Advertisement

ޔޫއެސް އޯޕަން އިން ކަޓައި ސެރީނާގެ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަކަށް

3 ސެޕްޓެންބަރު 2022 - 11:08 0

މިއަދުގެ މެޗަށް ފަހު ސެރީނާ އިންޓަވިއު ދިންއިރު ރޮވިފައި.-- ފޮޓޯ: އޭއެފްޕީ


ޔޫއެސް އޯޕަން އިން ކަޓައި ސެރީނާގެ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަކަށް

3 ސެޕްޓެންބަރު 2022 - 11:08 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުގައި އޮސްޓްރޭލިއާގެ އަޔްލީ ޓޮމްލިޔަނޯވިޗް އަތުން ރޭ ބަލިވެ، މުބާރާތުން ކެޓުމާ އެކު މަޝްހޫރު ޓެނިސް ލެޖެންޑް، ސެރީނާ ވިލިއަމްސްގެ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް އަތުވެއްޖެ އެވެ.

މި މަހު 41 އަހަރު ފުރޭ ސެރީނާ ވަނީ މި ފަހަރުގެ ޔޫއެސް އޯޕަން ފެށުމުގެ މާ ކުރިން ވެސް މިއީ އޭނާގެ ވަދާއީ މުބާރާތަށް ވާނެ ކަމަށް ބުނެފަ އެވެ. ސެރީނާގެ 27 އަހަރުވީ ޕްރޮފެޝަނަލް ކެރިއަރު ނިމުނު މެޗުގައި އޭނާ ބަލިވީ ފޯރިގަދަ މެޗަކަށް ފަހު އެވެ. ސެރީނާގެ މައްޗަށް ޓޮމްލިޔަނޯޗިޗް ކުރިހޯދި މި މެޗުގެ ސެޓުތައް ދިޔައީ7-5 6-7 (4-7) 6-1 އިންނެވެ.

މެޗުގެ ފަހު ޕޮއިންޓް، ޓޮމްލިޔަނޯވިޗް ހޯދުމާ އެކު ސެރީނާގެ ލޮލުން ކަރުނަތައް އޮހެމުންދިޔައިރު، ސަޕޯޓަރުންގެ ދިޔައީ އޭނާ އަށް ތަރުހީބު ދެމުންނެވެ.

"މިއީ އަހަރެންގެ ހަޔާތުގައި އަބަދުވެސް ހަނދާން ހުންނާނެ އެންމެ ފުރިހަމަ ދަތުރު. ޓެނިސް ކެރިއަރުގެ މި ދަތުރަކީ އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައި، އަހަންނަށް ހިތްވަރު ދޭން ކެރިއަރުގެ އެކި ހިސާބުން "ގޯ ސެރީނާ" މި ހެން ގޮވާލި ކޮންމެ ސަޕޯޓަރަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" ފަހު މެޗަށް ފަހު ކޯޓުގައި ހުރެ ދިން އިންޓަވިއުގައި، ކަރުނަ ފޮހެމުން، ދިން އިންޓަވިއުގައި ސެރީނާ ބުންޏެވެ.

ސެރީނާ ޔޫއެސް އޯޕަން އިން ކެޓުމާ އެކު ޓެނިހުގެ މަޝްހޫރު ތަރިންނާއި އެކި ދާއިރާތަކުގެ ފަންނާނުން އަންނަނީ އޭނާ އަށް ސޯޝަލް މިޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރިޓަޔާމެންޓްގެ ހާއްސަ މެސެޖްތަކެއް ފޮނުވަމުންނެވެ.

ތޭވީސް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ ވަނީ ހަ ފަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. ސެރީނާ އެންމެ ފުރަތަމަ ޔޫއެސް އޯޕަން ކާމިޔާބުކުރީ 1999 ވަނަ އަހަރު އެވެ. އޭރު އުމުރަކީ 17 އަހަރެވެ. އެންމެ ފަހުން ސެރިނާ އަތްލި ގްރޭންޑް ސްލޭމް ތަށްޓަކީ 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ.

ސެރީނާ ކެރިއަރު ނިންމާލަން ޖެހިފައި މި ވަނީ ގްރޭންޑް ސްލޭމްގެ ބޮޑު، ރެކޯޑަކާ ފިޔަވަޅަކާ ގާތަށް ޖެހިލުމަށް ފަހު އެވެ. އެއީ 24 ގްރޭންޑް ސްލޭމް ހޯދައިގެން އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، މާގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ އެވެ. މާގަރެޓްގެ ރެކޯޑާ ހަމަކުރަން ސެރީނާ އަށް ޔޫއެސް އޯޕަންގައި އޮތް ފުރުސަތަކީ ޔޫއެސް އޯޕަން ކާމިޔާބު ކުރުމެވެ. އެކަމަކު، އެ ދަތުރު މި ނިމުނީ ތިން ވަނަ ބުރާ ހަމައިންނެވެ.

އެންމެ ފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން، އުމުރުން 19 އަހަރުގެ އިނގިރޭސި ތަރި، އެމާ ރަޑުކާނޫ އަށް މި ފަަހަރުގެ މުބާރާތް ނިމުނީ ފުރަތަމަ ބުރުންނެވެ. އޭނާ އަކީ ޑިފެންޑިން ޗެމްޕިއަންގެ ގޮތުގައި އައިސް ފުރަތަމަ ބުރުން މުބާރާތް ނިމުނު ތިން ވަނަ ކުޅުންތެރިޔާ އެވެ.