Advertisement

ކޯޓު ރޫމަށް ފެން ފައިބާތީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

5 ސެޕްޓެންބަރު 2022 - 09:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން؛ ކޯޓު ރޫމަށް ފެން ފައިބާތީ އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތް ކެންސަލް


ކޯޓު ރޫމަށް ފެން ފައިބާތީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

5 ސެޕްޓެންބަރު 2022 - 09:51 0

ކްރިމިނަލް ކޯޓުގައި ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވަމުން ދިޔަ ކޯޓު ރޫމަށް ފެން ފައިބަމުންދާތީ މިއަދު ތާވަލުކުރި އަޑުއެހުން ވެސް ކެންސަލް ވެއްޖެ އެވެ.

އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ ކުރެ އެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު, އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގަ އެވެ.

މައްސަލައާ ހަވާލުވެ ހެންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ކަމަށް ތާވަލުކުރި ދުވަސް، މިދިޔަ މަހުގެ 30 ވަނަ ދުވަހު އިސް ގާޒީ ޗުއްޓީގައި ހުންނެވުމުން ތާވަލަށް އެ އަޑުއެހުން ހިމަނާފައެއް ނުވެ އެވެ.

އެއަށް ފަހު މިއަދަށް އަޑުއެހުން ތާވަލުކުރީ އެވެ. ކޯޓު ރޫމަށް ފެން ފައިބާތީ މިއަދަށް ތާވަލުކުރި އަޑުއެހުން މާދަމާ އަދި ބުދަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

"ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށް، މާލަމުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާތީ، މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތް،" ކޯޓުން މީޑިއާތަކާ ހިއްސާކުރި މެސެޖްގައިވެ އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން ދެން އޮތް އިރު، ދެ މީހުން ވެސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހުކުމެއް އައިސްފައިވަނީ ވެސް މި ދެ މީހުނަށް އެކަންޏެވެ.

ހިޔާނާތުގެ ތަހުގީގާއި ޝަރީއަތްތަކަށް އެއްބާރުލުން ދިނުމަށް އެއްބަސްވެ އަދީބާއި ޒިޔަތު ވަނީ ދައުލަތާއެކު ބާގެއިނިން އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބާއި ޒިޔަތުގެ އަދަބު ވެސް ލުއިކޮށްފައިވާއިރު، ޒިޔަތުގެ އެއްބަސްވުން ވަނީ އަހަރެއް ކުރިން ބާތިލްކޮށްފަ އެވެ.

އަދީބުގެ ޕާސަަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) އާއި، ޔާމީންގެ ކުރިން އެންމެ ގާތް އެއް އެކުވެރިޔަކަށް އުޅުއްވި، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހެކިބަސް ވެސް މިހާތަނަށް ޝަރީއަތަށް ނަގާފައިވެ އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.