Advertisement

އިގުތިސޯދީ ހާލަތާ ގުޅުވައި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަނީ

7 ސެޕްޓެންބަރު 2022 - 09:43 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފެއް. -އަދަދު ފައިލް ފޮޓޯ


އިގުތިސޯދީ ހާލަތާ ގުޅުވައި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަނީ

7 ސެޕްޓެންބަރު 2022 - 09:43 0

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކަށް މަދުވެގެން 4،500ރ. ގެ މަހު މުސާރައެއް ލިބޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު އިސްލާހު ކުރިއިރު، ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމުގެ ބައި ކަނޑައަޅަން ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވަނީ އެ މުއްދަތު ފަސްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އެ އިސްލާހުގައި ބުނަނީ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް ބިދޭސީ މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން ގިނަވެގެން ދެ އަހަރުގެ ތެރޭގައި އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދުނިޔޭގެ އިގުތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާތީ ހާލަތު އެކަމަށް އަދި ތަންނުދޭ ކަމަށެވެ.

"...އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމުވާނީ، ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ އާންމުކުރާ ތާރީހެއްގައި ކަމުގައި ކަނޑައެޅުމަށްޓަކައި،" ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

ގާނޫނުގެ 62 މާއްދާގެ (ކ) އިސްލާހުކުރަން ހުށަހެޅި ގޮތް


މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާއަތްކޮށް ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ އެވެ.

މިނިމަމް ވޭޖުގައި ހިމެނޭނެ އުޖޫރަ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ މާނައިގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ.

މީގެ މާނައަކީ މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.

ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65ރ. އެވެ.

ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގޮތުގައި މަހަކު 7،000ރ. ވަނީ ކަނޑައަޅައިފަ އެވެ.