ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ލަންދޫ ބޯޓު ވަނީ ފުންކޮށްފައި
ކ. ގާފަރު ފަރަށް އަރާ، އަޑިއަށް ދިޔަ ލަންދޫ ބޯޓު ފުންކޮށްފި އެވެ.
ގާފަރު ކައުންސިލުގެ ރައީސް މުބައްޝިރު ޖަލީލް 'އަދަދު'އަށް ވިދާޅުވީ އެރަށު ފަރަށް އަރައި، ލަންދޫ ބޯޓު އަޑިއަށް ދިޔައީއްސުރެ އެ ބޯޓަށް އެހީތެރިވުމުގައި އެރަށު ރައްޔިތުން ހަރަކާތެރިވަމުންދާާ ކަމަށެވެ. އަދި، މިކަމުގައި ރައްޔިތުން ނަމޫނާ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާފަރު ރައްޔިތުން ތިބީ މަހަށްވެސް ނުގޮސް، ތިން ދުވަސް ވަންދެން ލަންދޫ ބޯޓަށް އެހީތެރިވުމަށްޓަކައި ކަމަށެވެ. އަދި، އެރަށު ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން އެރަށަށް ގޮސް ތިބި މެހެމާނުންނަށް ކައްކަމުންދާކަން މުބައްޝިރު ފާހަގަކުރެއްވި އެވެ.
މުބައްޝިރު ވިދާޅުވީ ލަންދޫ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ލަންދުއިން ދިޔަ 50 މީހަކާ ގުޅިގެން ގާފަރުގެ 100 އެއްހާ މީހުން އެ ބޯޓަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ލަންދޫ ބޯޓު އަޑިއަށް ދިޔައީ އެކި ބާވަތުގެ މުދަލުން ބޯޓު ބަރާކޮށްގެން މާލެއިން ފުރައިގެން ނ. އަތޮޅަށް ދަނިކޮށްވެެ. ނ އަތޮޅުގެ ހަތަރު ރަށެއްގެ ފިހާރަ މުދަލާއި އާންމު މީހުންގެ މުދަލާއި، ކޮންމެވެސް ވަރަކަށް ކުޑަފަރީގެ މުދާ ވެސް އެ ބޯޓުގައި ހުރި ކަމަށް ބޯޓުގެ ވެރިފަރާތުގެ ދަރިފުޅު، އިބްރާހިމް ސައުދު ކިޔައިދީފައި ވެއެވެ. ސައުދު ބުނީ މަނަދޫގެ ފިހާރައަކުން އެކަނިވެސް ހަ ލައްކަ ރުފިޔާގެ މުދާ ބޯޓަށް އެރުވި ކަމަށެވެ.
ބޯޓުގެ ބޮޑުބައި އަޑިއަށް ދިޔައިރު، ގާފަރުގެ ދޯނިތަކުން ގޮސް އެހީތެރިވެގެން ސަލާމަތްކުރެވުނީ އޭގައި ހުރި ގޭސްފުޅި ތަކާއި ވަކަރެވެ. ބާކީ ހުރިހާ މުދަލެއް ބޯޓާއެކު ކަނޑުވީ އެވެ.
Comment