30 އޮގަސްޓު 2022 - 21:00 0
ބުރުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
30 އޮގަސްޓު 2022 - 21:00 0
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ހުއްޓާލަން ޖެހުނު މެޗުން ބުރު ސްޕޯޓްސް ކްލަބް މޮޅުވީ ކަމަށް މުބާރާތުގެ ކޮމިޓީން ކަނޑައެޅުމާ އެކު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ 87 ވަނަ މިނިޓްގައި މެޗުގެ ރެފްރީ އަހުމަދު ޝަކީލްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން، ކްލަބް ޓީނޭޖް އޮފިޝަލުން ދަނޑަށް އެރުމާ އެކު މެޗު ހުއްޓާލިއިރު، ބުރު އޮތީ 3-1 އިން ކުރީގަ އެވެ.
އެ މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނުއިރު، އަލުން ފަށްޓަން ކުރި މަސައްކަތުގައި ވެސް ކާމިޔާބެއް ނުލިބުނެވެ. އެހެންވެ، ކޮމިޓީން ގޮތެއް ނިންމުމަށް ހުށަހެޅުމުން، މިރޭ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމީ ބުރު މޮޅުވީ ކަމަށެވެ.
މިއާ އެކު ބުރު ސްޕޯޓްސް ކްލަބަށް ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ދެ ޓީމުގެ ތެރޭގައި ޖާގަ ކަށަވަރުވެ، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބިފަ އެވެ. އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރު ކޮލިފިކޭޝަން ނިންމާލީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުން ބުރު ވަނީ ސަސް އަތުން ބަލިވެފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ޓީނޭޖް ބަލިކުރުމަށް ފަހު ފުރަތަމަ ޑިވިޝަނުން ޖާގަ ޔަގީންކުރީ އެވެ.
ކޮމިޓީގެ ބައްދަލުވުމަށް ފަަހު، އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓީނޭޖުގެ އޮފިޝަލުންތަކެއް މިއަދުގެ މެޗުގެ ރެފްރީ އަށް ހަމަލާދިނުމާއި ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ނުރުހުން ފާޅުކުރަމުން ގެންދާތީ އެ ފަދަ މާހައުލެއްގައި މެޗު ކުރިއަށް ގެންދެވެން ނެތް ކަމަށް މެޗު އޮފިޝަލުން މެޗު ކޮމިޝަނަރަށް އެނގި ކަމަށެވެ.
އެހެންވެ، އެފްއޭއެމްގެ މުބާރާތުގެ އިމަޖެންސީ ކޮމިޓީން ބެލުމަށް ފަހު ވަނީ މެޗު ހުއްޓާލިއިރު، ނަތީޖާ އޮތް ހާލަތާއި ކަންތައްތައް ހިނގާދިޔަ ގޮތް ބަލައި، މެޗުން ބުރު މޮޅުވީ ކަމަށް ކަނޑައަޅައިފަ އެވެ.
"އެ ގޮތުން 2023 ކޮލިފިކޭޝަން މުބާރާތް ކުޅޭ ގޮތުގެ ގަވާއިދުގެ 10.3 ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަނުކުރެވުނީ ކްލަބް ޓީނޭޖުގެ އިހުމާލުން ކަމަށް ކަން ހިނގާފައިވާގޮތަށް ބެލުމުން އެނގެން އޮންނާތީ އާއި މެޗު ހުއްޓާލީ މެޗުގެ 87 ވަނަ މިނިޓްގައި ކަމަށް ވެފައި، އެ ވަގުތު ނަތީޖާ އޮތްގޮތަކީ މެޗުގެ ފުރިހަމަ ނަތީޖާ ކަމަށް ކަނޑައެޅުމާ އެކު އަދި މި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ޑިސިޕްލިނަރީ ކަންކަން ބެލުމަށް މި އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަން ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ،" އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.
އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ އަނެއް ޖާގަ އަށް ވާދަކުރަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ އެވެ.
ކޮލިފިކޭޝަންގެ ފަހު މެޗުގައި މިރޭ ދަ ގްރާންޑޭ އާއި ސަސް ކުޅޭ މެޗު އެއްވަރުވެއްޖެނަމަ، ސަސް އަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓޭނެ އެވެ. ދަ ގްރާންޑޭ އަށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނީ މިރޭ ސަސް އަތުން ދެ ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment