30 އޮގަސްޓު 2022 - 22:59 0
ސަސްގެ ފުރަތަމަ ގޯލު ޖެހި އިއްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
30 އޮގަސްޓު 2022 - 22:59 0
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިރޭ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި މަގާމު ދަމަހައްޓައިފި އެވެ.
މި ނަތިޖާއާ އެކު ތިން ސީޒަނަށް ފަހު ދަ ގްރާންޑޭ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.
މިރޭގެ މެޗާ އެކު ހަތަރު ޓީމުގެ މެދުގައި ކުރިއަށްދިޔަ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ވަނީ ނިމިފަ އެވެ. ލީގު އުސޫލުން ކުޅުނު ކޮލިފިކޭޝަންގެ އެއް ވަނަ އަށް ދިޔައީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ސަސް އެވެ. ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި ބުރު އެވެ. ތިން ވަނަ އަށް ދިޔަ ޓީނޭޖަށް ލިބުނީ ދެ ޕޮއިންޓެވެ. އަދި އެންމެ ފުލުގައި ނިންމި ދަ ގްރާންޑޭ އަށް ލިބުނީ އެއް ޕޮއިންޓެވެ.
މިރޭގެ މެޗަށް ދަ ގްރާންޑޭ އާއި ސަސް ނުކުތްއިރު، މި ދެ ޓީމުން ކުރެ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނީ އެއް ޓީމަކަށް ކަން އޮތީ ޔަގީންވެފަ އެވެ. އެއީ މިއަދު ހަވީރު ކްލަބް ޓީނޭޖް 3-1 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާތީ އެވެ. ދަ ގްރާންޑޭ ރެލިގޭޓްވީ، ކޮލިފިކޭޝަނުގައި ވެސް މޮޅެއް ނުލިބި އެވެ.
ސަސް އިން މިރޭގެ މެޗަށް ފުރަތަމަ އެގާރަ އަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ މުހައްމަދު އައްޒާމަށް ފުރުސަތު ދިނުމެވެ. ދަ ގްރާންޑޭ އިން ވެސް ދެ ގޯލުން މޮޅުވާން މަޖުބޫރުވެފައި އޮތުމުން މެޗަށް ނުކުތީ ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ.
މެޗު ފަށައިގެން މާ ގިނަ އިރެއް ނުވެ، ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އޭރިއާތެރެއިން ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ލެބަނަން ކީޕަރު މުހައްމަދު ތަހާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ 15 މިނިޓް ތެރޭ ދަ ގްރާންޑޭގެ އެންމެ ރަނގަޅު ހަމަލާތައް ފެނުނީ ކޯނަރުންނެވެ. އެ ގޮތުން އެއް ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ދަ ގްރާންޑޭގެ ސްރީ ލަންކާ ފޯވާޑް، މުހައްމަދު އާކިބް ބޮލުން ޖެހި ބޯޅަ ބޭރުވީ ފެނުގައި ޖެހިފައި ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.
ސަސް އާއި ދަ ގްރާންޑޭ އިން ވެސް މި މެޗުގައި މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރުމުގެ ބަދަލުގައި ވަރަށް އަވަހަށް ބޯޅަ އެޓޭކަށް ބަދަލުކޮށްލަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ސަސް އަށް ލީޑުނަގައިދޭން އެ ޓީމުގެ ވިންގް، މުހައްމަދު ސަހާއު (ބޭލް) ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ސަހާއު ފޮނުވާލި ދެ ޝޮޓް ވެސް ހުއްޓުވީ ކީޕަރު ތަހާ އެވެ.
ދަ ގްރާންޑޭގެ ވިޖުއްކޮ (ކ) ކައިރިން ސަސްގެ ސަހާއު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި، ދަ ގްރާންޑޭ އިން ކުރި އެޓޭކެއްގައި އޭރިއާތެރެއިން އަބްދުﷲ ޖުނައިދު (ޖެންނޭ) ޖެހި ބޯޅަ ސަސްގެ ޑިފެންޑަރު އައިހަމް އަހުމަދު (އައިހު) ވަނީ ބްލޮކްކޮށްފަ އެވެ.
ގްރާންޑޭ އިން ވަނީ މެޗުގެ ފަހު 30 ވަރަކަށް މިނިޓަށް އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ އަހުމަދު ނައުފަލްގެ ބަދަލުގައި ޒުވާން ވިންގް، މުހައްމަދު ލަޔާން އަހުމަދު ކުޅެން އަރުވައިފަ އެވެ.
މެޗުގެ ފަހު ހާފުގެ ބޮޑުބައި ވިއްސާރައިގެ ތެރޭގައި ކުޅުނުއިރު، މެޗުގެ 65 ވަަނަ މިނިޓްގައި ސަސްގެ އޭރިއާތެރެއިން ދަ ގްރާންޑޭގެ ލަޔާނަށް ހުސްކޮށް ލިބުނު ބޯޅައަކުން އޭނާ ޖެހި ޝޮޓް އަމާޒުވީ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތަށެވެ.
ގޯލެއް ޖަހަން ދަ ގްރާންޑޭ އިން ކުރި އަށް ޖެހި ތިބި ވަގުތެއްގެ ފައިދާނަގައި ސަސް އަށް މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ 75 ވަނަ މިނިޓްގައި އިއްބެ އެވެ. އައްޒާމް ދިން ބޯޅައަކަށް އޭރިއާތެރެއަށް ދުވެފައި ވަދެ، އިއްބެ ވަނީ ކީޕަރު ތަހާ ކުރިއަށް އެރި ވަގުތު ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ސަސްގެ ދެ ވަނަ ގޯލު ޖެހީ އައިހަމް އެވެ. ކީޕަރު ތަހާ ވަރަށް ކުރިއަށް ޖެހި ހުރި ވަގުތު އައިހަމް ވަނީ ހަމަޖެހިލާފައި އޭނާ ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 86 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އާކިބް އޭރިއާބޭރުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި 2019 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ އިން މި ސީޒަނުގައި ކުޅުނު 33 މެޗުގެ ތެރެއިން މޮޅުވީ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ސަސް އަތުންނެވެ. އެއީ ސަސް އަށް އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުޅުނު މެޗެެއްގަ އެެވެ. ދަ ގްރާންޑޭ ރެލިގޭޓްވީ ފުރަތަމަ ޑިވިޝަނުގައި ތިން ސީޒަން ފުރިހަމަ ކުރުމަށް ފަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment