ހޯރަފުއްޓަށް ކުރި މަންޓާ އެއާގެ ފުރަތަމަ ފްލައިޓަށް ބޮޑުބެރުގެ ހަރަކާތުން މަރުހަބާ ކިޔަނީ. ހޯރަފުއްޓަށް ކޮންމެ ދުވަހަކު ޗާޓަރު ދަތުރެއް އޮންނާނެ. -- އަބްދުﷲ އިޔާން/ އަދަދު
މަންޓާ އެއާގެ އުދުހުން ފުޅާކޮށް، މާލެ އާއި ހއ. ހޯރަފުއްޓާ ދެމެދު ޗާޓަރު ދަތުރުތައް އިއްޔެ ފަށައިފި އެވެ.
މަންޓާގެ ފުރަތަމަ ފްލައިޓަށް ހޯރަފުށިން މަރުހަބާކީ ސަގާފީ ބޮޑުބެރުގެ ހަރަކާތާއެކު އެވެ. އެއަށް ފަހު ހޯރަފުށީ ކައުންސިލްގެ ފަރާތުން މަންޓާ އަށް މަލާފަތެއް އެރުވި އެވެ.
މަންޓާއިން ކޮންމެ ދުވަހަކު ހޯރަފުއްޓަށް ޗާޓަރު ދަތުރެއް ކުރަން ނިންމީ ޖޭއޭ މަނަފަރު ރިސޯޓާއެކު ހެދި އެއްބަސްވުމުގެ ދަށުންނެވެ.
ހޯރަފުށީ އެއާޕޯޓުގައި ފުލައިޓް ޖައްސާފައިވާއިރު، އެ އެއާލައިންގެ ސީއީއޯ ހަލީލު ބޯޓާ ދިމާއަށް ބައްލަވާލައްވަނީ. -- އަބްދުﷲ އިޔާން/ އަދަދު
މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުން އަލަށް ގެނައި ބީޗްކްރާފްޓް 1900ޑީ މަރުކާގެ 18 މީހުންގެ ޖާގައިގެ މަތިންދާ ބޯޓުތަކެވެ. މިއީ މިހާރު އޮޕަރޭޓާ އޭޓީއާރު މަތިންދާ ބޯޓުތަކާ އެއްވަރެއްގެ ދުވެލި ބާރު ބޯޓެކެވެ.
މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މި ދަތުރުތައް ފެށުމަކީ ލިބޭ ވަރަށް އުފަލެއް ކަމަށާއި މީގެ ސަބަބުން ހޯރަފުއްޓާއި މުޅި އެ ސަރަހައްދަށް ފައިދާ ކުރާނެ ކަމަށެވެ.
މި ދަތުރުތަކުގެ ސަބަބުން ހަމައެކަނި ފައިދާ ކުރާނީ މަނަފަރަކަށް ނޫން. ހޯރަފުށްޓާއި ރަށްތަކުގެ މީހުންނާއި ސަރަހައްދުގެ ވިޔަފާރިތަކަށް ވެސް ފައިދާ ލިބޭނެ،" ހަލީލު ވިދާޅުވި އެވެ.
މަނަފަރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ ޗާޓަރު ދަތުރުތަކުގެ އިތުރުން އެހެން ފަރާތްތަކަށް ހޯރަފުއްޓަށް މަންޓާގެ ފްލައިޓް ޗާޓަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މަންޓާ އެއާގެ ދަތުރުތައް ރަސްމީކޮށް ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި އެއާލައިނުން ސީޕްލޭން ދަތުރުތައް ވެސް ކުރެ އެވެ.
Comment