Advertisement

ބޮޑުފެންވަޅުގޭ ސީދީ، ގައުމުގެ ހިމާރަށް ވީގޮތް!

3 ސެޕްޓެންބަރު 2022 - 07:46 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ބޮޑުފެންވަޅުގޭ ސީދީ:- ބޮޑުފެންވަޅުގޭ ސީދީއަކީ ދިވެހިރާއްޖޭގެ ސިޔާސީ، އަދި އަދަބީ ތާރީހުގައި ފަނޑުވެ ނުދާނެ ނަމެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ބޮޑުފެންވަޅުގޭ ސީދީ، ގައުމުގެ ހިމާރަށް ވީގޮތް!

3 ސެޕްޓެންބަރު 2022 - 07:46 6

ހުސައިން އަލް ހުސައިނީއޭ ކިޔަސް، އަލްގާޒީ ހުސައިން އަފީފުއްދީނޭ ކިޔަސް، ނުވަތަ އައްޝައިހު ހުސައިން ބުނު މުހައްމަދުލް ހުސައިނީއޭ ކިޔަސް، ނުވަތަ އާންމުކޮށް ކިޔާ ގޮތަށް ބޮޑުފެންވަޅުގޭ ސީދީއޭ ކިޔަސް، މި ދައްކަނީ ރާއްޖެ ދުށް އެންމެ އިލްމުވެރި އެއް ބޭފުޅާގެ ވާހަކަ އެވެ. އައްސައްޔިދު، އައްޝައިހު، އަލް ގާޒީ މިހުރީ އެ ނަމުގެ ކުރިއަށް އިތުރުކުރެވޭހައި ލަގަބުތަކެވެ.

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ބައްޕާފުޅަކީ އައްސައްޔިދު މުހައްމަދު ކުޑަ ސީދީ އެވެ. އެއީ އަރަބި ކަރައިގެ ބައުލަވީ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މޫސާގެ އައްސައްޔިދު މުހައްމަދު، އައްޝައިހު މުހައްމަދުލް މަރަދުވިއްޔުގެ ދަރިކަނބަލުން އާމިނާފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އައްސައްޔިދު އިބްރާހީމް ދޮށީ ކަލޭގެފާނަށް، މާވާ ގަނޑުވަރު ހުސައިން ދީދީގެ ޅަދީދީގެ ބަނޑުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މަންމާ ފުޅަކީ ބޮޑުފެންވަޅުގޭ ދޮންމަނިކެ (ޒުލޭހާ އިބްރާހީމް މަޖްދުއްދީން) އެވެ. (ހަނދާނާއި ތާރީހުގެ ތެރެއިން 1 ވަނަ ބައި، އަހުމަދު ނަޖީބު، 2006)

ދިވެހިރާއްޖޭގެ އިލްމުވެރިންގެ ލިސްޓެއް ލިޔާކަމަށްވާނަމަ، އެ ލިސްޓުގެ ކުރިން ޖާގަ ހޯއްދަވާނޭ އެއްބޭފުޅަކީ ބޮޑުފެންވަޅުގޭ ސީދީ އެވެ. އަދަބީ ރޮނގުގައި ހިންގެވި ގަލަމުގެ އަސަރު އަދިވެސް މި ޖައްވުން ފިލާ ނުދެ އެވެ. ކަންޒުލްއަދަބާއި މާމަކުނުދޫ ބޮޑު އީސަގެ ވާހަކައާއި ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ ފަދަ ލިޔުއްވުންތަކުން މި މުޖުތަމައުއަށް އައު މިސްރާބެއް ދެއްކެވި އެވެ. ދިވެހި ތާރީހު ލިޔާ ކޮމިޓީގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މާލޭގެ ޚަތީބުކަމާއި، ވަޒީރުލްއައުގާފްކަމާއި، ވަޒީރުލްމައާރިފްކަމުގެ އިތުރުން އުއްތަމަފަނޑިޔާރުކަމުގެ މަގާމު ފުރުއްވައި ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އެވެ.

މި ހުރިހައި މަގާމުތަކެއް އަދާކުރެއްވި، މި އިލްމުވެރި ޝަހުސިއްޔަތު އޭނާގެ އަމިއްލަ ނަފުސަށް ނިސްބަތްކުރީ 'ގައުމުގެ ހިމާރު' ގެ ލަގަބެވެ. ޅެންތަކާއި ލިޔުއްވުންތަކުގައި ގަލަން ނަމެއްގެ ގޮތުގައި ލިޔުއްވާފައި އޮންނަނީ ހ.ގ. ނުވަތަ ހިމާރުލްގައުމެވެ. މިއީ ސަބަބެއް ނެތި ޖައްސަވާ ރަމްޒެެއް ނޫނެވެ.

ކަނޑީން ތީރުން އުލުންވާ ފާރު، އަވަހަށް ހިކި ފަސޭހަ ވިޔަސް

ދުލުން ކޮށްލާ ނުބައި ފާރެއް، އެހެންނެއް ނުހިކެއެއް ނޫންހޭ؟

ޅެންވެރިޔާ އުފައްދަވާފައިވާ މިސުވާލުގައި އެވަނީ ބޮޑުފެންވަޅުގޭ ސީދީ ހިމާރުލްގައުމަށް ވީ ސަބަބެވެ. ވީގޮތަކީ... ވީގޮތެއް ނޭނގޭނެ އެވެ. ވީގޮތް ކަމަށް ލިޔުންތަކުން ފެންނާން އޮތްގޮތް މި ލިޔަނީ އެވެ. ކިޔާ ބަޔަކު ފޫހިނުވާނެ ވަރަށް ކުރުކޮށެވެ. ތަފުސީލު ބޭނުންވާ ބަޔަކު އިތުރަށް ބެލުމަށް ހަވާލާ ދެމުން ގެންދާނަމެވެ.

ހާޖީ އިމާދުއްދީން ސުވޭހު ކައިވެނިފުޅަށް ވަޑައިގެން އުޅުއްވަނިކޮށް ރާއްޖޭގެ ވެރިކަން ފުރޮޅާލައިފި އެވެ. ވެރިކަމަށް އިސްކުރެވުނީ މުލީގޭ މަނިއްޕުޅެވެ. އެއީ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3 ގެ ގޮތުގަ އެވެ. ހާޖީ އިމާދުއްދީން ރަދުންގެ ދަރިކަލުން އަބްދުﷲ އިމާދުއްދީން އެނބުރި މާލެވަޑައިގެންނެވީ އަހަރުތަކެއް ފަހުންނެވެ. މާލެ ވަޑައިގެން މާންދޫގޭގައި ހުންނަވަނިކޮށް، މާލޭގެ ބޮޑުންގެ ތެރެއިން ބަޔަކު އަބްދުﷲ އިމާދުއްދީން ފައިންޕުޅު ދެކި، ދިވެހި ސަރުކާރާއި ޝަމްސުއްދީން ރަދުންގެ ރަސްކަމާގުޅޭ ޝަކުވާތަކެއް މެދުނުކެނޑި ކުރަމުން ގެންދިޔަ އެވެ. ހަގީގަތުގައި އަބްދުﷲ އިމާދުއްދީން މާލެ ވަޑައިގަތުމުގެ މަގުސަދަކީ ވެސް ވެރިކަން އަތުލެއްވުމެވެ. (ދިވެހިތާރީހަށް އައު އަލިކަމެއް)

އަބްދުﷲ އިމާދުއްދީނަށް ބައިއަތު ހިފައި ގަޑުބަޑުގައި ބައިވެރިވި އިސް ބޭފުޅުންގެ ތެރޭގައި ކަކާގޭ އިސްމާއީލް ދީދީ އާއި، ބޮޑުފެންވަޅުގޭ ސީދީ އާއި މެދުސީދީގެ ސީދީ ހިމެނެ އެވެ. މީގެ އިތުރުން މާންދޫގޭ ތުއްތު މަނިއްޕުޅުގެ އަތިރީ ހަކުރާ ދީދީގެ މަނިއްޕުޅާއި ކަންޒުދޮށުގޭ މަނިއްޕުޅުގެ އަބްދުލް މަޖީދު ދީދީ އާއި މުހައްމަދު ދީދީ އާއި އަދި އަހުމަދު ދީދީ ފަދަ ކަމުވޮށިގެންވީ ބޭބޭފުޅުންވެސް ތިއްބެވީ މި ގަޑުބަޑަށް ރުހިގެންނެވެ. މި އެންމެންވެގެން ރަސްކަން ހިފުމަށް ނުކުތުމަށް ނިންމި ޖަލްސާ ބޭއްވީ ފެބުރުއަރީ 9، 1925 ގަ އެވެ. އެ ޖަލްސާ އޮތީ މެދުސީދީގެ ސީދީގެ ގެއެއްގަ އެވެ. އެރޭގެ ޖަލުސާގެ 'ޔައުމިއްޔާ' ޖަލުސާކުރާ މާލަމުގެ ހަތަރު ފާރުން ބޭރުވެ، އެ ދިޔަގޮތަކަށް ގޮސް ރަދުންނަށްވެސް މި ގަޑުބަޑުގެ ހިލަން ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގައި ޝާމިލުވާ އެންމެން އެރެއިން އެރެއަށް ހައްޔަރުކުރެވިއްޖެ އެވެ.

ހައްޔަރުކުރެވުނު އެންމެން ބަނޑޭރިގެއަށް ގެންދެވިއްޖެ އެވެ. ސަފަކަށް އަތުރާލާފައިތިބިއިރު އެންމެ ކުރީގައި ތިއްބެވީ ބޮޑުފެންވަޅުގޭ ސީދީއާއި މެދުސީދީގެ ސީދީ އެވެ. ބަނޑޭރިގެއަށް ގެނެވުމާއެކު ދެބޭފުޅުންގެ އަތްޕުޅުގައި ބިޑިއެޅުވިއްޖެ އެވެ. އެތަނުން އެބޭފުޅުންނާ ބައްދަލުކުރެއްވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ބައްދަލުވުމާއެކު ކޯފާވެފައި ބޮޑުފެންވަޅުގޭ ސީދީއާ މުހާތަބުކުރައްވައި 'މިހިރަ ހިމާރާއޭ ކަލެއަށް ވެރިކަން ކުރެވިދާނެހޭ؟' ވިދާޅުވި އެވެ. މިހެން ވިދާޅުވުމާއެކު އަތްދަމާފައި ސީދީގެ ކަންކަށީގައި ޖެއްސެވި އެވެ. އެ އެތިފަހަރުން އެރި ލޮޅުމާއެކު ސީދީ އިސްތަށިފުޅުގައި އަޅުއްވާފައި އޮތް ތެޔޮރުމާ ބިންމައްޗަށް ވެއްޓުނެވެ. ސީދީވެސް ކޯފާވެ ގަދަބަސް ވިދާޅުވި އެވެ. 'މިރޭ އަހަރެންގެ އަތުގައި ބިޑިއަޅުވާފައި ނެތްނަމަ ކިލެގެފާނު އޮންނަންޖެހޭނީ އެހެރަ ތާނގަ އުއްޑުންޖެހިފަ' އޭ ވިދާޅުވި އެވެ. ދެން ސީދީއާ ދިމާކުރެއްވިކަމަށްވީ ހުސައިން ސަލާހުއްދީނެވެ. މަލާމާތުގެ ރާގަކަށް ވިދާޅުވިކަމަށްވަނީ 'ސީދީއޭ ފަނޑިޔާރުކަން ކުރަން ބޭނުމިއްޔާ ތިޔަބޮޑު މަތިމަސް ބާލައިގެން އަންނާށޭ' އެވެ. އެބަހަށް ބާރުދީ، އަނދަމުންދިޔަ އަލިފާނަށް ދަރުއެޅީ ރަން ވިއްކާ އިސްމާއިލްތައްހާނެވެ. އޭނާ ސީދީއަށް ނިސްބަތްކޮށް 'ނަގޫއަނބުރައި ބަޅުއަނބުރައި' ގޮވާލީ 'ކަލެޔަކަށް ވެރިކަމެއް ނުކުރެވޭނެޔޭ' އެވެ. މީރުބަރުހު އިސްމާއީލް ދީދީވެސް ފަހަތުން ހިފާލި އެވެ. 'ސީދީ އެވެ. ހުރިވަރެއް އެނގޭނީ މިރޭ ނުކުތްނަމަ އެވެ. ދޮންކަޅު ވަކިނުވާވަރު ކޮށްލީމުހެވެ.'

މި ވާހަކަ ލިޔުއްވާފައި އޮތީ އަބްދުލްހަކީމް ހުސައިން މަނިކު އެވެ. އޭނާއަށް މި ވާހަކަތައް ކިޔައިދެއްވީ އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި މީހުންގެ ތެރެއިން އަބްދުލްގައްޔޫމް ދޮންސީދީ ކަމަށް އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައި އޮވެ އެވެ.

ބޮޑުފެންވަޅުގޭ ސީދީ އަމިއްލަ އަތުން ލިޔުއްވާފައިވާ ބައިތެއް. މި ބައިތުގެ ތިރީގައި ޖައްސަވާފައި އެއޮތް ހ.ގ ގެ މާނައަކީ ހިމާރުލްގައުމު.


ސީދީއަށް ކުޑައިމީސްކުރުމުގައި އުފެދިފައި އޮތީ ވާދަވެރިކަމެކެވެ. އެމީހަކަށް ގޮވުނު އެއްޗެއް ގޮވަމުން ގެންދިޔައީ އެވެ. ހިއްވަރުފުޅު ގަދަ ސީދީގެ ހިތްޕުޅަށް މި މަލާމާތްތަކާއި ފުރައްސާރައިން ކުރީ ފުން އަސަރެކެވެ.

އެރޭ 'ސީދީއަށް ކުޑައިމީސްކުރުމުގެ މުބާރާތް' މެދުކަނޑުއްވާލުމަށްފަހު ދޮށިމޭނާކިލެގެފާނު ވަޑައިގެންނެވީ އަތިރީގެއަށެވެ. ހެނދުނު ހޭފުޅުލެއްވިއިރު އޮންނެވީ ގަދަހުމާ އެވެ. އެކަމުގައި ފަސޭހަވުމެއްނެތި ހަށިގަނޑުގެ އެއްފަޅީގެ ވާގިވެސް ނެތުނީ އެވެ. އެ އާލާސްކަންފުޅުގައި ހަމަ އެއަހަރު އަވަހާރަވެއްޖެ އެވެ. ބޮޑުފެންވަޅުގޭ ސީދީއާ އަރައިރުންވުމަށްފަހު ގިނައިރެއްނުވެ މިކަމެއް ހިނގުމުން ވާހަކަ ފެތުރިގެންދާނޭ ގޮތް ވިސްނަވާށެވެ. އެއީ ބޮޑުފެންވަޅުގޭ ސީދީ ވިއްޔާ އެވެ. ބަނޑޭރިގޭގައި ބަންދުކޮށްފައި ހުރިއިރުވެސް ދައުލަތުން ސީދީއާމެދު ބެހެއްޓެވީ މާބޮޑު އިނާޔަތްތެރިކަމެކެވެ. ބަނޑޭރިގޭގެ ކެއުމުގެ ބަދަލުގައި އަމިއްލަ ގެކޮޅުން ފަރިއްކޮޅު ގެންނެވުމުގެ ހުއްދަވެސް ދެއްވީ އެވެ. އެހެންނާ މިފަދަ ގަޑުބަޑެެއްގައި ކުށްވެރިވާ މީހުން ގައިގައި ދުއްރައިން ތެޅިނަމަވެސް މިފަހަރަށް އެކަންވެސް ނުކޮށްދޫކޮށްލީ އެވެ. އެއީ ސީދީއަށް ކުޅަ އިހުތިރާމަކުންތޯ ނުވަތަ ދޮށިމޭނާ ކިލެގެފާނަށް ވީގޮތް ފެނި ގަތް ބިރަކުންތޯ ކަށަވަރުކޮށް އެނގޭނޭ މައުލޫމާތެއް ނުފެނުނެވެ.

ސީދީ ފުރަތަމަ ފޮނުވާލެވުނީ ހުޅުދެއްޔަށެވެ. އެތަނުގައި ހުރެ ހެއްދެވި ޅެންތަކާއި ލިޔުއްވުންތައް މާލެއާ ހަމައަށް ފޯރާލެއް ފަސޭހަކަމުން، ފަހުން މުޅީން ވަކިން އެކަހެރިކޮށް އެއޮތް މާމަކުނުދޫއަށް ފޮނުވާލީ އެވެ. 'މިހިރަ އެހެރަ އަހުވަތަކަށް ޖެހިލުންނެތި ފަހިކުރާން، ހުޅުދެއްޔާ މަކުނުދުވާ އުޅުމަށް އެއްފަދަކުރާން' ކަމަށް އޮންނަ ބައިތަކީ މަކުނުދޫއަށް ފޮނުވާލެވުމުން އެރަށުގައި ހުންނަވައި ފުރަތަމަ ހެއްދެވި ޅެމުގެ ބައިތެކެވެ.

ހާޖީ އިމާދުއްދީންގެ އަބްދުﷲ އިމާދުއްދީން ގެންނަވަން އުޅުއްވި ގަޑުބަޑުގައި ބައިވެރިވާކަމަށްވެ ކުށްވެރިވުމުގައި ސީދީއަށް އެންމެ ބޮޑު އަސަރެެއް ކުރީ އޭނާއަށް ނިސްބަތްކޮށް ހިންގުނު ގަދަރު ކުޑަކޮށްލުމުގެ ބަސްތަކުންނެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޫފުޅުން 'މިހިރަ ހިމާރާއޭ' ވިދާޅުވުމުން ކުރި އަސަރުގެ ނަތީޖާއަކީ ސީދީ އެ ލަގަބު ގަބޫލުކުރައްވައި އަމިއްލަފުޅަށްވެސް އެ ނަން ލިބިގަތުމެވެ. ތިމަން މަނިކުފާނަކީ 'ގައުމުގެ ހިމާރު' ކަމަށް ވިދާޅުވެ، ލިޔުއްވުންތަކާއި ޅެންތަކުގައި ގަލަން ނަންފުޅެއްގެ ގޮތުގައި ހިމާރުލްގައުމު ބޭނުން ކުރައްވަން ފެއްޓެވި އެވެ.

ސީދީ މަކުނުދޫގައި ހުންނަވައިގެން ޝަމްސުއްދީން ރަދުންނަށް ވަރަށް އަސަރުގަދަ ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި އޭނާއަށް ކުރިމަތިވަމުން ދިޔަ ތަކުލީފުތަކާއި ހާލާތު ބަޔާންކޮށްދެއްވާފައިވަނީ ވަރަށް ތަފުސީލުކޮށެވެ. އަދި އާދޭހާއެކު ތަކުރާރުކޮށް މައާފަށް އެދިވަޑައިގެންފައި ވެ އެވެ. ސިޓީގެ ބައެއް ނުކުތާތައް މިތަނުގައި ނަކަލު ކުރަމެވެ. މި ސިޓީ ފެންނާން އޮތީ، މަރުހޫމް އަލީ ހުސައިންގެ ގައުމީ ހިދުމަތްތަކުގެ ތެރެއިންނެވެ.

  • މިހާރު މިއުޅެނީ މިގޮތްމަތީން އުޅޭތާ ދެ އަހަރު ވާށޭ. ހިތާމަވެރިކަމާ މޮޅިވެރިކަމޭ. އަދި ހަމަ ވާނުވާ ގޮތެއް ނޭނގެޔޭ. މިހެން ހުއްޓާ ހުސްވި މަހު ބޯހިމަނާން ދުރުވި ބޭކަލުން ސަރުކާރުން އެންގެވިއޭ ކިޔުއްވާފައި އަޅުގަނޑަށް މިދޭތެރެއަކުން ލިބުނު ހުރިހާ އެއްޗެއް ގެންދަވައިފިޔޭ. އަނެއްކާ މިމަހު ދުރުވެ، އަތުގައި އޮތިއްޔާ އޮތް ޗާޕު ފޮތެއްވެސް ދެހެރޭ ކިޔުއްވާފައި ގެންދަވައިފިޔޭ.
  • ދެން ދަންނަވަން މިއުޅެނީ ވަރަށް ލަދު ވާހަކަތަކޭ. އެއްޗެކޭ ނުހިއްތަވާ މާފުކުރެއްވުން އެދެމޭ. ކާނޭ އެންމެ ހަނޑޫކޮޅެއްވެސް ނެތޭ. މިހާރު މިކަނީ ފޮތްތައް ބަލާ ވަޑައިގެންނެވި ބޭކަލުން ދެއްވި ހަނޑޫކޮޅެކޭ. ގެޔަށް ވަންނަ އެކަކުވެސް ނޫޅެޔޭ. މިއެތިކޮޅު ހުސްވެއްޖިއްޔާ ދެން ހަނޑޫކޮޅެއް ދޭނޭ މީހަކު މިރަށުގައި ނެތޭ. އަމިއްލައަށް ކައްކާ ކައި އުޅޭން އަތޮޅުވެރީން އެންގެވިޔޭ ބުނެފައި ޚަތީބު އެންގިޔޭ.
  • ދެން ދަންނަވާނީ ކީކޭތޯއޭ މިހާރު އަޅުގަނޑުގެ އަނިބިކަނބުލޭގެ ފަރާތުގެ މީހަކުވެސް މިގެއަށް ވަދެއެއް ނޫޅެޔޭ. މިކަމަކާހެދި އެމީހާވެސް އިންނާނޭ ކަމެއް ނޭނގެޔޭ. މިހާރު އެވައްތަރު ފެނިލައިފިޔޭ. އިހަށް މިރަށުން އިން މީހާވެސް އެކަހަލަ ކަމަކާއޭ ނުއިނީ.
  • ދެން އަދި ދަންނަވަންތޯއޭ މި ދެންނެވިހައި ވާހަކައަކުން އަޅުގަނޑުގެ މަގުސަދަކީ އަޅުގަނޑުގެ ކިބައިގައި މިވާހާ ކުށްތައް މާފުކުރައްވާފައި އަމާންކަމާއެކު ސަލާމަތްކަމުގެ މައްޗަށް އަޅުގަނޑު ދޫކޮށްލެއްވުމޭ. ދެން އަލަކުން ދަންނަވާނޭ އާދޭހެއް ފިކުރަކަށް ނާދެޔޭ. ތިހެން ނަހައްދަވާށޭ. ތިބޭފުޅުންނީވެސް އަޅުގަނޑުގެ ދާދިތިމާގެ ބޭފުޅުންނޭ. އަޅުގަނޑުގެ ހާލާމެދަށް ހިތްޕުޅުގައި ޖެހިވަޑައިގަންވާންވެސް އެންމެ ރަނގަޅޭ.
  • ދެން މިއަށްފަހު އަޅުގަނޑުގެ ކިބައިން މިކަހަލަ ކުށެއް ފެނިވަޑައިގަންނަވާންދެން ނަމަވެސް ދޫކޮށްލައްވާށޭ. މާތްކަލާނގެ ރުއްސެވިއްޔާ ދެން މިކަހަލަ ކަމެއް ފެނިވަޑައެއް ނުގަންނަވާނެޔޭ.

ސީދީ ލިޔުއްވި އާދޭހުގެ ސިޓީގައި 19 ސަފުހާ ހިމެނެ އެވެ. އެ ސިޓީ ލިޔުއްވި ފަހުން ދައުލަތުން އޭނާއަށް މާފު ދެއްވައި މާލެ ގެންނަވައި ފަނޑިޔާރުކަން ދެެއްވި އެވެ.

ދުނިޔެ ހިނގާ މަގު ދެކޭށެވެ. ހެންވޭރުގަނޑުވަރު ގަޑުބަޑުގެ މައްސަލައިގައި ޝަމްސުއްދީން ރަދުން ކުށްވެރިވެއްޖެކަމަށް ވަޒީރުންގެ މަޖިލީހުންނާއި ސެނެޓުން ނިންމަވައި، ރަސްކަމުން އަޒުލުކޮށް ވަލީ ކޮމިޓީއެއް ހޮވައި، ހަވަރަށް މިކަން އެންގެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އޭރުގެ ފަނޑިޔާރު މަނިކުފާނު، ބޮޑުފެންވަޅުގޭ ސީދީ އެވެ. އެއީ އިހަށް ދުވަހާ ހަމައަށް ސިޔާސީ ކުށްވެރިއެކެވެ. ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްކޮށް، ރަސްގެފާނު ރަސްކަމުން އަޒުލުކުރެވުނުކަމާއި ވަލީކޮމިޓީއެއް އެކުލަވާލުކަން އަންގަވައި އެކަމާމެދު ވޯޓަށް އެއްސެވީ ބޮޑުފެންވަޅުގޭ ސީދީ އެވެ. ފަހުން ޝަމްސުއްދީނު މައްޗަށް ހިންގުނު ޝަރީއަތުގެ ފަނޑިޔާރަކީވެސް ބޮޑުފެންވަޅުގޭ ސީދީ އެވެ. ރަދުން ޝަމްސުއްދީންއާއި ދަރިކަލުން ޕްރިންސް އިއްޒުއްދީން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ފުވައްމުލަކަށް އަރުވާލަން ނިޔާކަނޑައެޅުއްވީވެސް އެމަނިކުފާނެވެ.

ބޮޑުފެންވަޅުގޭ ސީދީއަކީ ދިވެހިރާއްޖޭގެ ސިޔާސީ، އަދި އަދަބީ ތާރީހުގައި ފަނޑުވެ ނުދާނެ ނަމެކެވެ. ނިސްބަތްކުރެވުނު ދެރަބަހަކަށްޓަކައި އެމަނިކުފާނުގެ ޅެންތަކާއި ލިޔުއްވުންތަކުގައި އެއީ 'ގައުމުގެ ހިމާރު' ކަމަށް ޖެއްސެވިޔަސް، އެލިޔުއްވުންތަކުން ދެއްވާފައިވާ ދަރުސްތަކަށް ބަލާއިރު އަޅުގަނޑަށް އެއީ ގައުމުގެ އެދުރެކެވެ. ދިރިއުޅުމުގެ ފަލްސަފާ ކިޔައިދެއްވާފައި އެހުރީ ވަރަށް ސާދާ ތިލަ އިބާރާތުންނެވެ. ލިޔުއްވި ނާވިލުތަކުން ދައްކުވައި ދެއްވާފައިވަނީ އޮމާން ދިރިއުޅުމަކަށް ބޭނުންވާނޭ ހުރިހައި ފިލާވަޅެކެވެ.

ސީދީ އަވަހާރަވީ ޖޫން 2، 1970 ގަ އެވެ. އެހާތަނަށް ކޮށްދެއްވާފައި ހިދުމަތްތަކާމެދު ވިސްނައި ބަލައިފި މީހަކަށް ސީދީއަކީ މި ގައުމުގެ އިހުތިރާމު ހައްގުވެގެންވާ ބޭފުޅެއްކަމާމެދު ދެބަސްވެވޭނޭ ޖާގައެއް ނޯންނާނެ އެވެ. އުނި ކަންކަމާއި ކުށް ކުރެވުމަކީ އިންސާނީ ފިތުރަތުގެ އަސާސެވެ. ސީދީގެ ދިރިއުޅުއްވުމަށް ބަލާއިރު އޭނާއަށްވެސް އާޑަކިޔައި މަލާމާތްކުރެވޭފަދަ ކަންކަން ފެންނާން އެބަހުއްޓެވެ. އެހެން ނަމަވެސް ގައުމަށް ކުޅަ ހިދުމަތަށް ބަލާއިރު، އަމިއްލަފުޅަށް ގައުމުގެ ހިމާރުކަމަށް ވިދާޅުވަމުން ގެންދެވި ބޮޑުފެންވަޅުގޭ ސީދީއަކީ ގައުމުގެ ޖަވާހިރެއް ކަމާމެދު ސުވާލެއް ނެތެވެ.