.
ދިވެހީންނާއި އިނގިރޭސި ރާނީ ގުޅިފައިވަނީ މި ސަރަޙައްދުގެ އެހެނިހެން ގައުމުތަކުގެ މީހުންނާއި ގުޅިފައިވާ ބީދައަކުން ނޫނެވެ. އިންޑިއާ އާއި ސިލޯނުގައި ޖުމްހޫރިއްޔަތެއް ގާއިމު ކުރެވުމާއި ހަމަޔަށް އެދެ ދައުލަތުގެ ރާނީއަކީ އެކަމަނާއެވެ. މިހެންކަމުން އެލިޒަބަތަކީ އެ ދެ ގައުމުގެ ކުރީގެ ރާނީ އެވެ. މިއާއި ހިލާފަށް އެއްވެސް ޒަމާނެއްގައި އިނގިރޭސި ރާޖާއިންނަކީ ދިވެހި ދައުލަތުގެ ރަސްކަން މިލްކު ކުރައްވައިގެން ތިއްބެވި ބޭފުޅުންކަމުގައެއް ނުވެއެވެ. މިހެންކަމުން ދިވެހީންގެ ސިންގާ ތަހުތުގައި އިށީނދެ ވަޑައިގެންނެވި ރާނީއެއްކަމުގައި އެލިޒަބަތު ނުވެއެވެ.
ރާނީ އެލިޒަބަތު 1972 ވަނަ އަހަރު އައްޑުއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެ ކަމަނާ އަށް މަރުހަބާ ކިޔުމަށް ނުކުމެތި ބަޔަކާ ވާހަކަ ދައްކަވަނީ.
އަވަހާރަވި އިނގިރޭސި ރާނީގެ ހޫރު މާމާފުޅު ވިކްޓޯރިޔާގެ ރަސްކަމުގެ ފަހުކޮޅުގައި ދިވެހި ދައުލަތަށް އިނގިރޭސިން އޮތީ ހިމާޔަތް ދެއްވާފަ އެވެ. އެދުވަހުއްސުރެ ދިވެހީން ތިބެފައިވަނީ އިނގިރޭސި ހިމާޔަތް ލިބިގެން އޮންނަ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައެވެ. މި ހިމާޔަތް ބޭނުމެއް ނޫންކަމަށް ބުނެ އޭގެން ވީއްލުނީ 1965 ވަނަ އަހަރުގައެވެ. އެއިރު ދިވެހި ތަހުތުގައި އިންނެވީ މުހައްމަދު ފަރީދުލް އައްވަލެވެ. އިނގިރޭސި ތަހުތުގައި އިންނެވި އަވަހާރަވި ރާނީ އެލިޒަބަތު ދެވަނަ އެވެ. އެހެނަސް ދިވެހީންނާ އިނގިރޭސި ރާނީ އާއި އޮތް ގުޅުން ބޮޑެވެ. އެ ގުޅުމުގެ ބޮޑުކަމަކީ މިއަދުގެ ބައެއް ދިވެހީންނަށް ތިމާމެންގެ ގައުމަކީވެސް ސީދާ ގޮތުން އެކަމަނާގެ ވެރިކަމުގެ ދަށުގައި އޮތް ގައުމެކޭ ވެސް ހީވުމެވެ.
އެހެނަސް...! ހުރިހާ އުމުރެއްގެ ދިވެހީންގެ ހިތުގައި ތަފާތު ޝުއޫރާއެކު އިނގިރޭސި ރާނީގެ ނަންފުޅުވެ އެވެ. ދޮށީ އުމުރުގެ މީހުންނަށް އަބުއި ވެރިޔެއްގެ ގޮތުގައެވެ. ފަހުގެ ޖީލުތަކުގެ މައްޗަށް އެއްޗެއް ދަންނަވާކަށް ނެތީމެވެ. އެހެނީ އެއީ ދިމާއަށް ފެންނާން އޮތް ކަމަކަށް ވާތީއެވެ. އާދޭހެވެ! ދުނިޔޭގެ ވެރީންގެ ތެރެއިން އަދި ވަކީން ހާއްސަކޮށް ވިލާތުގެ ގައުމުތަކުގެ ރަސްރަސްކަލުންނާއި ރާނީންގެ ތެރެއިން އިނގިރޭސި ރާނީގެ ނަންފުޅު ދިވެހީންގެ މެދުގައި މަޝްހޫރުވެ އާއްމުކަން ބޮޑުވީ ހަމައެކަނި އެކަމަނާއަށް ދުނިޔޭގައި ލިބިފައިވާ މަޝްހޫރުކަމަށްޓަކައެއް ނޫނެވެ.
ދިވެހި ތާރީހުގެ ފަހުގެ ޒަމާންތަކުން ފެށިގެން މި ދައުލަތާ އެންމެ ބޮޑު ގުޅުމެއް އުފެދި އޮތް ވިލާތުގެ ދައުލަތަކީ އިނގިރޭސީންނެވެ. އަވަހާރަވި ރާނީގެ ހޫރު މާމާފުޅު ވިކުޓޯރިޔާގެ ޒަމާނުން ފެށިގެން އެ ގުޅުން ވަނީ އުފެދިފައްޔެވެ. ހަމަމިހެންމެ ވިޔަފާރި ކުރުމަށާއި ތައުލީމު އުނގެނުމަށާއި އަދި ބޭސްކުރުމަށް އާއްމުވެގެން ދިވެހީން ދަތުރުކޮށް ތިބި ތިބި އިންޑިއާ އާއި ސިލޯނަކީ ހުދު އެކަމަނާގެ ރަސްކަން ވެސް ހިންގި ދެ ދައުލަތެވެ. މިހެންކަމުން ޒަމާނުއްސުރެ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ނަންފުޅަކީ ދިވެހީން ދަންނަ ނަންފުޅެކެވެ. އެކަމަނާގެ ފޮޓޯފުޅަކީ އަބަދުވެސް ދިވެހީންނަށް ފެންނަ ފޮޓޯފުޅެކެވެ. 1972 ވަނަ އަހަރު ރާނީ ރާއްޖެ ވަޑައިގެންނެވި ދުވަހަކީ ގިނަ ބަޔެއްގެ ހިތުގައި ބިންވަޅު ނެގުނު ދުވަހަކަށްވީވެސް މިހެންވީމައެވެ. އެންމެން ދަންނަ، އަދި "ދެކޭ" އިނގިރޭސި ރާނީ ރާއްޖޭގެ ފަސްގަނޑުގައި ފައިންޕުޅު އެޅުއްވީމަ އެވެ.
ރާނީ އެލިޒަބަތު މަރުހަބާ ކިޔުމަށް މާލޭގައި ތައްޔާރުކޮށްފައި ހުރި ގިޑިގެއެއް
ޝައްކެއްވެސް ނެތެވެ! 1952 ވަނަ އަހަރު އެލިޒަބަތު އިނގިރޭސި ތަހުތުގައި ވެޑުވުނު އިރު ދުނިޔެއަށް ވަނީ އައު އަސްރަކަށް އަލިވިލިފައެވެ. އެދުވަހުއްސުރެ އައު ހިޔާލާތު ތަކާއި އެކު ކުރިޔަށް ވަޑައިގަތެވެ. އެތައް ބަދަލަކާއި ފުރޮޅުމެއް ދެކެވަޑައިގަތެވެ. ޖީލަކަށް ފަހު ޖީލެއް މަރުވަމުން ދިޔަތަނާއި އުފަންވަމުން ދިޔަތަންވެސް މެއެވެ. އެޔާއި އެކު ގެނުވަމުން އަންނަމުން ދިޔަ ހިޔާލާތުތައް އެއްސެވި އެވެ. އަދި އިނގިރޭސި ތަހުތުގައި 70 އަހަރު ރެނދަލި ކުރެއްވުމަށްފަހު އަވަހާރަވީ އިރު އަނެއްކާވެސް ދުނިޔެއަށް މިވަނީ އައު އަސްރަކަށް އަލިވިލެން ފަށައިފަ އެވެ. ފެންނަމުން ދަނީ އޭގެ ކޮޅުމަތިތަކެވެ. އާދޭހެވެ! އެކަމަނާގެ ވަކިވެވަޑައިގަތުން ފާހަގަ ކުރެވޭނީ އަސްރެއްގެ ނިމުންކަމުގައެވެ.
Comment