Advertisement

ރަށު ނޯޓު: ނުވަ ރަށެއްގެ މީހުން ހިޖުރަކުރި ފުނަދޫގެ ކާމިޔާބު ސަފުހާ

3 ސެޕްޓެންބަރު 2022 - 12:29 4

ށ. އަތޮޅުގެ މަރުކަޒީ ރަށް ފުނަދޫ: މި ރަށަކީ ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ރަށެއް. -- ފޮޓޯ: ޖަޒުލާން މުހައްމަދު


ރަށު ނޯޓު: ނުވަ ރަށެއްގެ މީހުން ހިޖުރަކުރި ފުނަދޫގެ ކާމިޔާބު ސަފުހާ

3 ސެޕްޓެންބަރު 2022 - 12:29 4

ރަށަށް އަރައިފި މީހަކު ވިޔަސް، ފޮޓޯއިން ބެލިޔަސް މިއީ މީގެ 50 އަހަރު ކުރިން ފަޅު ރަށެއް ކަމަށް ގަބޫލުކުރަން ދަތިވެދާނެ އެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީވެ، ޒަމާނީ ވަސީލަތް ގާއިމުވެފައިވާ ހުރި ރަށެކެވެ. މި ފަހަރުގެ ރަށު ނޯޓު ސިލްސިލާގައި ގެނެސްދޭން މި އުޅެނީ ށ. ފުނަދޫގެ ވާހަކަ އެވެ.

ހަތްދިހަ އަށް ހެކްޓަރުގެ މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-15 އެވެ. އަތޮޅުގެ އިރުމަތީ ބިތުގައި އޮތް މި ބިޔަ ރަށަކީ އަތޮޅުގެ ވެރިރަށެވެ. ނަމަވެސް, ކުރިން ބިޔަ ފަޅުރަށެކެވެ. މިހާރު އަތޮޅާއި ސަރަހައްދުން، އަދި މުޅި ރާއްޖެއިން ވެސް އެންމެ ތަރައްގީވެފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެވެ.

އަތޮޅު ކައުންސިލްގެ ލިޔުންތަކުގައިވާ ގޮތުން ފުނަދޫގައި މީހުން އާބާދުވާން ފަށާފައި ވަނީ މާޗް 3، 1970 ގަ އެވެ. އެއީ ނ. ބޮމަސްދޫއިން 36 ގޭގެ 180 މީހުން ހިޖުރަކުރި ދުވަހެވެ. ބޮމަސްދޫ މީހުން ބަދަލުވެ ނިމިފައިވަނީ 1973 ގަ އެވެ.

ސަރުކާރުން ހިންގި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ށ. އަތޮޅުގެ ބައެއް ރަށްރަށުން ފުނަދު އަށް މީހުން ބަދަލުވެފައިވެ އެވެ. އެ މަޝްރޫއުގެ ދަށުން ފިރުނބައިދޫ އެންމެން ބަދަލުކުރި އެވެ. އެއީ 781 މީހުންނެވެ. އެހެންވެ، މިހާރު ފިރުނބައިދު އަކީ ފަޅުރަށެކެވެ. .

ގާމަތި، ލަފާފުރަން ދަތިވެ، މިނި އާލާނުވެ އެކަހެރި ރަށެއްގެ ގޮތުގައި އޮތް ނޫމަރާއިން 271 މީހުން ހިޖުރަކޮށްފައި ވާއިރު، މާކަނޑޫދޫން 130 މީހުން ފުނަދު އަށް ބަދަލުކުރި އެވެ. އަދި, މާއުނގޫދޫން 42 މީހުންނާއި ކޮމަންޑޫ، މަރޮށި، ފޭދޫ، އަދި ޅައިމަގުން ވެސް މީހުން ފުނަދު އަށް ބަދަލުވެފައިވެ އެވެ. ޖުމުލަ ނުވަ ރަށުގެ މީހުންނެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޒަމާނީ ފެންވަރަށް ރަށް ތަރައްގީވެ، އެންމެ ފަހުން މި ރަށަށް ވަނީ އެއާޕޯޓެއް ވެސް ލިބިފަ އެވެ.

ރަށުގެ އާބާދީގައި ދެހާހަށް ވުރެ ގިނަ މީހުން އުޅޭއިރު އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަމެވެ. އިމާރާތްކުރުމުގެ މަސައްކަތުގައި ވެސް ރަށުގެ ގްރޫޕްތައް ހަރަކާތްތެރިވެ އެވެ. ސަރުކާރުގެ ވަޒީފާތަކާއި އަމިއްލަ ވަޒީފާތަކުގައި ވެސް ގިނަ ބަޔަކު އުޅެ އެވެ.

ރަށު ސްކޫލުގައި ހަޔާ ސެކަންޑްރީއަށް ކިޔަވައިދެމުން އަންނައިރު، ވިލާ ކޮލެޖްގެ ކެމްޕަހަކާއި އަތޮޅު ހޮސްޕިޓަލް ހުރުމަކީ މީހުން ހިޖުރަކުރުމަށާއި ޒިޔާރަތްކުރުމުގެ ބާރެކެވެ. ބޯފެނާއި ނަރުދަމާ އާއި 24 ގަޑިއިރުގެ ކަރަންޓާއި ކުނި ނައްތާލުމުގެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ. ރަށުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ.

މިރަށަށް ކުރިން ކިޔައި އުޅުނީ ފަރުކޮޅުފުނަދޫ އެވެ. ނަމަވެސް މާޗް 12، 1995 ގައި ރަށުގެ ނަމުން "ފަރުކޮޅު" ވަކިކޮށް "ފުނަދޫ" ކިޔަން ފެށި އެވެ. މި ބަދަލު ގެނައީ ފަރުކޮޅާއި ފުނަދޫ ޖެހިޖެހިގެން އޮތަސް އަތޮޅު މީހުން ދެ ރަށުގެ ނަން އާންމުކޮށް ކިޔައި އުޅެނީ ވަކިން ކަމަށް ވާތީ ކަމުގައި ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވެ އެވެ.

މި ރަށުގެ ރީތި ވެށްޓަކީ ގޮނޑުދޮށާއި ފަރުކޮޅާއި ފުނަދުއާ ދެމެދުގައިވާ ތިލަ ފަޅާއި އެ މާހައުލުގެ ނަލަކަމާއި ހިތްގައިމުކަން ހިތްތައް ފުރާލަ އެވެ. އެކި ރަށްރަށުގެ މީހުން ހިޖުރަކޮށް އާބާދުވެފައި އޮތަސް، ފުނަދޫ އަކީ ބަދަހި ގުޅުމަކާއި ހީވާގި އުޅުމެއްގެ ނަމޫނާ ރަށެކެވެ. ރަށުގެ ކުރު ތާރީހުގެ ކާމިޔާބުގެ ސަފުހާތައް ދިގުވާ ސަބަބަކީ ވެސް މިއެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ފުނަދޫ އަތޮޅު: މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ސީ 15 އާބާދީ: 2,553، ފިރިހެނުން: 1,244، އަންހެނުން: 1،309 (މައުލޫމާތު: އައިލްސް) ފިހާރަ: 42 ކެފޭ، ރެސްޓޯރެންޓް: 3 ތެލާއި ގޭސް ވިއްކާ: 2 ތަން ފާމަސީ: 3 ތައުލީމު ދޭ ފެންވަރު: ގްރޭޑް 12 އަށް ކަރަންޓް: 24 ގަޑިއިރު ލިބޭ ފެނާއި ނަރުދަމާ ގާއިމުކުރެވިފައި، ކުނި ނައްތާލުން ގާއިމުކުރެވިފައި ކައުންސިލްގެ ފޯން ނަންބަރު: 6540052 އީމެއިލް:[email protected] މައުލޫމާތު: ށ. އަތޮޅު ކައުންސިލް، އައިލްސް