Advertisement

ލަންދޫ މާބަދިގެ ސައިޓު މިއުޒަމް އިމާރާތްކުރަން ދިން އެޑްވާންސް އަނބުރާ ދޭން ހުކުމްކޮށްފި

11 ޖޫން 2025 - 09:40 1

އަމަން ހަލީމް

އަމަން ހަލީމް

ނ. ލަންދޫ މާބަދިގެ ސަރަހައްދު. -- ފޮޓޯ: އަހުމަދު އަލާ ދީދީ


ލަންދޫ މާބަދިގެ ސައިޓު މިއުޒަމް އިމާރާތްކުރަން ދިން އެޑްވާންސް އަނބުރާ ދޭން ހުކުމްކޮށްފި

11 ޖޫން 2025 - 09:40 1

ނ. ލަންދޫ މާބަދިގެ ސައިޓު މިއުޒިއަމް ތަރައްގީ ކުރަން ހެރިޓޭޖު މިނިސްޓްރީން ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކިޔާ ކުންފުންޏަަކަށް އެޑްވާންސްގެ ގޮތުގައި ދިން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމެއް އިއްވީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގެ ގައިރު ހާޒިރުގަ އެވެ. މި އަހަރުގެ ޖެނުއަރީ 25، ގައި ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަަލައިގައި ލިޔެކިޔުންތަކާ ހަވާލުވުމަށް ފަހު ޖަވާބު ހުށަހަޅަން ދިން މުއްދަތުގައި އެ ކުންފުނިން އެއްވެސް ޖަވާބެއް ހުށަނާޅަ އެވެ.

ހެރިޓޭޖު މިނިސްޓްރީން ގެދޮރު ކޮންސްޓްރަކްޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅީ މަސައްކަތް ފެއްޓުމަށް އެޑްވާންސް ފައިސާ ދިން ނަމަވެސް މާބަދިގެ ސައިޓު ތަރައްގީކުރުމުގެ މަސައްކަތް ނުފަށާތީ އެވެ.

ހުކުމުގައިވާ ގޮތުގައި ގެދޮރު ކޮންސްޓްރަކްޝަނާ އެކީ އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 7، 2023 ގަ އެވެ. އެ ކުންފުންޏަށް އެޑްވާންސް ފައިސާ ވެސް ދިނީ މި ދުވަހުގަ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން އެ ކުންފުންޏަށް ބަންދު ދުވަސްތައް ނުލައި މަަސައްކަތް ނިންމަން ލިބެނީ 221 ދުވަހެވެ.

އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭ މުއްދަތު ގުނަން ފެށީ ސައިޓު ހަވާލުކުރެވުނު ތާރީހު ކަމުގައިވާ އޮގަސްޓު 2، 2023 އިން ފެށިގެންނެވެ. ނަމަވެސް އޭގެ ދޮޅު މަސް ދުވަސް ވޭތުވީ އިރު، ތަކުރާރުކޮށް އެންގުމުން ވެސް، އެއްވެސް މަސައްކަތެއް ނުފަށާތީ ނޮވެމްބަރު 14، 2023 ގައި އެއްބަސްވުން ބާތިލުކުރީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލައިގައި ކޯޓުން މިދިޔަ ބުދަ ދުވަހު ގެދޮރު ކޮންސްޓްރަކްޝަންގެ މައްޗަށް ހުކުމް ކުރީ ހަތް ދުވަސް ތެރޭގައި އެޑްވާންސް ފައިސާ އަނބުރާ ދެއްކުމަށެވެ.

ލަންދޫގައި ހުންނަ މާބަދިގެ އަކީ އެ ރަށުގައި އުޅުނު ކަމަށް ބުނާ ރެދިންނަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަމަށް ފޯކްލޯރެއްގައި ކިޔަ އެވެ. ފޯކްލޯރުގައި ކިޔާގޮތުން އެ ތަނަކީ ކެއްކުމާއި ނަށާ މަޖާ ކުރުމުގެ ކުޅިވަރުތައް ވެސް ކޮންމެ ރެއަކު އޮންނަ ތަނެކެވެ. އެ ކުޅިވަރުތައް ކުޅުމަށްފަހު ކޮންމެ ރެއެއް ވެސް ފަޖުރުލުމުގެ ކުރިން އެ ބަޔަކު އެ ބައެއްގެ ގެއަށް ދާ ކަމަށްވެ އެވެ.

ނަމަވެސް އެއް ރެއަކު ކުޅިވަރުގައި ރެދިން ތިއްބައި ފަޖުރުލުމާއެކު އެ ހުރިހާ އެންމެން ގާވީ ކަމަށް ފޯކްލޯރުގައި ކިޔަ އެވެ. އެ ފޯކްލޯރު ކިޔާ މީހުން ބުނާގޮތުން މާބަދިގޭގައި ރެދިންގެ ބުދުތައް މީގެ ކުރިން ހުރި ކަމަށްވެ އެވެ.