Advertisement

ތ. އަތޮޅުގެ ކޮންމެ ރަށަކަށް އަތޮޅު ކައުންސިލުން ރަށު ޕިކަޕެއް

8 ސެޕްޓެންބަރު 2022 - 12:13 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ތ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށު ކައުންސިލްތަކަށް ހަދިޔާކުރި ޓްރައިސައިކަލްތައް ނުވަތަ ރަށު ޕިކަޕްތައް-- ފޮޓޯ: ތ. އަތޮޅު ކައުންސިލް


ތ. އަތޮޅުގެ ކޮންމެ ރަށަކަށް އަތޮޅު ކައުންސިލުން ރަށު ޕިކަޕެއް

8 ސެޕްޓެންބަރު 2022 - 12:13 1

ތ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ 13 ރަށުގެ ކައުންސިލަށް ޓްރައިސައިކަލް ނުވަތަ ރަށު ޕިކަޕް ހަދިޔާކޮށްފި އެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ވެހިކަލްތައް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

މި އެހީއަކީ އަތޮޅުގެ އިޖުތީމާއީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހަދިޔާ ކުރި އެއްޗެއް ކަމަށް މިކަމާ ގުޅިގެން އަތޮޅު ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނަސީމް ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކަށް ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަތޮޅު ކައުންސިލްގެ މެންޑޭޓު ތެރެއިގަ ހިމެނޭ ކަމެއް ކަމަށް، ރަށު ކައުންސިލްތަކުން ވެސް އެފަދަ ކަންކަމުގައި އެހީތެރިކަމަށް އެދިލައްވާ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި ރަށްރަށަށް ރަށު ޕިކަޕް ހަދިޔާ ކުރަން ނިންމީ އަތޮޅު ކައުންސިލުން އެކި ރަށްރަށަށް ކުރި ދަތުރުތަކުގައި ކުނި އުފުލުމަށާއި ނައްތާލުމަށް އެހީތެރިވާނެ ގޮތެއް ހޯދުމަށް އެފަދަ ވެހިކަލެއްގެ މުހިންމުކަން ގިނަ ކައުންސިލްތަކުން ފާހަގަކުރުމުންނެވެ.

އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ރައްޔިތުންނަށް ފައިދާ ވާ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ވެސް ރަށު ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނެ ހުރިހާ ކައުންސިލަކަށް އެއް ލައްކަ ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފައި، ކުރިއަށް ވެސް ރޭވިފައި ހުރީ މިފަދަ އެހީތެރިކަން ދިނުމަށް ސިއްހީ، ތައުލީމީ ފަދަ ދާއިރާތަކަށް އަމާޒުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ރަށު ކައުންސިލް މެދުވެރިކޮށް އެހީއަށް އެދެމުން އަންނަ ސުކޫލުތަކާއި ޖަމިއްޔާތަކާއި އެހެނިހެން އިދާރާތަކަށް އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.