30 އޮގަސްޓު 2022 - 17:53 0
މުހައްމަދު އުޝާމް
މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް؛ ކޮމަންވެލްތުގެ ޕަބްލިކް އެކައުންޓް ކޮމިޓީގެ މުގައްރިރަށް ވަނީ އިންތިހާބުކޮށްފައި
30 އޮގަސްޓު 2022 - 17:53 0
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ގައި އޮންނަ މާލިއްޔަތު ކޮމިޓީ ނުވަތަ ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މުގައްރިރަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އިންތިހާބު ވެއްޖެ އެވެ.
ސީޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ޕަބްލިކް އެކައުންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ކޮމިޓީގައި އިންނަވާ މެންބަރު ނާޝިޒް އެ ކޮމިޓީގެ މުގައްރިރަކަށް އިންތިހާބު ކޮށްފައިވާ ކަމަށެވެ.
މިއީ ހަތަރު އަހަރު ދުވަހުގެ ދައުރެއް ހިމެނޭ މަގާމެކެވެ.
ސީޕީއޭގެ ކޮމިޓީއެއްގެ މުގައްރިރަކަށް ދިވެހި މެންބަރަކު އިންތިހާބުކުރިއިރު، ރާއްޖެ އަލުން އެ އެސޯސިއޭޝަންގައި ބައިވެރިކުރަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމާއެކު، ސީޕީއޭއިން ވެސް ވަކިވި އެވެ.
ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަނަކީ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ބައިވެރިވާ ޖަމިއްޔާއެކެވެ.
ރައްޔިތުންގެ މަޖިލީހުން ސީޕީއޭގައި އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ 2000 ގަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ވަކިވުމަށްފަހު، ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމި ނިންމުމާއެކު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސީޕީއޭގައި ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެދުނީ އެވެ.
ކޮމަންވެލްތުގެ މެމްބަރުކަމުން، ޔާމީންގެ ވެރިކަމުގައި ވަކިވީ ރާއްޖޭގެ ދާހިލީ ކަންތައްތަކާ އެ ޖަމާއަތުން ބެހޭ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ.
1911 ވަނަ އަހަރު ހަ މެންބަރު ގައުމާއެކު ފެށި އެ ޖަމިއްޔާގައި މިހާރު 55 ގައުމު ހިމެނެ އެވެ. އަދި ނުވަ ސަރަހައްދެއްގައި 180 ބްރާންޗް ވަނީ ގާއިމްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment