Advertisement

ކާބޯތަކެތީގެ އަގުތައް ވިދިވިދިގެން ހަތް ވަނަ މަހު މައްޗަށް

4 ސެޕްޓެންބަރު 2022 - 13:13 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ވިއްކާ ސްޓޯލެއް: އަގު އުފުލެމުންދާ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ހިމެނޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކާބޯތަކެތީގެ އަގުތައް ވިދިވިދިގެން ހަތް ވަނަ މަހު މައްޗަށް

4 ސެޕްޓެންބަރު 2022 - 13:13 0

މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ހުއްޓުމެއްނެތި އުފުލެމުން އަންނަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން އާންމުކުރި އެންމެ ފަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)އިން ދައްކައިފި އެވެ.

ކާބޯތަކެތީގެ އަގުއުފުލެމުންދާ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުން ދިޔުމެވެ. ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުންދަނީ އުފެއްދުމުގެ ހަރަދާއި ލޮޖޮސްޓިކްސް ހަރަދު އިތުރުވުމާއި ބައެއް ބާވަތްތައް އެކްސްޕޯޓު ކުރުން ގައުމުތަކުން މަނާކުރުން ފަދަ ސަބަބުތަކާ ހުރެ އެވެ.

އެއާއެކު މޭވާ އާއި ތަރުކާރީ އާއި ތައްޔާރީ ކާނާ ހިމެނޭހެން ކާބޯތަކެތީގެ ބޭނުންތައް ފުއްދަން މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ރާއްޖޭގައި ބައެއް ބާވަތުގެ ކާނާގެ އަގު އަންނަނީ އުފުލެމުންނެވެ. އެމްބީއެސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާކިޔާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު އުފުލުން ނިސްބަތުން ހިފެހެއްޓިފައި ހުރި ނަމަވެސް، އެފަހުން އެވަރެޖު އިންފްލޭޝަން ރޭޓު ހުރީ 4.8 ޕަސެންޓުގަ އެވެ.

ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު

  • ޖެނުއަރީ - 1.94 ޕަސެންޓު
  • ފެބްރުއަރީ - 1.66 ޕަސެންޓު
  • މާޗު - 2.86 ޕަސެންޓު
  • އޭޕްރިލް - 3.66 ޕަސެންޓު
  • މޭ - 4.72 ޕަސެންޓު
  • ޖޫން - 5.21 ޕަސެންޓު
  • ޖުލައި - 5.99 ޕަސެންޓު

ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިން އާންމުކޮށް ބޭނުންކުރާ ގަނޑުކުރި ކުކުޅާއި ކުކިން އޮއިލްގެ އިތުރުން ނޫޑްލްސް އަދި ފްލޭވާޑް ކިރު ޕެކެޓާއި މަހާއި ދަޅުމަހުގެ އުފެއްދުންތަކެވެ. އޭގެ އިތުރުން މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެރެޓާއި ލިނބޯގެ އިތުރުން ލެޓިއުސް އާއި ގިތެޔޮ މިރުހުގެ އަގުތައް ވެސް ބައެއް މަސްމަހުގެ ތެރޭގައި އިންތިހާއަށް އުފުލުމަށް ފަހު، ސަޕްލައި ރަނގަޅުވުމާ އެކީ އަގު ވެއްޓިފައި އެބަ ހުއްޓެވެ.

އަހަރުން އަހަރަށް އަޅާ ކިޔާއިރު އިންފްލޭޝަން ރޭޓު މަތި ނަމަވެސް މަހުން މަހަށް ތަކެތީގެ ކަބޯތަކެތީގެ އަގު އުފުލޭ ރޭޓު ހުރީ މޭ މަސް ފިޔަވާ އެ ނޫން ހުރިހާ މަހެއްގައި ޕަސެންޓަކުން ތިރީގަ އެވެ.