Advertisement

ގްރީން ޓެކްސް "ގޯސް" ރަނގަޅުކުރަން ހުށަހެޅި ބިލާ މެދު ވެސް ސުވާލެއް

5 ސެޕްޓެންބަރު 2022 - 11:10 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ވީއައިއޭގައި ތިބި ޓޫރިސްޓުންތަކެއް: ޓެކްސް ނެގޭނެ ކަމާ މެދު ސުވާލު އުފެދިފައި އޮތް މުއްދަތުގައި އެ ޓެކްސް ނެގޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގްރީން ޓެކްސް "ގޯސް" ރަނގަޅުކުރަން ހުށަހެޅި ބިލާ މެދު ވެސް ސުވާލެއް

5 ސެޕްޓެންބަރު 2022 - 11:10 0

މިފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނުގެ އިސްލާހުގައި ގްރީން ޓެކްސް ނެގުން ހުއްޓޭ ގޮތަށް އޮތް އތުން ރަނގަޅުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނޭ އިސްލާހެއް ގާނޫނަކަށް ހެދިދާނެކަމާމެދު ސުވާލު އުފައްދައިފި އެވެ.

ޓޫރިސްޓުން އަތުން ނަގަމުން އަންނަ ގްރީން ޓެކްސް ނެގޭނެ ކަމާ މެދު ސުވާލު އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުލައި މަހު ތަސްދީގުކުރެއްވި ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި، އާ ކްލެސިފިކޭޝަންތަކުގެ ދަށުން ގްރީން ޓެކްސް ނަގަން ފަށާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ 1 ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ ގާނޫނު ތަސްދީގުކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތަކުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އަނބުރާ ނުދައްކާހާ ހިނދަކު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ބުނާ އަކުރެއް ގާނޫނަށް އިތުރުކުރަން ހުށަހަޅައިފަ އެވެ.

ނަމަވެސް، މި އިސްލާހު ގާނޫނުގައި ހިމެނިދާނެތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިހާރު މިތަނަށް ހުށަހަޅައިފާތިވާ ގާނޫނުގައި އަޅުގަނޑަށް ފެންނަ ތަނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް، އެހެން ގޮތަކަށް ހެދުމަކަށް އެކަން ހިނގައިދިޔަ ފަހުން ގާނޫނެއް ހައްދަވަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި މާއްދާ ގާނޫނު އަސާސީގެ 59 ވަނަ މާއްދާއާ ހިލާފުވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި ގާނޫނު އަސާސީގައި ކުށެއް ކަމަށް ކަނޑައަޅައިފައިނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބު ނުދެވޭނެ އެވެ.

"މި ގާނޫނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާއެއް ނުހިމެނޭނެ،" ނަޝީދު ވިދާޅުވި އެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ.

ގްރީން ޓެކްސް ނެގުމާ މެދު ސުވާލު އުފެދުނީ މިހާރު އަމަލަކުރަމުންދާ ގާނޫނުގައި ވަކި ތާރީހަކުން ފެށިގެން ގްރީން ޓެކްސް ނެގޭނެ ކަމަށް ޖަހާފައިވާތީ އެވެ.

ގާނޫނު ތަސްދީގުކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން ވަނީ މި ޓެކްސް ނަގަން ޓޫރިސްޓުން އައިސް ތިބޭ ހުރިހާ ތަނަކަށް އަންގާފަ އެވެ.

ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނީ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުގެއްލޭ ގޮތަށް އެ ބިލުގައި މާއްދާތައް ހިމަނައިގެން ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.