6 ސެޕްޓެންބަރު 2022 - 10:16 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަަން ޝިއާނު މީގެ ކުރިން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަނީ. ކަރަންޓަށް އަގުނެގުން ހަމަހަމަކުރަން ގޮވާލައި އޭނާ މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ
6 ސެޕްޓެންބަރު 2022 - 10:16 0
ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަަސަން ޝިޔާން މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރުގައި ޝިޔާން ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމުންނާއި އެކަމުގައި މާލެއާ އެ ރަށްތަކާ ތަފާތުކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަަކުން ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި ޑައިވްސެންޓަރުތަކާއި ހޮޓާ ރެސްޓޯރެންޓް ހިންގާ ފަރާތްތައް އަދި ކުދި ވިޔަފާރިވެރިން ވެސް އެ ޝަކުވާ ކުރާ ކަަމަށެވެ.
".. އެފަރާތްތަކުގެ ވިޔަފާރި ހިންގުމަށް ޓަކައި މުވައްޒަފުންނަށް މުސާރަދިނުމާއި ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓްގެ އަގުބޮޑުވުމުވުމުގެ ސަބަބުން، ބިލްތައް ދެއްކުމަށް ފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުންނަ ކަމާއި، ވިޔަފާރިތައް ހިންގަމުން ދަނީ ގެއްލުމުގައިކަން ފާހަގަކޮށް، އެ ތަފާތުކުރުން ނައްތާލައި ހަމަހަމަކުރުމަށް އެކި އެކި ފޯރަމްތަކުގައި ވަކާލާތުކޮށް، ކަންބޮޑުވުންތައް އަބަދުމެ ދަނީ ފާޅުކުރަމުން،" ގަރާރުގައި ޝިޔާން ވިދާޅުވި އެވެ.
ގަރާރާއެކު އޭނާ ހުށަހަޅުއްވި އަގު ލިސްޓްގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށް ވާއިރު ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.
ޝިޔާން ވިދާޅުވި ގޮތުގައި ކަރަންޓަށް އަގު ނެގުމުގައި އޮތް އެ ތަފާތު ނައްތާލައި، ހަމަ ހަމަ ނުކުރެވޭ ނަމަ ޓެކްސް ނެގުމުގައި ރަށްރަށުގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުމަށް ހައްލެއް ލިބިދާނެ ކަމެކެވެ.
އެހެންވެ، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަކާއި ކުންފުނިތައް މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކަށް ހާޒިރުކޮށް އެކަން ހައްލުކޮށްދޭން ގަރާރުގައި އޭނާ ގޮވައިލެއްވި އެވެ. އެ ގަރާރާ މެދު މިހާރު ކުރަމުން އަންނަ ބަހުސްގައި މިހައިތަނަށް ވާހަކަދެއްކެވި ގިނަ މެމްބަރުން އެ ގަރާރަށް ތާއީދުކުރެއްވި އެވެ.
Comment