9 ސެޕްޓެންބަރު 2022 - 08:09 0
ފާތިމަތު ސާޔާ އަހުމަދު
ރަސްގެފާނު ޗާލްސް.
9 ސެޕްޓެންބަރު 2022 - 08:09 0
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވި ވަގުތުން ފެށިގެން ތަހުތު ލިބިވަޑައިގަންނަވާނީ ކުރީގެ ވަލީ އަހުދު ޗާލްސް އަށެވެ. އެހެން ނަމަވެސް، ރަސްމީކޮށް ރަސްކަން ހަވާލުކުރުމުގެ ބޮޑެތި އިހްތިފާލްތަކެއް ކުރިއަށް ދާނެ އެވެ.
ޝާހީ ގަނޑުވަރުން ބުރާސްފަތި ދުވަހުގެ ރޭ އިއުލާނު ކުރި ގޮތުގައި އާ ރަސްގެފާނަށް މުހާތަބް ކުރައްވާނީ ރަަސްގެފާނު ޗާލްސް ތިން ވަނައިގެ ގޮތުގަ އެވެ. އާ ރަސްގެފާނުގެ ރަސްކަމުގެ އެންމެ ފުރަތަމަ ނިންމެވުމަކީ އެއީ އެވެ.
އާ ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ ޗާލްސް ފިލިޕް އާތާ ޖޯޖް އެވެ. އެހެންކަމުން، އާދަކާދައިގެ މަތިން އާ ރަސްގެފާނަށް އެ ތަނުން ބޭނުންފުޅު ކޮންމެ ނަމެއް ހިޔާރު ކުރެއްވޭނެ އެވެ. ރަސްގެފާނު ޗާލްސްގެ އަނބިކަނބަލުން ކެމިލާއަށް ދެން މުހާތަބު ކުރައްވަން ޖެހޭނީ ކުއީން ކޮންސޯޓްގެ ގޮތުގަ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވިތާ 24 ގަޑިއިރު ތެރޭގައި އާ ރަސްގެފާނުގެ ގޮތުގައި ޗާލްސް ތަހުތަށް ވަޑައިގެންނެވިކަަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ. އެކަން އިއުލާން ކުރާނީ ލަންޑަންގެ ސެއިންޓް ޖޭމްސް ޕެލެސްގައި އެސެޝަން ކައުންސިލް ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމަށް 700 އަށް ވުރެ ގިނަ މީހުންނަށް ހާޒިރުވުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރޭގައި ކުރީގެ އަދި މިހާރުގެ އިސް ޕާލިމެންޓް މެމްބަރުންނާއި ލަންޑަންގެ މޭޔަރު އަދި ކޮމަންވެލްތުގެ ހައި ކޮމިޝަނަރުން ހިމެނެ އެވެ. އެހެން ނަމަވެސް، ހަގީގަތުގައި ބައިވެރިވާނެ ކަމަށް ބެލެވެނީ އެއަށްވުރެ މާ މަދު އަދަދެއްގެ ބޭފުޅުންނެވެ.
ރާނީ އެލިޒަބަތު
އެންމެ ފަހުން ރާނީ އެލިޒަބަތު ދެ ވަނައާ ތަހުތު ހަވާލުކުރެއްވުމަށް 1952 ގައި އޮސް އެސެޝަން ކައުންސިލްގައި 200 އެއްހާ މީހުން ބައިވެރިވި އެވެ. އާދަކާދައިގެ މަތިން އެ ބައްދަލުވުމުގައި ރަސްގެފާނު ޗާލްސް ބައިވެރިވެވަޑައި ނުގަންނަވާނެ އެވެ.
އެ ބައްދަލުވުން ބާއްވާތާ އާއްމުކޮށް އެއް ދުވަސް ފަހުން އެސެޝަން ކައުންސިލް އާއި ޕްރިވީ ކައުންސިލްގެ ބައްދަލުވުމެއް އަލުން އޮންނާނެ އެވެ. މި ފަހަރު ރަސްގެފާނު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެހެން ދައުލަތްތަކުގައި އޮންނަ ގޮތަށް ވެރިޔާ ހުވާ ކުރެއްވުމެއް އިނގިރޭސި ރަސްކަމުގައި ނޯވެ އެވެ. އޭގެ ބަދަލުގައި އާ ރަސްގެފާނުގެ ގަރާރެއް އިއްވަވައި، ފައްޅި ހިމާޔަތް ކުރަން ވައުދުވެވަޑައިގަންނަވާނެ އެވެ.
އޭގެ ފަހުން ސެއިންޓް ޖޭމްސް ޕެލެސްގެ ބެލްކަނީއަކަށް ނުކުމެ، ގާޓާ ކިންގް އޮފް އާމްސްގެ ލަގަބު ދީފައިވާ އޮފިޝަަލް އާ ރަސްގެފާނަކަށް ޗާލްސް ވަޑައިގެންނެވިކަން އަޑުހަރުކޮށް އިއުލާން ކުރާނެ އެވެ. އެ ތަނުގައި އިނގިރޭސި ގައުމީ ސަލާމް ޖަހާ އިރު، 1952 ވަނ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރާނީއަށް ނިސްބަތް ކުރުން އުނިކޮށް، ރަސްގެފާނަށް ނިސްތަބްކޮށް، "ގޯޑް ސޭވް ދަަ ކިންގް" ކިޔާނެ އެވެ. ހައިޑް ޕާކާއި ލަންޑަންގެ ޓަވަރު އަދި ނޭވީ ބޯޓުތަކުގައި ސަލާމުގެ ބަޑި ޖަހާނެ އެވެ.
އިހްތިފާލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ ރަސްގެފާނުގެ ތާޖު ރަސްމީކޮށް އަޅުއްވާ ހަފްލާ ނުވަތަ ކޮރޮނޭޝަަން އެވެ. އެކަމަށް ގިނަ ތަައްޔާާރީތަކެއް ވާން ޖެހޭތީ، ގިނަ ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ. ރާނީ އެލިޒަބަތު ދެ ވަނަ ތަހުތަށް ވަަޑައިގެންނެވީ ފެބްރުއަރީ 1952 ގަ އެވެ. ނަމަވެސް ކޮރޮނޭޝަން ހަފްލާ އޮތީ ޖޫން 1953 ގަ އެވެ.
ރަސްގެފާން ޗާލްސް އާއި އަނބިކަނބަލުން ކެމިލާ
ފާއިތުވި 900 އަހަރު ކޮރޮނޭޝަން ހަފްލާ އޮތީ ވެސްޓްމިންސްޓާ އަބޭގަ އެވެ. ރަަސްގެފާާނު ޗާލްސް ވެވަޑައިގަންނަވާނީ އެ ތަނުގައި ތާޖު ތުރުކުރަައްވާ 40 ވަނަ ވެރިޔާ އަށެވެ. އިނގިރޭސި ތަހުތަށް ވަަޑައިގަންނަވާ ވެރިޔާގެ ތާޖަކީ 1661 ވަނަ އަހަރު އުފެއްދި ރަަން ތާޖެކެވެ. އޭގެ ބަރުދަނުގައި 2.3 ކިލޯ ހުރެ އެވެ.
ކޮރޮނޭޝަން ހަފްލާއަކީ ދައުލަތުގެ ހަފްލާއަކަށް ވާތީ އެކަމަށް ހަރަދު ކުރަނީ އިނގިރޭސި ސަރުކާރުންނެވެ. އަދި ހާޒިރުވާން ދައުވަތު ފޮނުވާނެ ފަރާތްތައް ވެސް ކަނޑައަޅަނީ ސަަރުކާރުންނެވެ.
އިނގިރޭސި ރަސްގެފާާނުގެ އިތުރުން ޗާލްސްއަަކީ މިހާރު ކޮމަންވެލްތުގެ ވެސް ވެރިޔާ އެވެ. އެއީ 2.4 ބިލިއަން މީހުން ހިމެނޭ 56 މިނިވަން ގައުމުގެ ޖަމިއްޔާއެކެވެ. އޭގެ ތެރެއިން 14 ގައުމުގެ ދއުލަަތުގެ އެންމެ އިސްވެރިޔަކީ ޗާލްސް އެވެ.
Comment